ބޮލީވުޑް

ކަންގްނާ އަކީ ދަރިއެއް ކަހަލަ ކުއްޖެއް: މަހޭޝް ބަޓް

މަގުބޫލު ބަތަލާ ކަންގްނާ ރާނުތް އަކީ ދަރިއެއް ކަހަލަ ކުއްޖެއް ކަމަށާއި ދަރިންނާ ބެހޭ ގޮތުން ގޯސްކޮށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ފިލްމު ޕްރޮޑިއުސަރު މަހޭޝް ބަޓް ބުނެފިއެވެ.

ކަންގްނާގެ ދައްތަ ރަންގޯލީ ޗަންޑެލް ވަނީ މީސް މީޑިއާގައި މަހޭޝް ބަޓް ކުށްވެރިކޮށް ވާހަކަ ދައްކާފައެވެ. އެއަށް ރައްދު ދެމުން މަހޭޝް ބުނީ ކަންގްނާ އަކީ އޭނާގެ ދަރިއެއް ކަހަލަ ކުއްޖެއް ކަމަށާއި، ކަންގްނާގެ ކެރިއާ ފެށީވެސް އޭނާއާ އެކުގައި ކަމަށެވެ. އެހެން ކަމުން އޭނާގެ ގާތް މީހަކު މީސް މީޑިއާގައި އަދި އެގޮތަށް އޭނާއަށް ނިސްބަތް ކޮށް ދައްކާ ވާހަކައަކަށް މާބޮޑު ސަމާލުކަމެއް ނުދޭކަމަށް މަހޭޝް ބުންޏެވެ. އަދި އެއަށް ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށްވެސް ބުންޏެވެ.

،މަހޭޝް އިތުރަށް ބުނީ އޭނާ އުޅެ ބޮޑުވި މާހައުލުން ދަސްވެފައިވަނީ ދަރިން ކުރާ ގޯސް ކަންކަމުގައި އެމީހުނަށް އިނގިލި ދިއްކުރަން ނޫން ކަމަށާއި އެހެން ކަމުން ދަރިއެއް ކަހަލަ ކުއްޖަކާ މެދު އެއްވެސް ނެގެޓިވް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށެވެ.

މަހޭޝް މި ގޮތަށް ވާހަކަ ދައްކާފައި ވަނީ އޭނާގެ ފިލްމު "ޔުއާސް ޓްރޫލީ" ސްކްރީން ކުރުމަށް ބޭއްވި ހަފްލާގަވެ.

ކަންގްނާގެ ދައްތައެއް ކަމަށްވާ ރަންގޯލީ ވަނީ މި މަހު ކުރީ ކޮޅު މަހޭޝް ބަޓްއަށް ނިސްބަތްކޮށް ވަރަށް ގިނަ ވާހަކަތަކެއް ދައްކައިފައެވެ. އޭނާ ބުނީ ފިލްމު "ވޯ ލަމްހޭ" ޕްރިވިއު ކުރި ރޭ މަހޭޝް ވަނީ ކަންގްނާގެ ގަޔަށް ފައިވާން އެއްލާފައި ކަމަށާއި އަދި އެ ފިލްމު ބެލުމަށް އޭނާއަށް ފުރުސަތު ނުދިނުމުން މުޅި ރޭ ކަންގްނާ ރުއި ކަމަށެވެ.

ރަންގޯލީ ވަނީ މަހޭޝް ގެ އަންހެނުން އަދި ސުޕާ ސްޓާ ދަރި އާލިޔާ ބަޓްއަށް ވެސް ފާޑު ކިޔުން އަމާޒުކޮށްފައެވެ. އަދި އެމީހުންނަކީ އިންޑިއަނުން ނޫން ކަމުގައި ރަންގޯލީ ވަނީ ބުނެފައެވެ.

މީގެ ކުރިން ކަންގްނާވެސް ވަނީ އާލިޔާއަށް ފާޑު ކިޔާފައެވެ. އެގޮތުން ކަންގްނާ ބުނި ގޮތުގައި މީޑިއާތަކުން ފިލްމީ ދަރިންނަށް ހާއްސަ ގޮތެއް ބަހައްޓާކަމަށާއި އެކުދިން ދެކެ މާ ލޯބިވާކަން ފާހަގަ ވާ ކަމަށެވެ. އަދި އެ ކުދިން ޕެމްޕާ ކުރާ ކަމުގައި ވާ ނަމަ ދުވަހަކުވެސް އަލަށް ވަންނަ ތަރިން ކުރިއަރައިގެން ނުދާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ކަންގްނާ ބޮލީވުޑަށް ނުކުތީ މަހޭޝް ބަޓްގެ ފިލްމް "ގޭންގްސްޓާ"އިންނެވެ. އެއީ 2006 ވަނަ އަހަރުއެވެ. އެ ފިލްމުން އޭނާއަށް ވަނީ ބެސްޓް ޑެބިއުޓަންޓް އެވޯޑްވެސް ލިބިފައެވެ.