އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މުހިއްމު ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވައިފައެވެ. އޭގެ ތެރެއިން ބައެއް ބިލްތައް މަޖިލިސް ތަލުމަށް ހުށަހަޅައި ބަހުސް ވަނީ ފަށައިފައެވެ. ނަމަވެސް މި ސަރުކާރުގެ އެންމެ ފުރަތަމަ ބިލަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގެ ބިލެވެ.
އިބްތިދާއީ ބަހުސް ނިމި މިހާތަނަށް މަޖިލީހަށް ބަލައިގަތުމުގެ ފުރުސަތު އަދި ލިބުނީ ވެސް އެ ބިލަށެވެ.
މި ބިލުގެ މުހިއްމުކަން ފާހަގަ ކުރައްވައި، މަޖިލީހަށް ބިލު ހުށަހެޅުއްވި މެންބަރު، ޕީއެންސީގެ ޑިޕިއުޓީ ޕީޖީ ލީޑަރު ތުލުސްދޫ ދާއިރާގެ އިބްރާހިމް ނަސީމް ވިދާޅުވީ، އެއީ މުޅި ދިވެހި ގައުމު އެބިލަކާ މެދު އުފާ ކުރަމުން އައި ބިލެއް ކަމަށާއި އެއީ ގައުމީ ވިސްނުމުގައި ސަރުކާރުން ހުށަހެޅި ބިލެއް ކަމަށެވެ. އެއީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ގާނޫނީ ބާރު ދޭން ހުށަހެޅި ބިލެއް ކަމަށާއި، އެއިރެއްގައި ރާއްޖޭގެ ވެރިކަމުގައި ހުންނަވާ ބޭފުޅަކު އެ ފަންޑުން ބޭނުންހާ ގޮތަކަށް ހަރަދު ކުރެވޭ ގޮތަށް އޮތް އޮތުން ބަދަލުވެ މި ބިލުން އެކަމަށް އުސޫލުތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް ނަސީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ބިލު ވެގެންދާނީ ދިވެހި ގައުމުގެ ކޭޝްފްލޯ މެނޭޖްކުރުން ފަސޭހަ ކުރުމަށް އެޅިގެންދާ ބިންގަލަކަށް ކަމަށެވެ.
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ ދަރަނި ނުދެއްކި ރާއްޖެ ޑީފޯލްޓަކަށް ދިޔުމުން ސަލާމަތް ކުރުމަށް ޓަކައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިމުގައި އެ މަނިކުފާނު އުފެއްދެއްވި ފަންޑެކެވެ.
ބިލުގައިވާގޮތުން ބިލުގެ މައިގަނޑު މަގްސަދަކީ އަންނަން އޮތް ޖީލުތަކުން އުފުލަން ޖެހޭ ދައުލަތުގެ ދަރަނި ކުޑަކޮށް، ދައުލަތުގެ މުއްސަނދިކަން އެ ޖީލުތަކަށް ވާރުތަކޮށްދިނުމަށްޓަކައި، ސޮވަރިން ފަންޑު، ބޭނުންކުރެވޭނެ ކަންކަމާއި ފަންޑުން ފައިސާ ނެގޭނެ އުސޫލުތަކާއި ފަންޑު ހިންގުމާ ހަވާލުކުރާ ފަރާތްތަކުގެ ވާޖިބުތަކާއި ފަންޑުގެ ހިސާބުތައް އޮޑިޓްކުރުމުގެ ހަމަތައް ކަނޑައެޅުމެވެ.
ބިލުގައިވާ ގޮތުން ސޮވަރިން ފަންޑުގައި ހުންނަ ފައިސާ ބޭނުންކުރެވޭނީ ގާނޫނުގައި ކަނޑައަޅާ ގޮތުގެ މަތިން، ގަވަނިން ކައުންސިލެއްގެ ލަފަޔާ އެކު ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެންނެވެ. ފަންޑަށް ޖަމާވާ އާމްދަނީ ބަޖެޓުގައި ހިމަނަން ޖެހޭނެ ކަމަށާއި އެއްވެސް ހަރަދެއް ކުރަންވާނީ ބަޖެޓުގައި ހިމަނައިގެން ކަމަށް ވެސް ބިލުގައިވެއެވެ.
