ކްލަބު މޯލްޑިވްސް ކަޕް

ވެމްކޯ ބަލިކޮށް، ބީއެމްއެލް އިން ކްލަބު މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ކްލަބު ވެމްކޯ ބަލިކޮށް، ޔުނައިޓެޑް ބީއެމްއެލް އިން ކްލަބު މޯލްޑިވްސް ކަޕް 2019ގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

ބީއެމްއެލް އިން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި 6-1ގެ ނަތީޖާއަކުން ވެމްކޯ ބަލިކޮށްގެންނެވެ.

އެ މެޗުގައި ބީއެމްއެލް އިން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހާފިޒު ކާމިޔާބުކޮށްދިން އިރު، އިބްރާހިމް ސިނާހު ދެ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމް (ސައްޓު) އެވެ. އެ މެޗުގައި ވެމްކޯ އިން ޖެހި ހަމައެކަނި ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް އަސްވަދެވެ.

ފައިނަލް މެޗަށްފަހު ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. އެ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ ކިންގް އޮފް ފުޓްސަލްއަށް ހޮވިފައިވަނީ ބީއެމްއެލްގެ އަލީ ހާފިޒެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ބީއެމްއެލްގެ އިޝާން އިބްރާހީމް (ސައްޓު) އާއި ވެމްކޯގެ އަބްދުﷲ ޝައްފާން (ޝާކާ) އާއި ބީއެމްއެލްގެ އަލީ ހާފިޒާއި ވެމްކޯގެ އިބްރާހީމް އަސްވަދު އަދި ބީއެމްއެލްގެ ގޯލްކީޕަރު މުހައްމަދު ޝަފީއުއެވެ.

އެ މުބާރާތުގެ 25 އަހަރުންދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް އުރީދޫގެ މުހައްމަދު ރިޝްފާން ހޮވުނު އިރު، ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ބީއެމްއެލްގެ އިބްރާހީމް ސިނާހުއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ބީއެމްއެލްގެ ކޯޗު އިސްމާއިލް އަނިލްއެވެ.

އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އަބްދުﷲ ޝައްފާން (ޝާކާ) އެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ 16 ލަނޑު ޖަހައިފައެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޕްރިޒަން ކްލަބެވެ.

މިދިޔަ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ކުރިއަށްދިޔަ އެ މުބާރާތުގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި ޕޮލިސް ކްލަބު ބަލިކޮށް، އެމްޕީއެލް އިން ވަނީ ތަށި ދިފާއުކޮށްފައެވެ.

މިއަހަރުގެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރި އިރު، ވިމެންސް ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރިއެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮފިޝަލް އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.