މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުން ލިބިގެން މި ދިޔައީ ރައީސް ޔާމީންގެ އަނިޔާވެރި ކަމާއި ކޮރަޕްޝަނުން ސަލާމަތް ވެއްޖެ ކަމުގެ ގެރެންޓީ ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ ދާދި ދެންމެ ކުރެއްވި ޓުވީޓެއްގަ އެވެ.
ޑރ. ޖަމީލުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ރައީސް ޔާމީން އަކީ ދިވެހި ތާރީޚުގައި އެންމެ ހުތުރުކޮށް ބަލިވެ، ވެރިކަމުން ދުރުކުރެވުނު ވެރިޔަކަށް ވެގެން މި ދިޔައީ ކަމަށެވެ.
ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ކުރުމަށް ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ މިއަދު ވަނީ އެމަނިކުފާނާ ދެކޮޅަށް ނިމިފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމަވައިފައި ވަނީ އިންތިޚާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އެ ގޮތުން މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ސާބިތު ކުރެވޭނެ ފަދަ ގާނޫނީ އަސާސް ތަކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.