ބޮލީވުޑްގެ ލެޖެންޑެއް ކަމަށްވާ ރިޝީ ކަޕޫރު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ކުއްލިގޮތަކަށް ބޭސްފަރުވާއަށް ކަމަށް ބުނެ ނިއު ޔޯކަށް ފުރައިފައެވެ.
ރިޝީގެ އަމިއްލަ ޓުވީޓަރުގައި އޭނާ ވަނީ އެކަން ފޭނުންނާ ވެސް ހިއްސާކޮށްފައެވެ.
ތުން ތުން މަތިން އޭރު ބުނަމުން ދިޔައީ ރިޝީ އަށް ވަނީ ކެންސަރު ޖެހިފައި ކަަމަށެވެ. ނަމަވެސް އޭނާ ގެ ބޭބެ ރަންދީރު ކަޕޫރު ވަނީ އެއީ މުޅީން ރަނގަޅު ވާހަކައެއް ނޫންކަމަށް ބުނެފައެވެ. ޓައިމްސް އޮފް އިންޑިއާއަށް ރަންދީރު އޭރު ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި ރިޝީއަށް ކެންސަރު ޖެހިފައިވާ ކަން އޭރު ޔަގީނެއް ނުވެއެވެ. އޭގެ ފަހުންވެސް އެ އާއިލާގެ ފަރަާތުން ރިޝީގެ ބައްޔާ ބެހޭގޮތުން މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް ހުކުރު ދުވަހު ރިޝީ މިވަނީ ޑެކަން ކްރޮނިކަލް ކިޔާ ނޫހަކަށް ކެންސަރުން ފަރުވާލިބި މިހާރު ސަލާމަތްވެފައިވާ ކަމަށް ބުނެފައެވެ.
މި ހަފުތާ ކުރީކޮޅު ފިލްމު ޕްރޮޑިއުސަރު ރާހުލް ރަވައިލް ވެސް ވަނީ ފޭސްބުކް އަދި އިންސްޓަގްރާމުގައި ރިޝީ ކެންސަރުން ސަލާމަތްވެއްޖެ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން އިންޑިއަން އެކްސްޕްރެސް އިން ރިޝީގެ ބޭބެ ރަންދީރު ކަޕޫރާ ސުވާލު ކުރުމުން ވަނީ އެކަން ޔަގީންކޮށްދީފައެވެ. އަދި ޓްރީޓްމަންޓް ނިމުމުން ރިޝީއަށް ގައުމަށް އެނބުރި އާދެވޭނެ ކަމަށް ރަންދީރު ވަނީ ބުނެފައެވެ.
ރިޝީގެ އިންޓަވިއުގައި އޭނާ އިތުރަށް ބުނި ގޮތުގައި އިންޑިއާއަށް އެނބުރި އައުމުގެ ކުރިން ބޯން މެރޯ ޓްރާންސްޕްލާންޓެއް ހަދަން ޖެހޭނެ އެވެ. ރިޝީ ވަނީ ބަލި އެނދުގައި އޮތް އިރު އާއިލާ އާއި ފޭނުން ގެ ފަރާތުން ލިބުނު ލޯތްބާއި އަޅައިލުމާއި ދުއާއަށް ޝުކުރުއަދާކޮށްފައެވެ. ވަކިން ހާއްސަަކޮށް އޭނާގެ އަންހެނުން ނީތޫ އަކީ ބަލިން އޭނާ ސަލާމަތް ކުރުމަށް އެންމެ މަސައްކަތް ކުރި އެކަކު ކަމަށްވެސް ރިޝީ ވަނީ ފާހަގަކޮށްފައެވެ.
ރިޝީ އިތުރަށް ބުނީ އޭނާއަކީ އެހާ ކެތްގަދަ މީހެއް ނޫން ކަމަށާއި، ކެންސަރު ޖެހުމުން އެންމެ ބޮޑަށް ދަސްވީ ކެތްކުރަން ކަމަށެވެ. އަދި ބަލިން ސަލާމަތްވި ނަމަވެސް ހެލިފެލިވެ އުޅުމަށް ވަގުތު ނަގާނެ ކަމަށާއި ނަމަވެސް މިއީ ދިރިއުޅެވޭތީ ޝުކުރުވެރިވެވޭ ވަގުތެއްކަމުގައިވެސް ރިޝީ ބުންޏެވެ.