ގަވަނިން ކައުންސިލް އެކުލަވައިލަން ބިލުގައި ހިމަނާފައިވަނީ، ފިނޭންސް މިނިސްޓަރާއި އެ މިނިސްޓްރީގެ ކަމާބެހޭ އިސް ދެ މުވައްޒަފުންނާއި އެމްއެމްއޭގެ ގަވަރުނަރާއި އެމްއެމްއޭގެ އިސް މުވައްޒަފަކާއި އިކޮނޮމިކް މިނިސްޓްރީގެ އިސް މުވައްޒަފަކާއި އިގްތިސާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ދާއިރާއިން އައްޔަންކުރާ އާންމު މެމްބަރެއް (އާންމުކޮށް އިއުލާންކޮށްގެން ކުރިމަތިލާ މީހުންގެ ތެރެއިން ހޮވާ މީހެއް)ގެ މައްޗަށެވެ.
ބިލްގައިވާގޮތުން މި ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ސޮވަރިން ފަންޑު ބަލަހައްޓަން "ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް އެޑްމިނިސްޓްރޭޝަން އޮފީސް"ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ އޮފީހެއް އުފައްދަންވާނެ އެވެ. އެ އޮފީސް ހިންގާނީ މިނިވަންކޮށް، މާލީ ހިންގުން ވަކިކޮށްފައިވާ އޮފީހެއްގެ ގޮތުގައި ކަމަށްވެސް ބިލްގައިވެއެވެ. އެ އޮފީހުގެ އެންމެ އިސް ފަރާތަކީ ގަވަނިން ކައުންސިލުން އައްޔަންކުރާ ސީއީއޯއެއް ކަމަށާއި، ކޮންމެ ތިން މަހުން އެއް ފަހަރު އެ ފަންޑުގެ ރިޕޯޓެއް ސީއީއޯ ގަވަނިން ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއވެެ. އެ ރިޕޯޓުގައި ފަންޑަށް ޖަމާކުރި ފައިސާއާއި ހަރަދުތަކާއި އިންވެސްޓްމަންޓުތަކާއި ބާކީ ހުރި މިންވަރު ބަޔާންކުރަން ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ. އެ ރިޕޯޓާކީ އާއްމުކުރާ ރިޕޯޓެކެވެ.
މިހާރު އެސްޑީއެފަށް ޖަމާކުރަމުން އަންނަނީ ޓޫރިސްޓުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އެވެ. ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ 10 ޕަސެންޓާއި ސޮވްރިން ގެރެންޓީގެ ފީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އާއި ފަންޑު ބެލެހެއްޓުމަށް އެކުލަވާލާ ގަވަނިން ކައުންސިލުގެ ލަފާގެ މަތިން ފަންޑަށް ޖަމާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ އެހެނިހެން ފައިސާ ވެސް މި ފަންޑަށް ޖަމާކުރާގޮތަށް ބިލްގައި ވަނީ ހިމަނައިފައެވެ.
ފަންޑަށް ޖަމާކުރާ ފައިސާގެ މިންވަރު ކަނޑައަޅާނީ، ގަވަނިން ކައުންސިލްގެ ލަފަޔާ އެކު ރައީސުލްޖުމްހޫރިއްޔާ އެވެ. ނަމަވެސް އެ މިންވަރު ކުޑަކުރެވޭނީ މަޖިލީހުގެ ރުހުން ލިބިގެން ކަމަށްވެސް ބިލްގައިވެއެވެ. ފަންޑު އިތުރަށް ފުޅާކުރަން ގަވަނިން ކައުންސިލުން އެކުލަވައިލާ އިންވެސްޓްމަންޓް ކޮމެޓީއަކަށް އިންވެސްޓް ކުރެވިދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ފަންޑު އުވާލެވޭނީ، ގަވަނިން ކައުންސިލްގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އެ ގޮތަށް ނިންމަވާ ހާލަތްތަކުގައި، އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ރުހުން ހޯދުމަށްފަހުގައިކަމަށްވެސް ބިލްގައިވެއެވެ. އެގޮތަށް ފަންޑު އުވާލާ ހާލަތުގައި ފަންޑުގައި ހުރި ފައިސާ ޖަމާކުރާނީ ދައުލަތުގެ ބަޖެޓަށެވެ.
