ށ. ޅައިމަގު ބޯޓެއްގައި މަސައްކަތްކުރާ ބަންގުލަދޭޝް މީހަކު ގެއްލުނު މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ރިޕޯޓުކުރި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ދެ މީހުންނަކީ ވެސް ބަންގުލަދޭޝް ރައްޔިތުން ކަމަށެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު 12:17 ހާއިރު ށ. ޅައިގަމު ކައުންސިލުން ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގުޅާފައި ޅައިމަގު "ކުރިމަގު ބޯޓު"ގައި މަސައްކަތްކުރާ ބަންގުލަދޭޝް މީހެއް އެ ރޭ ފަތިހު ބޯޓު މާލެ ފުރަންވެގެން ބެލި އިރު، ބޯޓުގައި ނެތުމުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކުރި އިރު، އޭރު އެ ބޯޓު ވަނީ މާލެ ދިއުމުގެ ދަތުރުމަތީގައި ކަމަށާއި ބޯޓު މާލެއަށް ލެފުމުން ފުލުހުން އެ ބޯޓަށް އަރައި ޗެކްކޮށް، ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންނާ ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
އެ މައްސަލައަށް ލިބޭ ކޮންމެ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކޮށް، ޔަގީންކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.