ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) މިނިވަން ކުރުމުގެ ނިޔަތް މިހާރުގެ ސަރުކާރުގައި އެބަ އޮތް ކަމަށް ގަބޫލުކުރެއްވޭ ކަމަށް އެ މުއައްސަސާގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓަރު އަލީ ޚާލިދު ވިދާޅުވެއްޖެ އެވެ.
އަލީ ޚާލިދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ޔުނެސްކޯއިން އިންތިޒާމުކޮށްގެން އިއްޔެ ހޮޓެލް ޖެންގައި ބޭއްވި ކޮންފްރެންސްގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.
"ޖާނަލިޒަމް އެންޑް އިލެކްޝަންސް އިންދަ ޓައިމްސް އޮފް ޑިސްއިންފޮމޭޝަން"ގެ މައުޟޫގައި ކުރިޔަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ދިވެހިރާއްޖެއިން ދެ ޕެނަލިސްޓުން ބައިވެރިވެވަޑައިގެންނެވި އިރު، އިންޑިއާ އާއި ސްރީލަންކާ އާއި ބޫޓާނުން ވެސް ޕެނަލްގައި ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
އަލީ ޚާލިދު ވިދާޅުވީ ރާއްޖޭގައި ޕަބްލިކް ސާވިސް މީޑިއާއަށް ރައްޔިތުންގެ އިތުބާރު ހޯދޭނީ އެ ރައްޔިތުން ޑިމާންޑް ކުރާ ފަދަ ގޮތަކަށް ނުވަތަ ބަލައިގަންނަ މިންގަނޑަކަށް ޚަބަރާއި މައުލޫމާތު ފެތުރިގެން ކަމަށެވެ. އެހެން ނަމަވެސް ޕީއެެސްއެމްގެ ބޭނުން ސަރުކާރުތަކުން ކުރަމުން ގޮސްފައި އޮތީ އެމަގުން ކަމަށް ދެންނެވެން ނެތް ކަމަށް އަލީ ވިދާޅުވި އެވެ.
"ޕީއެސްއެމްގެ ބޭނުން ކުރެވިފަ މި އޮތީ ރައްޔިތުން ގަބޫލުކުރާ މިންގަނޑުތެރޭގައެއް ނޫން. ސަރުކާރުތަކުން އެމީހުންގެ ބޭނުންތަކަށް މަގުފަހިކުރުވާ ޓޫލެއްގެ ގޮތުގަ ބޭނުންކޮށްފަ އޮތީ. އެހެންވީމަ މިހާރު އެންމެ ބޮޑަށް ކުރާން ޖެހޭ ކަމަކީ އިތުބާރު ހޯދައިދިނުން. އެކަމަށް ވަގުތުތަކެއް ވެސް ނަގާނެ." އަލީ ވިދާޅުވި އެވެ.
އަލީ ޚާލިދު ވިދާޅުވީ އާ ސަރުކާރުގެ ފާއިތުވި މަދު މަސްތަކުގައި ކުރެއްވުނު ތަޖުރިބާގެ އަލީގައި ދެންނެވޭނީ ޕީއެސްއެމްގެ ނޫސްވެރީންނަށް މިނިވަން ކަމާއެކު ނޫސްވެރިކަން ކުރުުގެ ފުރުސަތު ދިނުމުގެ ނިޔަތް އޮވެގެން އެމަގުން ސަރުކާރުން ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި އެއީ ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ސިޔާސީ މީހުންނަށް ވެސް ރައްޔިތުންނަށް ވެސް އެންމެނަށް ވެސް ގަބޫލުކުރެވެން އެބަ ޖެހޭ ޕަބްލިކް ސާވިސް މީޑިއާއެއްގެ ބޭނުމަކީ ކޮބައިކަން. އޭގެން ރައްޔިތުންނަށް ލިބެން ޖެހޭނެ ޚިދުމަތަކީ ކޮބައިކަން. އެ ގޮތަށް ގަބޫލުކޮށްގެން މަސައްކަތް ކުރެވޭނެމަ ހަމަޔަކަށް އެޅެން ގިނަ ދުވަހެއް ނުނަގާނެ. އެކަމަކު ކުރީން އަޅުގަނޑުމެންނަށް ފެނިފަ އޮތީ ކޮންމެ އާ ސަރުކާރަކާ އެކު ޕީއެސްއެމްގެ އެޑިޓޯރިއަލް ޕޮލިސީތައް ވެސް އަދި ޕީއެސްއެމްގެ ބޭނުން ހިފާ ގޮތް ވެސް ބަދަލުވެގެންދާތަން. އެކަންކަން އެހެން ވެގެން ނުވާނެ." އަލީ ވިދާޅުވި އެވެ.
ޔުނެސްކޯއިން އިއްޔެ ހޮޓެލް ޖެން ގައި ބޭއްވި މި ކޮންފަރެންސް ރާއްޖޭގައި އިންތިޒާމްކުރީ ދިވެހި ސަރުކާރާއި ޑިމޮކްރެސީ ނެޓްވޯކާއި ގުޅިގެން އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވާ)ގެ ފަރާތުންނެވެ.