ރާއްޖޭގެ ބައިނަލްއަގުވާމީ މައި ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް މިއަދު 58 އަހަރު ފުރުނީއެވެ. ވަރަށް އާދައިގެ ގޮތަކަށް 1966 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ހުޅުވި ބައިނަލްއަގުވާމީ ވައިގެ ބަނދަރު މިހާރު ވެފައި ވަނީ ދިވެހި އިގްތިސޯދަށް ދިރުން ގެނެސްދޭ މައި ތަނބަށެވެ. ދިވެހި އިގްތިސޯދު މި އެއާޕޯޓަށް ބަރޯސާވެފައިވާ އިރު، ފަތުރުވެރިކަން ވެސް މިހާ ހިސާބަށް އައިސްފައިވަނީ ވީއައިއޭއިން ފޯރުކޮށްދޭ ފުރިހަމަ ހިދުމަތްތައް ވެސް ހިމެނޭ ގޮތަށެވެ. މިއީ ރާއްޖެއާއި ބޭރު ދުނިޔެއާއި ވައިގެ މަގުން ގުޅުވާލަދިން "އެއާ ބުރިޖު" އެވެ. ވީއައިއޭއަކީ އިގްތިސޯދުގެ މުހިންމު ބައިވެރިއެއްކަން އެންމެ ބޮޑަށް އެނގިގެން ދިޔައީ 2020 ވަނަ އަހަރު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ކޮވިޑް-19 އިގެ ސަބަބުން، ރާއްޖޭގެ ވައިގެ ބޯޑަރު ބަންދުކުރި ހިސާބުންނެވެ. ވައިގެ ބޯޑަރު ބަންދުކުރުމުން ދިވެހި އިގްތިސޯދަށް ވަންނަ އާމްދަނީގެ 70 ޕަސެންޓު ނުލިބި ހުއްޓުނެވެ. އެއީ ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާއެވެ.
މިހާރުގެ ވީއައިއޭ އެންމެ ފުރަތަމަ ހުޅުވިގެން ދިޔައީ ހުޅުލޭ އެއާޕޯޓުގެ ނަމުގައެވެ. އެއީ ކުރީގެ ބޮޑުވަޒީރު އިބްރާހީމް ނާސިރުގެ ވެރިކަމުގައެވެ. ހުޅުލޭ އެއާޕޯޓުގެ މަސައްކަތަށް ރާއްޖޭގެ އެކި ރަށްރަށުން މީހުން ގެނެސްގެން އެ މީހުން އެ މަސައްކަތުގައި ބައިވެރިކުރިއެވެ. އެއީ ދިވެހި އިގްތިސޯދަށް އެ މީހުން ކޮށްދިން އަގު ނުކުރެވޭނޭ މުހިންމު މަސައްކަތެކެވެ. ހުޅުލޭ އެއާޕޯޓުގައި އެންމެ ފުރަތަމަ ފުލައިޓެއް ޖެއްސީ 1960 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. އެއީ ރޯޔަލް ނިއުޒިލެންޑް އެއާފޯސްގެ ޓްރާންސްޕޯޓް ފުލައިޓެކެވެ.
ފުރަތަމަ ކޮމާޝަލް ޕްލޭނެއް އޮޕަރޭޓު ކުރީ 1962 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހުއެވެ. އެއީ އެއާ ސިލޯންގެ ފްލައިޓެކެވެ. އެއިރު ހުޅުލޭ އެއާޕޯޓުގައި ބޭނުންކުރަމުން ދިޔައީ އިނގިރޭސިން އަޅައިދީފައިވާ ސްޓީލް ރަންވޭއެކެވެ. ނަމަވެސް 1964 ވަނަ އަހަރު ދިވެހި ސަރުކާރުން ނިންމީ ސްޓީލް ރަންވޭގެ ބަދަލުގައި ޒަމާނީ ރަންވޭއެއް ތާރު އަޅައިގެން ތަރައްގީ ކުރުމަށެވެ. ދިގުމިނުގައި 2،840 މީޓަރުގެ ހުންނަ އަދި ފުޅާމިނުގައި 45 މީޓަރު ހުންނަ ރަންވޭއެއް ހެދުމުގެ މަސައްކަތް ފެށިއެވެ.
އެއާޕޯޓުގެ ރަންވޭ ހެދުމުގެ މަސައްކަތަށް ދިވެހި ސަރުކާރުން 1966 ވަނަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހު "ހުޅުލޭ އެއާޕޯޓް" ނަމުގައި އިދާރާއެއް އުފެއްދިއެވެ. އެއީ އެއާޕޯޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމުގެ ގޮތުން ރައީސް ނާސިރު އިސްވެ ހުންނަވައި އުފެއްދި އިދާރާއެކެވެ. މިހާރު އެ އިދާރާއަކީ ދިވެހި ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އެވެ. ވީއައިއޭގެ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސް، ކޮންމެ ދުވަހަކު އަންނަ އެތަކެއް ޕަސެންޖަރުންނަށް ހިދުމަތް ދިނުމުގެ ކަންކަން މިހާރު ފުރިހަމަ ކުރަނީ އެމްއޭސީއެލުންނެވެ.
އެމްއޭސީއެލުން ވަނީ ވީއައިއޭ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. ވީއައިއޭއަކީ މިއަދު ބައިނަލްއަގުވާމީ ގިނަ އެވޯޑުތަކެއް ހާސިލުކޮށްފައިވާ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ އެއާޕޯޓެކެވެ. ވީއައިއޭއަށް އެންމެ ބޮޑު ބަދަލެއް އެމްއޭސީއެލުން ގެނެސްފައިވަނީ 2016 ވަނަ އަހަރުގައެވެ. އެއީ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެ ބިޔަބޮޑު މަޝްރޫއުގެ ދަށުން ގާއިމުކުރާ ވީއައިއޭގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ނިންމައި މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ބޭނުން ކުރަން ފެށުމަކީ އެމްއޭސީއެލުގެ އަމާޒެވެ. ދިވެހި ފަތުރުވެރިކަމުގެ ޕީކް ދުވަސްވަރު އެއާޕޯޓް އޮންނަނީ ފަތުރުވެރިން ގިނަ ކަމުން ތޮއްޖެހިފައެވެ. ފަތުރުވެރިން ކިޔުލައިނުގައި އެތަކެއް ގަޑިއިރެއް ހޭދަކުރަން ޖެހެއެވެ. އާ އިންޓަނޭޝަން ޓާމިނަލާއެކު ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ ކެޕޭސިޓީ އިތުރުވުމުގެ ސަބަބުން، ފަތުރުވެރިން ކިޔުލައިނުގައި ގިނައިރު ތިބޭކަށް ނުޖެހޭނެއެވެ. ދިވެހި އިގްތިސޯދަށާއި ފަތުރުވެރިކަމަށް ވެސް އެ ޓާމިނަލް މުހިންމު ވަނީ އެހެންވެގެންނެވެ.
އެއް ބިލިއަން ޑޮލަރުގެ އެ މަޝްރޫއުގެ ދަށުން އާ އިންޓަނޭޝަން ޓާމިނަލުގެ އިތުރުން އެމްއޭސީއެލުން ވަނީ އާ ރަންވޭއެއް ވެސް ހަދައި ނިންމައިފައެވެ. 2018 ވަނަ އަހަރުގެ ތެރޭގައި ރަންވޭގެ މަސައްކަތް ނިންމިއެވެ. އެއީ އޭ380އަށް ހިދުމަތް ދެވޭ ފެންވަރުގެ ރަންވޭއެކެވެ. ދިގުމުގައި 3400 މީޓަރު އަދި 60 މީޓަރު ފުޅާ އެ ރަންވޭ ކޮމާޝަލް އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ފެށީ 2022ގަ އެވެ. އާ ރަންވޭއާއެކު ފުލައިޓް އޮޕަރޭޝަންތައް އެތައް ގުނައަކުން ވަނީ ހަލުވިވެފައެވެ.
މީގެ އިތުރުން ވީއައިއޭގައި ދަނީ ފިއުލް ފާމް އާއި ފިއުލް ހައިޑްރެންޓު ސިސްޓަމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އާ ފިއުލް ފާމަކީ ކުރިން އެއާޕޯޓުގައި ތެޔޮ ރައްކާ ކުރަން ބޭނުންކުރި ފިއުލް ފާމްއާ އަޅާބަލާއިރު ޖާގަ ތިން ގުނަ ބޮޑު ތަނެކެވެ. ފިއުލް ފާމުގައި 45 މިލިއަން ލިޓަރުގެ ޖެޓް ފިއުލް ރައްކާ ކުރެވޭއިރު އެއް މިލިއަން ލިޓަރުގެ ޑީސަލް ރައްކާކުރެވޭނެއެވެ. އަދި 0.1 މިލިއަން ލިޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެއެވެ. ފިއުލް ފާމުގެ ގޮތުގައި ތިން ސްޓޯރޭޖް ގާއިމުކުރަން އެމްއޭސީއެލުން ވަނީ ނިންމައިފައެވެ. ޑިމާންޑު ބޮޑުވާ ނަމަ، އިތުރު ދެ ޓޭންކު ބަނދެވޭނެ ޖާގަ ވެސް އާ ފިއުލްފާމުގައި އޮންނާނެ އެވެ. އަދި އެއާޕޯޓުގެ އާ ރަންވޭ ތަރައްގީކޮށްފައިވަނީ ބޯޓު ޕާކްކުރާ ސަރަހައްދުގައި ގާއިމްކޮށްފައިވާ ތެޔޮ އަޅާ ހޮޅިތައް ނުވަތަ ހައިޑްރޭންޓް ސިސްޓަމް މެދުވެރިކޮށް ސީދާ ބޯޓަށް ތެޔޮ އެޅޭ ގޮތަށެވެ. 8.4 ކިލޯމީޓަރުގެ އެ ފިއުލް ހައިޑްރޭންޓް ސިސްޓަމްއާ އެކު ބޯޓުތަކަށް ތެޔޮ އަޅަން ހޭދަކުރާ ވަގުތު ބޮޑުތަނުން ކުޑަވެގެންދާނެއެވެ.
ވީއައިއޭއަށް އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އާ ވީއައިޕީ/ސީއައިޕީ ޓާމިނަލާއެކުއެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންނަށާއި ބޭރުގެ އިއްޒަތެރިންނަށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމަށް ގާއިމުކޮށްފައިވާ ޓާމިނަލެކެވެ. ވީއައިޕީ ޓާމިނަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހުގައެވެ. ބޮޑުމިނުގައި 3،200 އަކަމީޓަރު ހުންނަ ވީއައިޕީ ޓާމިނަލުން އެއްފަހަރާ 95 ފަސިންޖަރުންނަށް ހިދުމަތް ދެވެން ހުންނާނެއެވެ.
ރާއްޖެއަކީ ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން ޓާމިނަލް އޮތް ގައުމެވެ. މިއީ ވީއައިއޭގެ ތަރައްގީއަށް ގުޅިލާމެހިފައިވާ ޓާމިނަލެކެވެ. އެމްއޭސީއެލުން ވަނީ 55 މިލިއަން ޑޮލަރު ހަރަދުކޮށް ސީ ޕްލޭން ޓާމިނަލް ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. ރާއްޖެ އަންނަ ވަރަށް ގިނަ ފަތުރުވެރިން ރިސޯޓުތަކަށް ދިޔުމަށް ސީ ޕްލޭން ބޭނުން ކުރާއިރު، ސީ ޕްލޭން ޓާމިނަލަކީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޒަމާނީ ހިދުމަތް ދެވޭނެ ތަނަކަށް ވުމަކީ ކޮންމެހެން ވެސް މުހިންމު ކަމެވެ. ޕީކް ސީޒަނުގައި 7،000 އަށް ވުރެ ގިނަ ފަތުރުވެރިން ސީޕްލޭންގެ ހިދުމަތް ހޯދަ އެވެ. 55 މިލިއަން ޑޮލަރު ހަރަދު ކޮށްގެން ސީ ޕްލޭން ޓާމިނަލް ތަރައްގީކުރީ އެ އަމާޒު ހާސިލު ކުރުމަށެވެ. މިއަދު ސީ ޕްލޭން ޓާމިނަލަކީ ޒަމާނީ ހުރިހާ ފެސިލިޓީސްތަކަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ. ނޫވިލު ސީޕްލޭން ޓާމިނަލުގައި ތަރައްގީކޮށް އެތަން ބޭނުން ކުރަން ފަށައިފައިވަނީ 22 ވަނަ އަހަރުގެ ތެރޭގައެވެ.
