އިލެކްޝަންސް ކޮމިޝަން

ނޮވެމްބަރު 11ގައި އިބޫ ހުވާކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް: އީސީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ނޮވެމްބަރު 11ގައި ހުވާކުރެއްވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އެގޮތަށް ނިންމީ ރައީސްކަމުގެ ހުވާކުރެއްވުމާ ގުޅޭގޮތުން އިބޫގެ އޮފީހުން ފޮނުއްވި ސިޓީއަކާ ގުޅިގެން އެކަމާ މަޝްވަރާކުރުމަށްފަހުއެވެ.

ނޮވެމްބަރު 11ގައި ހުވާކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެ ކުރިން "ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި މޫސަ ވިދާޅުވީ 2013 ވަނަ އަހަރުގެ އިންތިޚާބީ ރައީސް ހުވާ ކުރެއްވުން އޭރުގެ ހާލަތާ ގުޅިގެން އެހެން ގޮތަކަށް ދިޔަ ނަމަވެސް، އެއީ މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ހުވާ ކުރުން ފަސް ކުރަން ޖެހޭ ސަބަބެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިހާބު 2013ގައި ޖެހުނު މައްސަލަތަކަކާ ގުޅިގެން އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ރައީސްކަމުގެ ހުވާކުރެއްވީ އެއަހަރުގެ ނޮވެމްބަރު 17ގައެވެ.