(22 މާޗުގެ އަދަދާ ގުޅޭ)
ޔަހޫދީންގެ ޤާޞިދު ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ހިރިޔާފާތުރާގެ ދަށަށްގޮސް ދެންނެވިއެވެ. ޔަހޫދީންގެ ބޮޑުން އެބަދަންނަވައެވެ. "އަޅުގަނޑުމެން ކަލޭގެފާނަކީ ޙަކަމެއް ކަމުގައި ޤަބޫލުކުރަމުއެވެ. މި މައްސަލައިގެ ޙުކުމް ވިދާޅުވެދެއްވާށެވެ." މިހުށަހެޅުމަކީ އެބައިމީހުން ސޮއިކޮށްފައިވާ ދުސްތޫރީ މުޢާހަދާއާ ފުށުއަރާ ކަމެކެވެ. އެހެނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަކީ މުޢާހަދާގައި ކަނޑައެޅިފައިވާ ފަދައިން މަދީނާގެ ޙާކިމެވެ. އަދި ޖުޑީޝަރީގެ ވެރިޔާއެވެ. އެކަމަކީ ޔަހޫދީން އަލުން ޤަބޫލުކުރާ ކުރުމެއްގެގޮތުގައި ހުށަހަޅާންޖެހޭކަމެއް ނޫނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހުގައި ޔަހޫދީންގެ ޤާޞިދު އެހެން ދަންނަވާއިރަށް ތެދުވެވަޑައިގެން ސީދާ ވަޑައިގެންނެވީ ޔަހޫދީންގެ ބައިތު މިދުރާސަށެވެ. އެގޮތަށް ޢަމަލުކުރެއްވީ މަދީނާގެ މީޘާޤުން ލިބިވަޑައިގެންފައިވާ ބާރުފުޅުގެ ސަބަބުންކަމުގައި ވެދާނެއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޔަހޫދީންގެ ބައިތުމިދުރާސަށް ފައިންޕުޅު ބީއްސަވައި ޔަހޫދީންގާތު ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ޢާލިމުން ގެންނާށެވެ!" ކައުސާހިބާގެ އަރިހަށް ޔަހޫދީން ހުށަހެޅީ عــبــد اللّــــه بـــن صـبــوريـــا އެވެ. ބައެއް ރިވާޔަތްތަކުގައިވާގޮތުން އެކަލޭގެއާއެކު أبــــو يــاســـــر بــــن أخطب އާއި وهـب بـــن يــهــــودا ވެސް ގެނައެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި އެންމެވެސް ތައުރާތުގެ އެންމެ އިތުބާރުހުރި އެންމެބޮޑު ދަންނަބޭކަލަކު ކަމުގައި ދެންނެވީ عــبــد اللّــــه بـــن صـبــوريـــا އެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެހެންމީހުނާ ވަކީން އެކަލޭގެޔާ ވާހަކަފުޅު ދެއްކެވިއެވެ. މާތް اللّــــه ގެ ކޯފާއާމެދު އޭނާގެ ހިތުގައި ބިރުވެރިކަން އުފެއްދެވިއެވެ. އިސްރާއީލީ އުންމަތުގެ ރަންޒަމާނުގެ ތާރީޚު ހަނދާންކޮށްދެއްވިއެވެ. އެއަށްފަހު ސުވާލުކުރެއްވިއެވެ. "ޒިނޭކުރާ މުޙުޞިނުންނާމެދު ތައުރާތުގައި އައިސްފައިވާ ޙުކުމް ކަލެޔަށް އެނގޭނޫންހެއްޔެވެ؟" عــبــد اللّــــه بـــن صـبــوريـــا ދެންނެވިއެވެ. "اللّـــهُـــمّ نـعــــم އާދޭހެވެ. ވަޙީގެ ޒަރީޢާއިން ކަލޭގެފާނަށް އެނގިވަޑައިގެންފައި ތިޔަވަނީ ރަނގަޅަށެވެ." އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެހެނިހެން ޙިބްރުންނާވެސް ވާހަކަފުޅު ދެއްކެވިއެވެ. އެބައިމީހުންވެސް އެކަމާ އެއްބަސްވިއެވެ. އެކަމަކު ޢާންމު މަޖްލިސް އެއްކުރެއްވުމުން ޔަހޫދީންގެ ބޮޑުން