މިބިލަކީ ކިތަންމެ މުހިއްމު ބިލެއް ނަމަވެސް މިދިޔަ ހަފުތާއި ބިލް ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ. އެކަމުގެ ތުހުމަތު، ސަރުކާރަށް ނިސްބަތްވާ ޕީއެންސީ/ޕީޕީއެމް މެންބަރުން އަޅުވަނީ އިދިކޮޅު އެމްޑީޕީ މެންބަރުންގެ ބޮލުގައެވެ.
މަޖިލީހުން ބިލް ބޭރުކޮށްލުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޕީއެންސީގެ ޕީޖީ ލީޑަރު ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، އެސްޑީއެފް ބިލަށް މަޖިލީހުގައި ވޯޓަށް އެހީ އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަންގާރަދުވަހު ބޭއްވި މަޖިލިސް ޖަލްސާގައި އެސްޑީއެފްގެ ބިލަށް ރިޔާސަތުން ވޯޓަށް އެއްސެވީ، އޭގެ ކުރިން އޮތް، އެންޓިޑިފެކްޝަން ބިލް ދިރާސާ ކުރުމަށް ހަތް މެންބަރުންގެ ކޮމިޓީއަށް ފޮނުވަން މަޖިލީހުން ނިންމި މައްސަލައަށް ތާއީދު ނުކުރަން އިހްތިޖާޖު ކުރުމުގެ ގޮތުން ޑިމޮކްރެޓްސް މެންބަރުންނާއެކު ޕީޕީއެމް/ޕީއެންސީ މެންބަރުން މަޖިލީހުގެ ކޯރަމް ގެއްލުވާލަން ތަޅުމުން ނިކުމެފައިވަނިކޮށް ކަމަށެވެ.
"އަޅުގަނޑުމެންނާ ޑިމޮކްރެޓުންނާ ފްލޯ ދޫކޮށް ނިކުތީ، ނިކުތީމަ ކޯރަމް ގެއްލިއްޖެ، ބޭރަށް ނިކުތްތާ ގާތްގަނޑަކަށް 20 މިނެޓް ފަހުން ރަނގަބީލެއް ޖެހީކީނޫން މަޖިލިސް ގްރޫޕުގަ ޖެހީކީނޫން، އެއްވެސް ކަމެއް ނުހިނގާ ވަގަށްވަގަށްތިބެ މިކަންތައް ކުރީ،" ވޯޓުގެ ކަންތައް ކުރިއަށް ދިޔަގޮތާމެދު ނުރުން ފާޅު ކުރައްވައި ސިރާޖު ވިދާޅުވިއެވެ.
މަޖިލިސް ވޯޓު ގަޑީގައި ނިޒާމީ ނުކުތާއެއް ނުނެގޭނެ ގޮތަށް ހަރުދަނާކޮށް މަޖިލީހުގެ ގަވައިދުތައް ހެދިފައިވަނިކޮށް، އެ ދުވަހުގެ ވޯޓު ކުރިއަށް ދަނިކޮށް ދިމާވި ކަމަކާ ގުޅިގެން ވޯޓު މެދުކަނޑައިލި ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޕީއެންސީ/ޕީޕީއެމް މެންބަރުން ވިދާޅުވީ، ރިޔާސަތުން ބިލަށް ވޯޓަށް އެއްސެވީ އެ ބޭފުޅުންނަށް އެންގެވުމަކާނުލައި ކަމަށެވެ. އެހެންކަމުން ބިލަށް ވޯޓު ދޭނެ ފުރުސަތު ލިބިވަޑައި ނުގަތީކަމަށެވެ.
މޫސާ ސިރާޖުގެ ތުހުމަތުތަކާއި، އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހުމުގެ ކަންތައް ދިޔަގޮތަށް ބަލާއިރު، މޫސާ ސިރާޖު ވިދާޅުވިގޮތަށް، ހިޔާލު ތަފާތުވުން އުފެދުނީ، އެސްޑީއެފް ބިލުގެ ކުރިން އޮތް އެންޓި ޑިފެކްޝަން ބިލުގެ މައްސަލައިގައެވެ. އެއީ އެ ބިލު މަޖިލީހަށް ބަލައިގަތުމަށްފަހު، ދިރާސާ ކުރަން ހަތް މެންބަރުންގެ ވަގުތީ ކޮމިޓީއަށް ފޮނުވަން ނިންމި މައްސަލައިގައެވެ.
