18/30 ވިމެންސް ފުޓްސަލް ފިއެސްޓާ

ފައިނަލުގައި އަނެއްކާވެސް ޕޮލިސް ކްލަބު ބަލިކޮށް، އެމްޕީއެލް އިން ތަށި ދިފާއުކޮށްފި

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި އަނެއްކާވެސް ޕޮލިސް ކްލަބު ބަލިކޮށް، އެމްޕީއެލް އިން ތަށި ދިފާއުކޮށްފިއެވެ.

އެ މުބާރާތުގައި ރޭ ކުޅުނު ވާދަވެރި ފައިނަލް މެޗުގައި ޕޮލިސް ކްލަބު އަތުން އެމްޕީއެލް މޮޅުވީ 4-3ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރު ވެސް އެމްޕީއެލް އިން ޗެމްޕިއަންކަން ހޯދީ، ފައިނަލުގައި ޕޮލިސް ކްލަބު ބަލިކޮށްގެންނެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި އެމްޕީއެލް އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފާތިމަތު ޖޫޒާން ޒަރީރެވެ. އަދި އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ފާތިމަތު ޝާލިޔާއެވެ. އެ މެޗުގައި ޕޮލިސް ކްލަބުން ޖެހި ތިން ލަނޑު، އެޓީމަށް ކާމިޔާބުކޮށްދިނީ ޝީނީޒް މުހައްމަދާއި ފާތިމަތު ޒާހިރާ އަދި ބިދޭސީ ކުޅުންތެރިޔާ ސަވިތުރީ މަމްޔަލީއެވެ.

ފައިނަލް މެޗަށްފަހު އެ މުބާރާތުގެ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނާއި ޓީމުތަކަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. ވިމެންސް ފުޓްސަލް ފިއެސްޓާގެ ނިންމުމުގެ ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އަޝްއަދު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެމްޕީއެލްގެ ފާތިމަތު ޝާލިޔާއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ޕޮލިސް ކްލަބުގެ ސަކުނާ ސެނަބުތު އާއި އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރާއި ޕޮލިސް ކްލަބުގެ ސަވިތުރީ މަމްޔަލީ އާއި އެމްޕީއެލްގެ ފާތިމަތު ޝާލިޔާ އަދި އެމްޕީއެލްގެ ގޯލްކީޕަރު އަޒާމް އަކޮންޑީއެވެ.

އެ މުބާރާތުގެ 25 އަހަރުންދަށުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ޕޮލިސް ކްލަބުގެ ފާތިމަތު ތީބާ ހޮވުނު އިރު، ފެއާޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ މަރިޔަމް ރިފާއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އެމްޕީއެލްގެ ކޯޗު އަހްމަދު ވިޝާލެވެ.

އެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ކްލަބުގެ ބިދޭސީ ކުޅުންތެރިޔާ ސަކުނާ ސެނަބުތުއެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ 16 ލަނޑު ޖަހައިފައެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ފިރިހެން ބައިގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައެވެ. އެ މެޗުގައި ވާދަކުރާނީ ޔުނައިޓެޑް ބީއެމްއެލް އާއި ކްލަބު ވެމްކޯއެވެ.