ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ

ޖުޑީޝަރީގެ އިސްލާހީ އެޖެންޑާއަކީ ފުރުސަތެއް ކަމަށް ދެކި، އެ ފުރުސަތު ބޭނުންކުރުން މުހިންމު: މާރިޔާ

ޖުޑީޝަރީގެ އިސްލާހީ އެޖެންޑާއަކީ ފުރުސަތެއް ކަމަށް ދެކި، އެ ފުރުސަތު ބޭނުންކުރުން މުހިންމު ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާ އިރު، ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާހުކުރުމުގެ މަގު ޗާޓް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އިފްތިތާހުކޮށްފައެވެ.

މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިސްލާހީ އެޖެންޑާ ފުރުސަތެއް ކަމަށް ދެކި، ރާއްޖޭގެ މީހުން ރާއްޖެއަށް އިސްލާހު ގެނައި ގޮތަށް ޖުޑީޝަރީގެ އިސްލާހީ އެޖެންޑާއަކީ ވެސް ފުރުސަތެއް ކަމަށް ދެކި، އެ ފުރުސަތުގެ ބޭނުން ކުރުން މުހިންމު ކަމަށެވެ.

"ރައީސް މައުމޫންގެ އިސްލާހީ އެޖެންޑާ ފުރުސަތެއް ކަމަށް ދެކި، ރާއްޖޭގެ މީހުން ރާއްޖެއަށް އިސްލާހު ގެނައި ގޮތަށް، ޖުޑީޝަރީގެ އިސްލާހީ އެޖެންޑާއަކީ ފުރުސަތެއް ކަމަށް ދެކި، އެ ފުރުސަތުގެ ބޭނުންކުރުން މުހިންމު ކަމަށް ދެކެން. މިއީ އަޅުގަނޑުގެ ހިޔާލު، އެހެނަސް މި ނޫން ގޮތަށް ދެކޭ އެތައް މީހުންނެއް އުޅޭނެ،" މާރިޔާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާހުކުރުމުގެ މަގު ޗާޓުގައި 20 ކަމެއް ބަޔާންކޮށްފައިވެއެވެ. އެއީ؛

  • ކޮންފަރެސް އޮން ޖުޑީޝަލް އިންޑިޕެންޑެސް އެންޑް ރިފޯމް. މިއީ ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިސްލާހްކުރުމުގެ ގޮތުން ފެބްރުއަރީ 19 އަދި 20 ގައި ބޭއްވުނު ކޮންފަރެސްއެކެވެ. މި ކޮންފަރެސްގައި ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކާއި ބައިނަލްއަގްވާމީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެންނެވިއެވެ.
  • ޖުޑިޝަލް ސާވިސް ކޮމިޝަން އިސްލާހު ކުރުން
  • ޤާނޫނު އިސްލާހު ކުރުން
  • ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ނިޒާމު ހަރުދަނާ ކުރުން
  • ފަނޑިޔާރު ގެއަކީ ކޮރަޕްޝަނާއި ފަސާދައާއި ނުފޫޒުން އެއްކިބާވެފައިވާ ތަނެއްކަން ކަށަވަރު ކުރުން
  • ފަނޑިޔާރުގޭގެ މިނިވަންކަން ނުގެއްލޭގޮތަށް ފަނޑިޔާރުން ޖަވާބުދާރީ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުން
  • ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށަހެޅޭނެ ނިޒާމެއް ގާއިމުކުރުން
  • ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު ހަރުދަނާކޮށް ތަންފީޒު ކުރުން
  • ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ ނިޒާމެއް ގާއިމު ކުރުން
  • އެކްސެސް ޓު ޖަސްޓިސްގެ ނިޒާމު ހަރުދަނާ ކުރުމާއި ހުކުމް ތަންފީޒު ކުރުވުމުގެ ނިޒާމް ހަރުދަނާ ކުރުން
  • ޖުޑިޝަލް ކޭސް މެނޭޖްމެންޓްގެ ނިޒާމް ހަރުދަނާ ކުރުން
  • ހުރިހާ ސިޓީތަކެއްގައި ސުޕީރިއާ ކޯޓުތައް ގާއިމު ކުރުން
  • ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާ ކުރުން
  • އީފައިލިންގެ ނިޒާމް ގާއިމު ކުރުމާއި ޓެކްނޮލެޖީގެ ވަސީލަތްތައް ބޭނުން ކުރާ މިންވަރު އިތުރު ކުރުން
  • ފަނޑިޔާރުގޭގެ މާލީ މިނިވަންކަމާއި ވަސީލަތްތައް ކަށަވަރު ކުރުން
  • ކޮންޓިނިއުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިއުކޭޝަނާއި ތަމްރީނުގެ ނިޒާމް ހަރުދަނާ ކުރުން
  • ފަނޑިޔާރުން ތާޒާ ކުރުމަށްޓަކައި އަހަރަކު ވިހި ގަޑިއިރުގެ އިންސާވިސް ހިދުމަތް ތައާރަފު ކުރުން
  • ޝަރުއީ އަދި ގާނޫނީ ތައުލީމުގެ ނިޒާމް ހަރުދަނާ ކުރުން
  • ލީގަލް ޕްރޮފެޝަން ހަރުދަނާ ކުރުން
  • ލީގަލް އެއިޑުގެ ހަރުދަނާ ސްކީމެއް ގާއިމު ކުރުމާއި ޕަބްލިކް ޑިފެންޑާސް ސްކީމެއް ތައާރަފް ކުރުން