ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓަށް ޓޭލާ ސްވިފްޓް އަރައިފިއެވެ.
ފޯބްސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ މުއްސަދި ބިލިއަނަރުންގެ ލިސްޓަށް މިފަހަރު 2781 މީހުން އަރާފައިވާ އިރު، މުޅިން އަލަށް އެލިސްޓަށް އެރި މީހުންގެ ތެރޭގައި ޓޭލާ ސްވިފްޓް ވަނީ ހިމެނިފައެވެ.
ޓޭލާ ސްވިފްޓްގެ މިލްކިއްޔާތުގައި 1.1 ބިލިއަށް ޑޮލަރު ހުރި ކަމަށް ފޯބްސް އިން ހާމަކޮށްފައިވެއެވެ.
ޓޭލާ ސްވިފްޓްގެ ކެރިއާގައި އޭނާއަކީ މަޝްހޫރު އެތައް ލަވައެއް ލިޔެ އަދި އެލަވަތައް ކިޔައި ދުނިޔޭގެ ގިނަ ރެކޯޑުތަކެއް މުގުރާލާފައިވާ ފަންނާނެކެވެ. ޓޭލާ ސްވިފްޓް ވެފައިވަނީ ގްރެމީ އެވޯޑްސްގައި ޖެހިޖެހިގެން ހަތަރު ފަހަރު އޭނާގެ އަލްބަމެއް ހިމެނުނު ފުރަތަމަ ފަރާތަށެވެ.
ޓޭލާ ސްވިފްޓްގެ އިތުރުން އަލަށް އެލިސްޓަށް އަރާފައިވާ ސޭމް އަލްޓްމަންގެ މިލްކިއްޔާތުގައި 1 ބިލިއަން ޑޮލަރު އެބަހުރި ކަމަށް ފޯބްސްއިން ބުނެއެވެ. އަލްޓްމަން އަކީ މަޝްހޫރި ޗެޓް ޖީޕީޓީ އުފެއްދި މީހާއެވެ.
ފޯބްސްގެ ބިލިއަނަރުންގެ ލިސްޓުގެ އެއްވަނައިގައި ވަނީ މަޝްހޫރު އެލްވީއެމްއެޗް ބްރޭންޑްގެ ވެރިޔާ ބާނާޑް އާނައުލްޓް އަދި އޭނާގެ އާއިލާއެވެ. އެމީހުންގެ މިލްކިއްޔާތުގައި 233 ބިލިއަން ޑޮލަރު ހުރިކަމަށް ފޯބްސްއިން ހާމަކޮށްފައިވެއެވެ.
ލިސްޓުގެ ދެވަނަ އަށް އަރާފައިވަނީ އެލަން މަސްކްއެވެ. އޭނާގެ މިލްކިއްޔާތުގައި 195 ބިލިއަން ޑޮލަރު ހުރި އިރު، ތިންވަނައިގައި ހިމެނުނު ޖެފް ބެޒޮސްގެ މިލްކިއަޔާތުގައި 194 ބިލިއަން ހުރިކަމަށް ފޯބްސް އިން ބުނެއެވެ.