ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލު، އަމިއްލަ ބޭނުންތަކަށް އެފްއޭއެމް ފައިސާގެ ބޮޑު ބައެއް ހޭދަކޮށްފައިވާކަން ތަހުގީގުން އެނގިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.
ފުޓުބޯޅައިގެ މައި އިދާރާ ފެޑެރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އަދި ބޭރު ގައުމުތަކުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެހީގެ ގޮތުގައި ދޭ ފައިސާ އާއި ސަރުކާރުގެ ފަންޑިންއިން ހިންގަމުންދާ އެފްއޭއެމްގެ ތެރެއިން ފައިސާގެ ހިޔާނަތްތަކެއް ހިންގައި، މަނީ ލޯންޑާ ކޮށްފައިވާ ކަމަށް ޝައްކުކުރެވި، ފުލުހުން ދަނީ އެ އިދާރާގެ ވެރިންގެ މައްސަލަތަކެއް ބަލަމުންނެވެ. ޕީޖީ އެންގުމަށް އެފްއޭއެމްގެ ރައީސް ބައްސާމާ ގުޅުން ހުރި މައްސަލަތަކެއް ބަލައި، ހެކި ހޯދުމަށްފަހު މިހާރު ދައުވާ ކުރަންވެސް ފޮނުވާފައިވާ އިރު، އެ ތަހުގީގުގެ ބައެއް ތަފްސީލުތައް ޕީޖީން އެންމެ ފަހުން އާންމުކުރި "އުންސުރު" ނިއުސް ލެޓާގައި ހިމަނާފައިވެއެވެ.
އެގޮތުން 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހާ ހަމައަށް ގާތްގަނޑަކަށް 12.4 (ބާރަ ޕޮއިންޓް ހަތަރެއް މިލިއަން ޔޫ.އެސް ޑޮލަރު) ފީފާއިން އެފްއޭއެމްއަށް އެހީގެ ގޮތުގައި ދީފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. އެއީ ދިވެހި ރުފިޔާއިން ނަމަ 191،208،000.00 (އެއްސަތޭކަ ނުވަދިހަ އެއް މިލިއަން ދެލައްކަ އަށްހާސް ރުފިޔާ) އެވެ.
ޕީޖީން ބުނެފައި ވަނީ ފީފާއިންނާއި ބޭރުގެ ފުޓްބޯލް އެސޯސިއޭޝަންތަކުން އެފްއޭއެމަށް ފައިސާ ޖަމާކުރަނީ ބޭރު ފައިސާއިން ކަމުން، އެ އެސޯސިއޭޝަނަށް ލިބޭ ބޭރު ފައިސާ އެކި ފަރާތްތަކަށް ވިއްކައިގެން އެފްއޭއެމްއިން ދިވެހި ރުފިޔާ ހޯދަމުން ގެންދިޔައީ އެއްވެސް އުސޫލެއް ނެތި، އެކަމާ ގުޅޭ ރެކޯޑުވެސް ބެހެއްޓުމެއް ނެތި ކަމަށެވެ.
އެފްއޭއެމްގެ އެކައުންޓުން އެއިދާރާގެ ރައީސް ގ. ފަހިވާގެ، ބައްސާމްގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. ބޭންކަށް ހުށަހަޅާ ލިޔުންތަކުގައި އެ ފައިސާއަކީ "sales of dollars" ކަމުގައި ލިޔެފައިވީ ނަމަވެސް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްގެ އެއްވެސް ދިވެހި ރުފިޔާ އެކައުންޓަކަށް ޖަމާކޮށްފައިނުވާ ކަމަށްވެސް ޕީޖީން ބުންޏެވެ.
ޕީޖީން ބުނީ މާލީ މުއާމަލާތްތައް ހެކިދޭ ގޮތުގައި އެ ފައިސާ ބައްސާމް ބޭނުންކޮށްފައި ހުންނަނީ އަމިއްލަ ބޭނުންތަކަށެވެ. އެގޮތުން ބައްސާމް އަމިއްލައަށް އެ ފައިސާއަށް ޕްރޮޕަޓީސް ގަނެފައިވާކަމާއި އޭނާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރީގެ ހަރަދުތައް ކުރަމަށްވެސް އެފްއޭއެމް ފައިސާ ބޭނުންކޮށް، އާއިލާގެ ހަރަދުތައް ބަލަހައްޓައި ބޭރު ދަތުރުތައް ކުރުމަށްވެސް އެ ފައިސާ ބޭނުން ކޮށްފައިވާކަން އެނގިފައިވާ ކަމަށް ޕީޖީން ބުންޏެވެ.
އެ މައްސަލައިގައި ބައްސާމްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ އިރު، ޕީޖީން ބުނެފައި ބައްސާމަކީ އެމްއެމްޕީއާރްސީގެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތުވެސް ކުރެވޭ މީހެއް ކަމަށެވެ. އެ މައްސަލަ މިހާރު އޮތީ އޭސީސީ ތަހުގީގު މަރުހަލާގައެވެ.