ޕޮލިސް

ކަނޑައަޅައިފައިވާ ގަޑިތަކާ ހިލާފަށް ރޯދަމަހު މުދާ އުފުލާނަމަ ފިޔަވަޅު އަޅާނަން: ޕޮލިސް

ޝަހީދާ އަބްދުﷲ ސައީދު

ރޯދަ މަހު މާލޭގައި މުދާ އުފުލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފައިވާ ގަޑިތަކާ ހިލާފަށް މުދާ އުފުލާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ރަމަޟާން މަހު ފުލުހުން ހިންގާ ޚާއްސަ އޮޕަރޭޝަންތަކާ ބެހޭ ގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ލުތުފީ ވިދާޅުވީ ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ވިޔަފާރީގެ އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ގަޑިތަކެއް ކަނޑައަޅައިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ އުސޫލުތަކާ ހިލާފަށް ވިޔަފާރީގެ އުސޫލުން މުދާ އުފުލާނަމަ ޓްރެފިކް ފުލުހުން ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.

ރޯދަމަހު މާލޭގައި ވިޔަފާރީގެ އުސޫލުން ގަނޑުކޮށް މުދާ އުފުލަންވާނީ ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށް، އަދި ރޭގަނޑު 9:00 އިން ހެނދުނު 6:00 އާ ހަމައަށް ކަމަށް ވިދާޅުވިއެވެ. އެ ގަޑިތަކުގައި ހުރިހާ ބާވަތެއްގެ ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެ ކަމަށް ވިދާޅުވިއެވެ.

އަދި ހެނދުނު 9:00 އިން މެންދުރު ފަހު 3:00، އާ ހަމައަށް ފެނާއި ކައްކާ ގޭސް އުފުލާނަމަ 350 ކިލޯއަށްވުރެ ލުއި މުދާ އުފުލުމަށް ހުއްދަކުރާ އެއްގަމު އުޅަނދުގައި އުފުލުމަށާއި މެންދުރުފަހު 3:00 އިން ފެށިގެން ރޭގަނޑު 9:00 އާ ދެމެދު އެއްވެސް ބާވަތެއްގެ މުދަލެއް ގަނޑުކޮށް އެއްވެސް އުޅަނދެއްގައި އުފުލުމަކީ މަނާކަމެއް ކަމަށް ލުތުފީ ވިދާޅުވިއެވެ.

އަދި އޭގެ އިތުރުން ލުތުފީ ވިދާޅުވީ ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 3:00 އަށް، އަދި ރޭގަނޑު 1:00 އިން ހެނދުނު 6:00 އާ ދެމެދު ބުރިޖުން ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެ ކަމަށެވެ.

އަދި ބުރިޖަށް އުޅަނދު ފަހަރު އަރަންވާނީ މާލޭގެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށާއި އަދި ބުރިޖުމަތީގައި އެއްވެސް ބާވަތެއްގެ ހެވީ ވެހިކަލެއް އެއްވެސް ގަޑިއެއްގައި ދުއްވުމަކީ މަނާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި ރޯދަމަހު އެންމެ ބާރު ބޮޑުވާ ގަޑިތަކުގައި ބޮޑެތި ވެހިކަލުތައް މާލޭގެ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުގައި ދުއްވުމަށް ނިންމީ އެމްޕީއެލްއާ މަޝްވަރާކުރުމަށްފަހުއެވެ.