ޝަހީދާ އަބްދުﷲ ސައީދު
ކުރިއަށް އޮތް ރަމަޟާން މަހު ބުރިޖާއި ހައިވޭގެ ސެކިއުރިޓީ މިހާރަށްވުރެ ވަރުގަދަ ވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ރަމަޟާން މަހު ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު މީޑިއާއަށް ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރެފިކް އޮޕަރޭޝަން ޔުނިޓުގެ ހެޑް، ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ލުތުފީ ވިދާޅުވީ ބުރިޖާއި ހައިވޭގައި ދުއްވާ ފަރާތްތަކުން ގަވައިދާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ކަނޑައެޅިފައިވާ މިންގަނޑަށް ފެތޭ ހެލްމެޓް ބޭނުންކުރުމަށާއި ބުރިޖާއި ހައިވޭގައި ދުއްވުމަށް ކަނޑައަޅައިފައިވާ ސްޕީޑުގައި ދުއްވުމަށާއި އަދި ދުއްވަމުންދާއިރު އެއް ހަމައެއްގައި ނުދުއްވުމަށް ލުތުފީ އިލްތިމާސްކުރެއްވި އެވެ.
އޭނާ ވިދާޅުވީ މިހާރުވެސް ބުރިޖާއި ހައިވޭގައި ދުއްވާ ބައެއް ފަރާތްތަކުން އެއް ފަރާތުގައި މަޑުކޮށްގެން ފޯނު ބޭނުންކުރާކަން ފާހަގަކުރެވޭ ކަމަށެވެ.
ނަމަވެސް ރޯދަ މަހަކީ އަބަދުވެސް ޓްރެފިކް ބާރު ބޮޑުވާ މަހަކަށް ވެފައި އަދި މިއީ ބުރިޖު ބޭނުންކުރަން ފެށި ފަހުން އަންނަ ފުރަތަމަ ރޯދަ މަހަށްވުމާއެކު ސެކިއުރިޓީ މިފަހަރު ވަރުގަދަވާނެ ކަމަށެވެ.
އެގޮތުން ބުރިޖުގެ މާލެއާ ވީ ސަރަހައްދާއި ހުޅުމާލެއާ ވީ ސަރަހައްދުގެ ލައިޓް މެނުއަލްކޮށް ބަލަހައްޓަމުންދާނެ ކަމަށާއި އަދި ހަތަރު ލައިނަށް ބަދަލުވާ ހިސާބުގައި ފުލުހުން ޓްރެފިކް ބަލަހައްޓަމުންދާނެ ކަމަށް ލުތުފީ ވިދާޅުވިއެވެ.
އަދި އޭގެ އިތުރުން ފުލުހުންގެ ވެހިކަލާއި ސައިކަލުގައި ބުރިޖާއި ހައިވޭ މަތީގެ ސެކިއުރިޓީ ބަލަހައްޓަމުންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.