މިދިޔަ މަހު 23 ވަނަ ދުވަހު ދިވެހި ރައްޔިތުން ނިންމި ނިންމުމާ އެއްކޮޅަށް ތެދުވި ހުރިހާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ޝުކުރުއަދާ ކުރައްވައިފި އެވެ.
ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އެމަނިކުފާނާ ދެކޮޅަށް ނިމުމާ ގުޅިގެން، ޝަރީފު ކުރެއްވި ޓުވީޓެެއްގައި ވަނީ، މި މައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނީ ޓީމުން ކުރެއްވި މަސައްކަތަށް ވެސް ތައުރީފު ކުރައްވައިފަ އެވެ. އޭގެ އިތުރުން އިލެކްޝަންސް ގެ މުވައްޒަފުންނަށް ވެސް ޝަރީފު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ރިޔާސީ އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ދައުވާކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށެވެ. އެ ގޮތުން އިންތިޚާބުގެ ނަތީޖާ އޮޅުވައިލުމަށް އިލެކްޝަނުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
އެހެން ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އުފުލާފައިވާ އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ހުކުމް ކޮށްފަ އެވެ.