މިއަހަރު ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވީއައިއޭގެ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ މާސްޓާ ޕްލޭން އިފުތިތާހުކޮށްދެއްވައިފައެވެ. މާސްޓާ ޕްލޭންގައިވާ ގޮތުން ވީއައިއޭގައި އިކޮނޮމިކް ޒޯނަކާ އެކު ސީ ޕްލޭން ޓާމިނަލް އެހެން ރަށަކަށް ބަދަލުކުރާ ގޮތަށް ވަނީ ހަމެޖެހިފައެވެ. ފުނަދޫއާއި ހުޅުލެއާ ދެމެދު ބުރިޖެއް ހެދުމަށް ވަނީ ނިންމައިފައެވެ. މާސްޓާ ޕްލޭންގައި ވަނީ ފުނަދޫ އަކީ ޕަސެންޖަރުންގެ ޓްރާންޝިޝަން އޭރިއާއެވެ. ފުނަދޫގައި މަޑު ކުރުމަށްފަހު ބުރިޖުން، ވީއައިއޭ ދެވެން ހުންނާއެވެ.
ވީއައިއޭގައި މިދިޔަ އަހަރު ވަނީ 62،866 އެއާޓްރެފިކް މޫވްމަންޓު މިދިޔަ އަހަރު ރެކޯޑުކޮށްފައެވެ. މިދިޔަ އަހަރު 2.8 ފަސިންޖަރުން ވީއައިއޭ މެދުވެރިކޮށް ރާއްޖެ އައިސް ގޮސްފައިވެ އެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުން 32 އެއާލައިނެއް ވީއައިއޭއަށް މިހާރު އޮޕަރޭޓު ކުރެ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ވީއައިއޭއިން ވަނީ ރާއްޖެއަށް 41 މިލިއަން ޓަނުގެ ކާގޯ ރާއްޖެ އެތެރެކޮށްފައެވެ. އަދި ވަނީ 15 މިލިއަން ޓަނުގެ ކާގޯ ބޭރުކޮށްފައެވެ. ވީއައިއޭން ވަނީ 7.5 މިލިއަން ޓަނުގެ ކާގޯ ޓްރާންޝިޕް ކޮށްފައެވެ. މިދިޔަ އަހަރަކީ އެހެން އަހުރުތަކާ އަޅައިބަލާއިރު ވީއައިއޭއަށް ކާމިޔާބު އަހަރެކެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފު ވިދާޅުވީ، ރާއްޖެ މަޝްހޫރުވެފައި ވަނީ ލަގްޒަރީ ޓޫރިޒަމަށް ކަމަށްވުމުން އެމްއޭސީއެލުގެ އަމާޒަކީ ވީއައިއޭއަކީ އެންމެ މަތީ ފެންވަރުގެ ހިދުމަތް ދެވޭ އެއާޕޯޓަކަށް ހެދުން ކަމަށެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާރު ހެދިފައި މިހިރީ ވަރަށް މަދު އަދަދެއްގެ ފަސިންޖަރުން ހޭންޑްލްކުރަން. ދޭތެރެ ދޭތެރެއިން މިފެންނަ ތޮއްޖެހުންތަކަކީ އަޅުގަނޑުމެންގެ ފިސިކަލް ކެޕޭސިޓީއާ އެކަށީގެންނުވާހާ ގިނަ އަދަދެއްގެ ޕަސިންޖަރުން އައުން. މި ހުޅުވާ އާ ޓާމިނަލަކީ، އެކަމަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެއް މަސައްކަތް،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ވީއައިއޭން ހިދުމަތް ހޯދާ ޕަސެންޖަރުންގެ ތަޖުރިބާ ރަނގަޅު ކުރުމަށްޓަކައި ލަސް ނުވެ މަތިންދާ ބޯޓުތައް ކަނެކްޓިން ޑެސްޓިނޭޝަންތަކަށް ފުރުވާލުމަކީ މުހިންމު ކަމެއް ކަމަށެވެ. ފިއުލް ހައިޑްރަންޓް ސިސްޓަމާއި އެކު ފުލައިޓް އޮޕަރޭޝަންތައް އަވަސްވާނެ ކަމަށާއި އަދި މިހާރު ވަނީ ފިއުލް ހައިޑްރަންޓް ސިސްޓަމެއް ގާއިމުކޮށް ފުލައިޓު ކައިރިން ތެޔޮ އެޅޭނެ ގޮތްތައް ހަދާފައި ކަމަށްވުމުން ފުލައިޓް ޑިޕާޗާ ލަސްވާ މައްސަލައަށް ބޮޑުތަނުން ހައްލު ހޯދިފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ.