ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފައި ހެޔޮ އަމަލުކުރުމުގައި އެކަކު އަނެކަކު ވާދަކޮށް، ކުރިއަރައިގެން ދާން މަސައްކަތްކުރަން ކުރަންޖެހޭ ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ބަރަކާތްތެރި ރަމަޟާން މަހަކީ އިލާހީ ރަހުމަތް އިންތިހާއަށް ތަނަވަސްވެގެންވާ މާތް މައްސަރެއް ކަމަށާއި މި މާތް މައްސަރުގެ ރަހުމަތާއި މަޣުފިރަތާއި ނަރަކައިން ދިންނެވުން ލިބިގަތުމަށްޓަކައި ފުރިހަމަ ތައުބާއަކުން ތައުބާވުމަށް އަވަސްވެގަންނަން ޖެހޭ ކަމަށެވެ.
ޝަރީއަތުގައި ތައުބާގެ މާނައަކީ ތިން ކަމެއް ކުރުން ކަމަށާއި އެއީ ކުރެވުނު ކުށެއް ނުވަތަ ފާފައެއް ދޫކޮށްލުމާއި އެ ކުށަކާ މެދު ދެރަވެ ހިތާމަކުރުމާއި ދުވަހަކު ވެސް އެފަދަ ފާފައެއް ނުކުރުމަށް ﷲގެ ހަޟުރަތުގައި އަޒުމު ކަނޑައެޅުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ދެވަނަ ކަމަކަށް ކުރަންޖެހޭ ކަމަކީ މި މައްސަރުގައި ﷲ މި އުންމަތުގެ މައްޗަށް ފަރުޟުކުރައްވާފައިވާ ރޯދަ ހިދުން ކަމަށާއި ރޯދަ ފަރުޟުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އަޅުގަނޑުމެންގެ ކިބައިގައި ތަގުވާގެ މާތް ސިފަ އަށަގެންނެވުން ކަމަށެވެ. އަދި ތިންވަނައަށް ކުރަން ޖެހޭ ކަމަކީ ކީރިތި ގުރުއާން ކިޔެވުމުގައި ވީހާ ވެސް ގިނަ ވަގުތު ހޭދަކުރެވޭތޯ ބެލުން ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ހަތަރުވަނައަށް ކުރަން ޖެހޭނެ ކަމަކީ ތަރާވީހު ނަމާދު ޖަމާއަތުގައި އަދާކުރުމަށް މަސައްކަތްކުރުން ކަމަށާއި ރޯދަމަހުގެ ރޭތައް ހޭދަކުރުމަކީ ގަދަވެގެންވާ ސުންނަތެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
"ދެ ރަކުއަތުން ރޭ އަޅުކަން ކުރުމަށް ސުންނަތުން ސާބިތުވެފައިވެއެވެ. އެގޮތުން ޖަމާއަތުގައި ކުރެވޭ ރޭ އަޅުކަމުގެ ތެރޭގައި ތަރާވީހު ނަމާދު ހިމެނެއެވެ. އަދި އިމާމާ ނިމެންދެން އެ އަޅުކަމުގައި މަޑުކޮށްފި ނަމަ، މުޅި ރޭ އަޅުކަން ކުރުމުގެ ސަވާބާއި ދަރުމަ ލިބެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނެފައިވަނީ ރޯދައަށް ތިބެގެން މުސްލިމުން އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނެ ކަމަކީ ފަރުޟު ނަމާދަށް ރައްކާތެރިވުން ކަމަށާއި ނަމާދަކީ ﷲ އެންމެ ބޮޑަށް ލޯބިވެވަޑައިގަންނަވާ އަޅުކަން ކަމަށެވެ. ފަސްވަނައަށް ކުރަން ޖެހޭނެ ކަމަކީ ދުއާކުރުން ކަމަށާއި ދުއާއަކީ އެންމެ ވަރުގަދަ ހަތިޔާރު ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.