އެކަމަކަށް އެއްބަހެއް ނުވިއެވެ. ޢިލްމުވެރީންވެސް އެބައިމީހުންގެ ވާހަކަ ބަދަލުކޮށްލިއެވެ. ދައްކަމުންގެންދިޔައީ ދެކޮޅުނުޖެހޭ ވާހަކަތަކެވެ. ޙަޤީޤަތާ ޚިލާފު ވާހަކަތަކެވެ. އެބައިމީހުން ބުނަމުން ގެންދިޔައީ "އަޅުގަނޑުމެންގެ ޝަރީޢަތުގެ ޤާނޫނުގައި ޒިނޭކުރާ މީހުންނަށް އޮތީ "ތަޙްމިއްޔާ" ގެ އަދަބު ދިނުމެވެ." މި އިސްޠިލާޙުގެ މާނަޔަކީ ޒިނޭކުރާ މީހުންނަށްއޮތް އަދަބަކީ މޫނުގައި ދެލިއުނގުޅައި ކަޅުކޮށްފައި ޙިމާރެއްގެ މައްޗަށް އަރުވައިގެން ރަށުތެރޭގައި ގަންހިންގުމެވެ. ޔަހޫދީންވަނީ ތައުރާތުގައިވާ ރަޖަމުކުރުމުގެ ޙުކުމް ބޮލުން އެއްލައިލައިފައެވެ. ޔަހޫދީންގެ ތެރޭގައި ޒިނޭކުރުން ވަބާއެއްފަދައިން ޢާންމުވެ މަތީފަންތީގެ މީހުންވެސް އެހަޑިމުޑުދާރު ފާފައިގައި މެކޭންފެށުމުން ޔަހޫދީން ވަނީ ޝަރީޢަތާ ބައިވެރިވުމުގެ ބަދަލުގައި މުޖްރިމުން ޙިމާޔަތްކުރާން ފަށައިފައެވެ. އަދަބު ލުއިކޮށްފައެވެ. ޔަހޫދީންގެ ކަމުވޮށިގެންވާ މީހުން ބިރުގަތީ ތައުރާތުގައިވާ ރަޖަމުކުރުމުގެ ޙުކުމް އަލުން ދިރުވައިފިކަމުގައިވާނަމަ "ކޮންބަކަރިޔެއްގެ މައިއެތި ކިހާދުވަހަކު ދިރިއޮންނާނެކަން ނޭނގޭތީއެވެ." މާދަން ނުވަތަ އަނެއްދުވަހު ޚުދު ތިމާގެ މައްޗަށްވެސް އެ ޙުކުމް ތަންފީޒުކުރެވޭތަން އަތުވެދާނެތީއެވެ. އެހެންކަމުން އެވެރީން ގަދަދެއްކީ ޝަރީޢަތުގެ ޙުކުމަށް ހުއްޓުން އަރުވާށެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެންމެފަހުން މަޖްބޫރުވެވަޑައިގެންނެވީ އެބައިމީހުންގެ ގާތުގައި ޢާންމު މަޖިލީހަށް ތައުރާތު ގެންނާން ވިދާޅުވާށެވެ. އިތުރު ސާހިބާ ޔަހޫދީންނަށް ޙަދީސުކުރެއްވިއެވެ. "فــاتـــوا بــالــتـــورات فــاتــلـــوهــا ان كــنــتـــم صــدقـيـــن"
ޢާންމު މަޖިލީހަށް ތައުރާތު ގެނެވުނުހިނދު ޔަހޫދީ ޢާލިމެއް ޒިނޭއާ ގުޅޭގޮތުން ތައުރާތުގައި އައިސްފައިވާ ޙުކުމާބެހޭ ހުރިހައި އާޔަތްތަކެއް ކިޔެވިއެވެ. ޔަހޫދީން ގެނައި ނުސްޚާގައި ޒިނޭކުރާ މުޙުޞިނުން ރަޖަމުކުރާން އަންގަވައިފައިވާ އާޔަތް އޮތެވެ. ނަމަވެސް ޔަހޫދީ ދަންނަކަލޭގެ ގެންދިޔައީ އެ އާޔަތުގެ މަތީގައި އަތްއަޅައިގެންހުރެ މަތީންނާއި ތިރީން ކިޔަވަމުންނެވެ. އެ އާޔަތް އޮތްކަމަކަށެއް ނެހެދިއެވެ. އެވަގުތު عـبــداللّـــه بـــن ســـلام رضـــى اللّـــه عــنـــه (އެކަލޭގެފާނަކީ ޔަހޫދީ ޢާލިމެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖުރަކުރެއްވުމުން އިސްލާމްވެވަޑައިގެންނެވީއެވެ.) ފުންމައިވަޑައިގެން ޔަހޫދީ ދަންނަކަލޭގެ ކުރިމައްޗަށް ޖެހިވަޑައިގެން އެކަލޭގެ އަތް ދުރުކުރައްވައިފައި ވިދާޅުވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ! އެ އާޔަތް މިއޮތީއެވެ."