ނަމަވެސް ހަތް މެންބަރުންގެ ކޮމިޓީއަކަށް ނަން ހުށަހެޅުމަށް ރިޔާސަތުން ހުޅުވައިލެއްވީ ޕީއެންސީ ފިޔަވައި މަޖިލިސް ތަޅުމުގައި ދެން ތިއްބެވި އެހެން ޕާޓީތަކުގެ މެންބަރުން ވޯޓު ދީގެން އެގޮތަށް ފާސްކުރުމުންނެވެ. އެކަމާ ގުޅިގެން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ފުރަތަމަ ހުށަހެޅުއްވީ އެމްޑީޕީގެ ފަސް މެންބަރުންނާއި، ޑިމޮކްރެސްޓްގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ހުޅުދޫ ދާއިރާގެ އިލިޔާސް ލަބީބު ހިމެނޭ ހަތް މެންބަރުންގެ ކޮމިޓީއެކެވެ.
އެދުވަހުގެ ވޯޓު މެދުކަނޑައިލި ކަމަށް މޫސާސިރާޖު ތުހުމަތު ކުރައްވާއިރު، އެކަން ކުރަން ޖެހުނީ ހަތް މެންބަރުންގެ އެ ލިސްޓަށް ވޯޓަށް އަހާފައި ވަނިކޮށް ޑިމޮކްރެޓްސްގެ އިލިޔާސް ލަބީބު ކޮމިޓީން ތަނާޒުލުވުމާ ގުޅިގެން ރިޔާސަތުން އެ ވޯޓު ގެންސަލްކޮށް، ހަތް މެންބަރުންގެ ކޮމިޓީ ފުރިހަމަ ކުރަން ފުރުސަތު ދެއްވި މައްސަލައިގައެވެ. އެކަމާ ގުޅިގެން އިލިޔާސް ލަބީބުގެ ބަދަލުގައި ގަލޮޅު އުތުުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲގެ ނަން ކޮމިޓީގައި ހިމެނުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވިއެވެ.
ނަމަވެސް ޑިމޮކްރެޓް މެންބަރުން ކޮމިޓީން ތަނާޒުލުވި ސަބަބު ހާމަކުރައްވައި ޕާޓީގެ ޕީޖީ ލީޑަރު މެދުހެންވޭރުދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، އެންޓި ޑިފެކްޝަން ބިލު ފަދަ ބޮޑު މަސައްކަތެއް ކުރާއިރު، ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމެނެން ޖެހޭނެކަމަށެވެ. ހަތް މެންބަރުންގެ ކޮމިޓީން އެ ޕާޓީގެ ދެ މެންބަރުން ތަނާޒުލުވީ އެ ކޮމިޓީގައި ހުރިހާ ޕާޓީތަކުގެ މެންބަރުން ނުހިމެނޭތީ ކަމަށްވެސް ވިދާޅުވިއެވެ. މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކެއް ހިމަނައިގެން ކޮމިޓީއެއް އެކުލަވައިލުމަށް އަލީ އާޒިމް ހުށަހެޅުއްވިއެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އީވާއެވެ. ނަމަވެސް ކޮންމެ ޕާޓީއަކުން ވެސް ކޮމިޓީގައި ހިމެނޭނެ މެންބަރެއް ނިންމަން ވާނީ އެޕާޓީއަކުން ކަމަށްވެސް އީވާ ވިދާޅުވިއެވެ.
މަޖިލިސް މެދުކަނޑައިލި ކަމަށް މޫސާ ސިރާޖު އެ ވިދާޅުވަނީ، އެ ހުށަހެޅުމާގުޅިގެން ސިޔާސީ ޕާޓީތަކުގެ ޕީޖީ ލީޑަރުން މަޝްވަރާކުރުމަށްފަހު އެބޭފުޅުން އެއްބަސްވެވަޑައިގަންނަވާ ހުށަހެޅުމަކާ އެކު މަޖިލީހަށް ވަޑައިގެންނެވުމަށް މަޖިލިސް މެދުކަނޑައިލި 15 މިނިޓްގެ ވާހަކައެވެ. ނަމަވެސް އެ 15 މިނިޓަށްފަހު ޖަލްސާ ފެށިއިރު މޫސާ ސިރާޖު ތަޅުމުގައި އިންނެވިއެވެ. ނަމަވެސް އެކަމުގައި ޕީޖީ ލީޑަރުންނަށް އެއްބަސްވުމަކަށް ނާދެވުނެވެ.
ޖަލްސާ ފެށުމާއެކު ޑިމޮކްރެޓްސް އިލިޔާސް ލަބީބު ވިދާޅުވީ، ހަތް މެންބަރުންގެ ކޮމިޓީގައި ހުރިހާ ޕާޓީތަކުގެ މެންބަރުން ނުހިމެނޭ ނަމަަ، ހުރިހާ ޕާޓީއެއް ހިމެނޭ މެންބަރުން ތިބި ދާއިމީ ކޮޓީއަކަށް ބިލް ފޮނުވަން ހުށަހަޅުއްވާ ކަމަށެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ، ވަގުތީ ކޮމިޓީއަކަށް ބިލް ފޮނުވަން މަޖިލީހުން ފާސްކޮށްފައިވާތީ ކުރިއަށް ދެވޭނީ ހަތް މެންބަރުންގެ ނަން ހުށަހަޅުއްވައި އެއަށް ގޮތެއް ނިމުމުން ކަމަށެވެ.
އެ މައްސަލައިގައި މޫސާ ސިރާޖު ވިދާޅުވީ، ކުޑަ ކޮމިޓީއަކަށް އެ ބިލް ފޮނުވަން ތާއީދު ނުކުރައްވާ ކަމަށެވެ.
"މަޖިލީހުގައި ދާއިމީ ކޮމިޓީތަކެއް އެކުލަވާލެވިފައިވޭ، އެއީ މި މަޖިލީހުގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތުން ބަހައި ހަމައަށް ލިބޭގޮތަށް ކަނޑައަޅާފައިވާ ކޮމިޓީތަކެއް، މިފަދަ ބޮޑު މައްސަލައެއް ދާއިމީ ކޮމިޓީއަކަށް ނުފޮނުވައި، ވަކި ކުޑަ ކޮމިޓީއެއް ހަދައިގެން ގެންދިއުމަކީ ޕީއެންސީ ތާއީދުކުރާ ކަމެއް ނޫން،"
ޕީއެންސީ މެންބަރުން އެހިސާބުން މަޖިލިސް ތަޅުމުން ނުންނެވިއެވެ.
މަޖިލިސް ތަޅުމުން ނިކުންނެވީ، ކޯރަމް ގެއްލުވައިލައްވަން ކަމަށް މޫސާ ސިރާޖު ވިދާޅުވާއިރު، އެއްވެސް ވަގުތަކު މަޖިލިސް ކޯރަމެއް ނުގެއްލެއެވެ. އެހެންނޫނަސް މަޖިލިސް މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީއެވެ. ދެވަނަ ކަމަކީ، އެސްޑީއެފް ބިލަށް ވޯޓަށް އެއްސެވީ މޫސާ ސިރާޖު ތަޅުމުން ނިކުންނެވުމަށްފަހު ނެގި ހަތަރުވަނަ ވޯޓުގެ ގޮތުގައެވެ.
މޫސާ ސިރާޖު މަޖިލީހުން ނިކުންނެވުމަށްފަހު، ފުރަތަމަ އެއްސެވީ އެ ޖަލްސާގައި ވޯޓަށް އަހަންހުރި ކަންތައްތަކަށް ވޯޓަށް އަހައި ނިމެންދެން މަޖިލިސް ޖަލްސާގެ ވަގުުތު އިތުރު ކުރުމަށެވެ.
ސިޔާސީ ޕާޓީތަކުން އެއްބަސް ނުވުމުން، ހުސްއެކަނި އެމްޑީޕީ މެންބަރުން ހިމަނައިގެން ވެލިދޫ ދާއިރާގެ މެންބަރު ހުށަހެޅި ހަތް މެންބަރުންގެ ކޮމިޓީއަށް އެންޓި ޑިފެކްޝަންގެ ބިލް ފޮނުވަން ވޯޓަށް އެއްސެވީ އެއަށްފަހުގައެވެ. ދެން ވޯޓަށް އެއްސެވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާކޮށް އެއީ ދެމެހެއްޓެނިވި ސިޔާސަތެއްގެ ގޮތުގައި ހިފެހެއްޓުމަށް ސަރުކާރަށް ގޮވާލައި އީވާ ހުށަހެޅުއްވި ގަރާރަށެވެ. އެސްޓީއެފްގެ ބިލަށް ވޯޓަށް އެއްސެވީ އެއަށްފަހުގައެވެ. އޭގެ ތެރެއިން އީވާގެ ގަރާރަށާއި އެސްޑީއެފްގެ ބިލަށް، ކޯރަމް ގެއްލުވާލަން ތަޅުމުން ނިކުތް ކަމަށް މޫސާ ސިރާޖު ވިދާޅުވި، ޑިމޮކްރެޓްސްގެ މެންބަރުންވެސް ވޯޓު ދެއްވިއެވެ.
އެސްޑީއެފް ބިލްގެ ވޯޓުގައި އެބިލް މަޖިލީހަށް ބަލައިގަންނަން ދިން ހަމައެކަނި ވޯޓަކީވެސް ޑިމޮކްރެޓްސްގެ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑެ) ދެއްވި ވޯޓެކެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ. އެވަގުތު މަޖިލިސް ތަޅުމުގައި 28 މެންބަރުން ތިއްބެވި ނަމަވެސް އެ ދެމެންބަރުން ފިޔަވައި އެހެން މެންބަރަކު ވޯޓުގައި ބައިވެރިވެޑައެއްނުގަންނަވައެވެ.
މި ވޯޓުގައި ކޮންމެ ކޮޅަކަށް އެއް ވޯޓު ލިބިފައިވާތީ، ނަތީޖާ އިއުލާން ކުރައްވަމުން މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ސަލީމް ވިދާޅުވީ އެއީ މަޖިލިސް ތާރީހުގައި ނިކުތް އާދަޔާ ހިލާފު ނަތީޖާއެއް ކަމަށެވެ.
އެގަޑީގައި އެބިލަށް ވޯޓަށް އައްސަވާނެ ކަމަށް ތަކުރާރުކޮށް ދަންނަވަމުން ގެންދެވި ނަމަވެސް، ބިލަށް ވޯޓަށް އެއްސެވިއިރު ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ އެއްވެސް މެންބަރަކު ތަޅުމުގައި ހާޒިރުވެ ވަޑައިގެންފައި ނުވާތީ، އެ ބިލުގެ މުހިއްމުކަން ސަރުކާރު މެންބަރުންގެ ފަރާތުން ފެނިފައި ނުވާކަމަށް ވިދާޅުވެ، މަޖިލިސް ގަވާއިދުގެ ދަށުން ރިޔާސަތުން މެންބަރު ސަލީމް ވޯޓު ދެއްވީ ބިލު ބަލައިގަންނަން ނުފެންނަކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނަނީ، މަޖިލީހުގެ ރައީސް ނުވަތަ ޖަލްސާގެ ރިޔާސަތު ބަލަހައްޓާ މީހަކު މަޖިލީހުން ނިންމާ ނިންމުންތަކުގައި ވޯޓު ދީގެން ނުވާނެ ކަމަށެވެ. ނަމަވެސް ކަމަކާމެދު ނަގާ ވޯޓުގެ ފެންނަ ނުފެންނަ އަދަދު ހަމަހަމަ ވެއްޖެ ހާލަތެއްގައި މަޖިލީހުގެ ރައީސް ނުވަތަ ރިޔާސަތު ބަލަހައްޓާ މީހަކު އޭނާއަށް ފެންނަ ކޮޅަކަށް ވޯޓުދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އެބިލަށް ރިޔާސަތުން ވޯޓު ދެއްވީ އެގޮތުގެ މަތިންނެވެ. ނަތީޖާ ދައްކާގޮތުން ސަރުކާރު މެންބަރުން ތިއްބެވި ނަމަ ބޮޑު އަގުލަބިއްޔަތަކުން ބިލް ބަލައިގަތުމުގެ ފުރުސަތު ލިބުނީހެވެ.