ރައީސް ޔާމީންގެ މައްޗަށް ހުށަހެޅިފައި ހުރީ ވަރަށް ބޮޑެތި މައްސަލަތަކެއް ކަމަށާއި އެމައްސަލަތައް ނިމެންދެން ރައީސް އަބްދުﷲ ޔާމީން ރާއްޖޭގައި ހައްޔަރުކޮށްފައި ބަހައްޓަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ހުކުމް ސުޕްރީމް ކޯޓުން ރައީސް ޔާމީނާ ދެކޮޅަށް ނިންމުމާ ގުޅިގެން އެ ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
"ރައީސް ޔާމީންގެ މައްޗަށް ހުށަހެޅިފައި އެހުރީ މަނީ ލޯންޑްރިންނާއި ކޮރަޕްޝަންގެ ވަރަށް ބޮޑެތި މައްސަލަތަކެއް. އެ މައްސަލަތައް ނިމުމުގެ ކުރީން ރައީސް ޔާމީނަށް ރާއްޖެ އިން ފުރާވަޑައިގެންނެވިގެން ނުވާނެ." ހަސަން ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިހާރު މި އޮތީ ރައީސް ޔާމީންގެ ވެރިކަން ކަމަށް ވީ ނަމަވެސް، މައްސަލަތައް ތަހުގީގު ކުރުން ލަސްވާ ނަމަ، އެކަމުގައި ޝާމިލުވާ ހުރިހާ މީހުން ގާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށެވެ.