ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) އަށް ބަޔަކު މަރުގެ އިންޒާރު ދީފިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ސަލީމް މިއަދު ވިދާޅުވީ ރޭ ދަންވަރު ދެ ރަހުމަތްރެރިއަކާއެކު އޭނާ ސޯސަންމަގުން ދުއްވާފައި ދަނިކޮށް ފަހަތުން ސައިކަލުތަކެއްގައި އައި ބަޔަކު ކުރިމައްޗަށް އަރައި އޭނާ މަޑުކުރުވާފައިވާ ކަމަށެވެ.
އަދި މަޑުކުރުވުމަށްފަހު ގުރޫޕުގެ މީހުން ސައިކަލުތަކުން ފޭބުމަށްފަހު، ''ކަލޭ ދުއްވައިލާނަމޭ'' ބުނި ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމު ވިދާޅުވީ އެވަގުތު އެތަނަށް އައި ޒުވާން އެހެން ގުރޫޕަކުން ސަލީމާއި ދިމާނުކުރުމަށާއި ގައިގައި އަތް ނުލުމަށް އެމީހުންނަށް އެންގި ކަމަށެވެ.
އަދި އެ ދެގްރޫޕުގެ ދެމެދުގައި ވަރަށްގިނައިރު ވާހަކަދެއްކުމަށްފަހު، ސައިކަލުތަކުގައި އައި މީހުން ދިޔައީ ކުރިއަށް އޮތް ހަފުތާތެރޭގައި ސަލީމް ދުއްވައިލާނެ ކަމުގެ އިންޒާރު ދީފައި ކަމަށް ވިދާޅުވިއެވެ.
''ސައިކަލުތަކެއްގައި އައި ގުރޫޕަކުން ސޯސަން މަގުން ކުރިމައްޗަށަ އަރައި ހުއްޓުވި. ހުއްޓުވާފައި ބުނި ކަލޭ ދުއްވާލާނަމޭ. އެވަގުތު އެތަނަށް އައި އެހެން ޒުވާން ގްރޫޕެއްވެސް. އެމީހުން ބުނި ސަލީމަށް ގެއްލުމެއް ނުދިނުމަށް. ގައިގައި އަތްނުލާން. ވަރަށްގިނައިރު ދެބައިމީހުން ވާހަކަދެއްކި. އޭގެ ފަހުން ގުރޫޕު މީހުން ދަމުން ބުނި ކުރިއަށް އޮތް ހަފުތާތެރޭ ސަލީމު ދުއްވައިލާނަމޭ. ފުލުހުންނަށް ރިޕޯޓް ކުރިޔަސް ދުއްވައިލާނަމޭ.'' ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އެހާދިސާ ހިނގި ފަހުން އެތަނަށް ފުލުހުންގެ ބަޔަކު ދިޔަކަމަށާއި އެވަގުތު އޭނާ ގެއާ ހަމައަށް ގެންގޮސް ދިނުމުގައި އެހީތެރިވުމަށް އެދުމުން އެހީތެރިވުމުގެ ބަދަލުގައި އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ބުނެ، ފުލުހުން ދިޔައީ ކަމަށެވެ.
ސަލީމް ވިދާޅުވީ މީހެއްގެ ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ކުރިމަތިވުމުން އެހީތެރިކަމަށް އެދިއްޖެ ހާލަތެއްގައި ކޮންމެ ރައްޔިތަކަށްވެސް އެހީތެރިކަން ދިނުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށެވެ. އަދި އެފަދަ ވަގުތެއްގައި އެމީހަކީ ކާކުތޯ ބަލަން ނުޖެހޭނެ ކަމަށް ސަލީމު ވިދާޅުވިއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަހުމަދު ސަލީމަށް މަރުގެ އިންޒާރު ދިން މައްސަލައެއް ރޭ 1:30ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށާއި އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.