ވިޔަފާރި

ކޮވިޑް ލޯނުތައް އަނބުރާ ދައްކަންޖެހޭ މުއްދަތު 10 އަހަރަށް އިތުރުކުރަނީ

މުހައްމަދު އިޝާން

ކޮވިޑް-19 އާ ގުޅިގެން ދޫކުރި ރިލީފް ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު 10 އަހަރަށް އިތުރުކޮށްދޭނެ ކަމަށް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފިއެވެ

އެސްޑީއެފްސީން އެކަމާ ގުޅިގެން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ އީދު ބަންދަށްފަހު ސަރުކާރު ހުޅުވޭ ހަފުތާ ތެރޭގައި، ލޯނު ނަގާފައިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ލޯނުގެ އިންޓްރެސްޓު މާފުކުރުމުން އަންނަ ބަދަލުތައް ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރެވޭނެ ކަމަށެވެ.

"ކޮވިޑް-19 ވިޔަފާރި އެހީ ލޯނުގެ ދަށުން ދޫކުރެވިފައިވާ ހުރިހާ ލޯނުތައް އަނބުރާ ދައްކަން ޖެހޭ މުއްދަތު ލޯނު ދޫކުރެވުނު ތާރީހުން ފެށިގެން ޖުމްލަ 10 އަހަރަށް އިތުރުކޮށްދޭނެއެވެ،" އެސްޑީއެފްސީން ބުންޏެވެ.

އަދި ބުނީ އިންޓްރެސްޓް ގޮތުގައި އިތުރަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެ ފައިސާ އަނބުރާ ހަވާލުކުރާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ލާމަށް އިއްޔެ ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރޭ ފޮނަދުއަށް ވަޑައިގެން ވިދާޅުވީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކުރި ކޮވިޑް ލޯނުތަކަށް އެރި އިންޓްރެސްޓު މާފު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.