ޕޮލިސް

ރޯދަމަހު ބާޒާރުމަތީ ސަރަހައްދުތަކުގައި ފުލުހުންގެ ހާއްސަ ޓީމެއް ހަރަކާތްތެރިވަނީ

އަންނަ ރަމަޟާން މަހު މާލޭގެ ބާޒާރު މަތީ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ ހާއްސަ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް، އަދި ޓްރެފިކް ފުލުހުންގެ ހެޑް މުހައްމަދު ލުތުފީ ވިދާޅުވީ ރޯދަމަހު ފުލުހުންގެ ހާއްސަ ޓީމަކުން އެމްއެމްއޭ އިންފެށިގެން މީރުބަހުރު ބަނދަރާއި ހަމައަށް ޓްރެފިކް ބަލަހައްޓާނެ ކަމަށެވެ.

އަދި އެސަރަހައްދުގައި 12:30 އިން ފެށިގެން 18:30 އާ ހަމައަށް އާންމު ދަތުރުފަތުރު ކުރަން ވެހިކަލްތައް ބޭނުން ނުކުރެވޭނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ލުތުފީ ވިދާޅުވީ އެސަރަހައްދުގައި ފުރުސަތު ދެވޭނީ ބާޒާރުމަތި ބޭނުންކުރަން އަންނަ ވެހިކަލުތަކަށް އެކަނި ކަމަށާއި، އާންމު ދަތުރުފަތުރު ކުރާ ވެހިކަލްތަކަށް އެސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މުދާ ބޭލުމަށާއި މުދާ އެރުވުމަށް މީރުބަހުރު ބަނދަރުން ފެށިގެން އެމްއެމްއޭ ސަރަހައްދާ ހަމައަށް 11 ޕޮއިންޓެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

އަދި މިރޭ 12 އިން ފެށިގެން ޝައްވާލު މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެސަރަހައްދުގެ ޕާކިން ޒޯންތަކުގައި އެއްވެސް އެއްޗެއް ބަހައްޓާފައި ހުރި ނަމަ އެ އެއްޗެއް ނަގާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ލުތުފީ ވިދާޅުވީ، ބާޒާރު ސަރަހައްދުގައި ހުރި ހުރިހާ ޕާކިން ލައިންތައް އާކޮށް، ޕާކިން ޒޯނަށް ވަކި ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން ސައިކަލާއި، 350 ޓަނުން ދަށުގެ ޕިކަޕް ޕާކް ކުރަން ވަކި ޒޯނެއް އޮންނާނެ ކަމަށެވެ.

އަދި ރޯދަމަހު ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާ ވަކި މަގުތަކެއް ހުރި އިރު ގިނަ މީހުން އަރާ މިސްކިތްތަކުގެ ޓްރެފިކް ވެސް ފުލުހުން ބަލަހައްޓާނެއެވެ.

ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާ މަގުތަކާއި ގޯޅިތަކަށް ބަލާއިރު މުހައްމަދު އިސްމާއިލް ދީދީ ގޯޅިއާއި ހުސްނީ ގޯޅިއާއި މުހައްމަދު އިބްރާހިމް ދީދީ ގޯޅިއާއި ކެނދިގަސް ހިނގުމާއި އާ ބުރުޒު ހިނގުމުން ފެށިގެން ފާރުކެނޑި ހިނގުމާ ހަމައަށް ފުލުހުން ބަލަހައްޓަމުންދާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

އަދި މާލެތެރެ ޕެޓްރޯލު ކުރުމުގައި މިފަހަރުގެ ރޯދަ މަހު އެސްއޯ ފުލުހުންގެ އެހީތެރިކަން ބޭނުންކުރާނެ ކަމަށްވެސް ފުލުހުން މިއަދު ބުނެފައިވެއެވެ.