ބޮލީވުޑް

ބާރަތް އިން ޕްރިޔަންކާ ވަކިވި ކަމަށްޓަކައި އަނެއްކާވެސް ސަލްމާންގެ ބަހުގެ ހަމަލާއެއް

ބާރަތްގެ ޓީމުގައި ހިމެނޭ ތަރިންގެ ތެރެއިން، ސަލްމާން ޚާން، ކެޓްރީނާ ކައިފް، ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ވަނީ ހުކުރު ދުވަހު ފިލްމު ޕްރޮމޯޓް ކުރުމުގެ ގޮތުން ލައިވް ޗެޓެއް ޓުވިޓަރުގައި ގެންގޮސްފައެވެ.

ފޭނުންގެ ފަރާތުން އަމާޒުވި ގިނަ ސުވާލުތަކަށް މި ޓީމުން ދިޔައީ ޖަވާބު ދެމުންނެވެ.

ކެޓްރީނާއަށް ވަނީ ފިލްމުގައި އޭނާ ކުޅުނު ރޯލަށް ތައްޔާރުވި ގޮތާމެދު ސުވާލެއް ކޮށްފައެވެ. އޭގެ ޖަވާބުގައި ކެޓްރީނާ ވަނީ އޭނާ ފިލްމަށް ތައްޔާރުވީ ދެމަސް ދުވަހުގެ ތެރޭގައި ކަަމަށާއި އެ ދެމަސްދުވަހުގެ ތެރޭގައި ހަށިގަނޑާއި އަދި އިސްތަށިގަނޑަށް ގެންނަން ޖެހުނު ބަދަލާއި އެނޫންވެސް ހުރިހާ ކަމެއް ކުރަން ޖެހުނު ކަމަށެވެ.

ކެޓްރީނާގެ ޖަވާބު ނުނިމެނީސް ސަލްމާންވަނީ ކެޓްރީނާގެ ވާހަކަ ހުއްޓުވައިފަ އެވެ. އަދި ކުރިން ފިލްމުގެ ލީޑް ރޯލު ކުޅުމަށް ހަމަޖެހިގެން ދިޔަ ޕްރިޔަންކާ ޗޯޕްރާއަށް އަމާޒުކޮށް ފާޑު ކިޔުމެއް ރައްދުކޮށްފައެވެ. އެގޮތުން ސަލްމާން ބުނި ގޮތުގައި ޕްރިޔަންކާ އެމީހުނަށް ތައްޔާރުވުމަށް މާ ގިނަ ވަގުތު ނުދޭ ކަމަށެވެ.

ފިލްމު ބާރަތް އިން ޕްރިޔަންކާ ވަކިވީ ނިކް ޖޯނާސް އާ ކައިވެނި ކުރުމަށެވެ. މީގެ ކުރިންވެސް ސަލްމާން ވަނީ އެތައް ފަހަރަކު އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް ޕްރިޔަންކާއަށް އަމާޒުކޮށް ފާޑުކިޔައިފައެވެ. ފިލްމުން ޕްރިޔަންކާ ވަކިވާއިރަށް ކެޓްރީނާވަނީ ފިލްމުގެ ލީޑް ބަތަލާގެ ގޮތުގައި ހަމަޖައްސައިފައެވެ.