يـــوحـنّــا ގެ އިންޖީލުން މިހާރުވެސް ހެކި ފެނިވަޑައިގަންނަވާނެއެވެ. ރަޖަމުކުރުމުގެ ޙުކުމް އެކުލެވޭ އާޔަތް މިހާރުވެސް ތައުރާތުގައި އެބައޮތެވެ. ބައްލަވާން ބޭނުންފުޅު ބޭފުޅުން يـــوحـنّــا، ބާބު: 8 ގެ ފަސްވަނަ އާޔަތް ބެއްލެވުން އެދެމެވެ. އެ އާޔަތުގައި ވަނީ "ތިމަންރަސްކަލާނގެ ތައުރާތުގައި مـــوســى ގެފާނަށް އަމުރު ކުރެއްވީމެވެ. އެފަދަ އަންހެނުން ރަޖަމުކުރައްވާށެވެ! ތައުރާތުގެ ފަހުގެ ނުސްޚާތަކުގައި ޔަހޫދީ މުފައްސިރުންނާއި ފަޤީހުންވަނީ ތަޙްރިފުގެ އަހުލުވެރީންގެ އެކިއެކި އެއްކުރުންތަކާއެކު ޒިނޭކުރާ ބައެއް މީހުންނަށް ޤަތުލުކުރުމާއި ރަޖަމުކުރުމުގެ އަދަބުވެސް ހުށަހަޅައިފައެވެ." ފިރިހެނަކު ފިރިޔަކުހުރި އަންހެނަކާ ޒިނޭކުރަނިކޮށް އަތުލައިގަނެވިއްޖެނަމަ ދެމީހުން ޤަތުލުކޮށްލާށެވެ. (އިސްތިސްނާ، ބާބު: 21، އާޔަތް 13)
"މީހެއްގެ ނަން ލެވިފައިވާ (މީހަކާ ގާލިހުވެފައިވާ) ބިކުރުވެރި އަންހެންކުއްޖަކާ ރަށުތެރެއިން ދިމާވެގެން މީހަކު އެކުއްޖާއާ އެއްދާންކޮށްފިކަމުގައިވާނަމަ ދެމީހުން ރަށުގެ ދޮރޯށީގެ ކުރިމައްޗަށް ނެރެ މަރުވާންދެން ހިލައިން ތަޅާށެވެ. (ރަޖަމުކުރާށެވެ.) އިސްތިސްނާ، ބާބު: 22، އާޔަތް: 23)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޔަހޫދީންގެ ޙައްޤު ވަންހަނާކުރުމާއި މަކަރުވެރިކަމާމެދު ވަރަށްބޮޑަށް ފާޑު ވިދާޅުވިއެވެ. މުޖްރިމުންގެ މައްޗަށް ހައްދު ޤާއިމުކުރެއްވިއެވެ. ޙަދީސުކުރެއްވިއެވެ. "އަހަރެންނަކީ ތައުރާތުގައިވާ އިލާހީ އަމުރުފުޅު އަލުން ތަންފީޒުކުރާންފެށި މީހާއެވެ. އަލުން އާކުރި މީހާއެވެ."
އެދުވަސްވަރަކީ ޔަހޫދީން މާތް اللّــــه ގެ ޞަރީޙު ދީނުގެ ޙާމީންކަމުގައި ދަޢުވާކުރަމުން "މޫސަވީ ޝަރީޢަތް" ކިހިލިޖަހައިގެން އުޅުނު ދުވަސްވަރެވެ. އެކަމަކު އެބައިމީހުން އެނަމުގައި ހިންގީ އެބައިމީހުންގެ ބޭނުމާ އެއްގޮތަށް ބަދަލުކޮށްފައިވާ ޤާނޫނުގެ ވަގުސިއްކައެވެ. އިލާހީ ޤާނޫނުތައް އަކުރެއް ފިއްޔެއްވެސް ފަރަގު ނުކުރައްވައި ހިންގައިލެއްވުމުގެ މުހިންމަތާއިގެން ތެދުވެވަޑައިގެން ހުންނެވި މުޤައްދަސް ހަސްތީއާ ކަނޑިއާ ކަނޑިއަޅާން އެބައިމީހުން ތެދުވީ އެގޮތުގައި ތިބެއެވެ. ޔަހޫދީން ޙަޤީޤަތް އޮޅުވައިލަން ކަށީގެމަދުން ހިތްވަރުލައިގެން އުޅުނުކަމުގައިވިޔަސް، ކީރިތި ޤުރްއާނުގެ ޙައްޤުގެ ނަޣުމާގެ އަޑުފުޅުވެސް ފަޒާގައި ގުގުމަމުން ދިޔައެވެ.
"އޭ ފޮތުގެ އަހްލުވެރީންނޭވެ! ތިޔަބައިމީހުން ތައުރާތާއި، އިންޖީލާއި، ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް ބާވައިލެއްވިފޮތުގެ (އެބަހީ: ޤުރްއާނުގެ) ޙުކުމް ޤާއިމުކޮށްފުމަށްދާންދެން ތިޔަބައިމީހުން ތެދުމަގެއްގައި ތިބިބަޔަކު ކަމުގައި ނުވަމުއެވެ." (المــــائــــدة: 68)
އާދެ، ޔަހޫދީން އިލާހީ ޤާނޫނު ފުރިހަމަޔަށް ޤާއިމުކޮށްފުމަށް ދާންދެން އެބައިމީހުންވާނީ ޢަޤީދާއާއި ޢަމަލުގައި ވަރަށްބޮޑު ތަފާތެއްހުރި ބަޔަކު ކަމުގައެވެ. ފުށުއެރުވުމެއްހުރި ބަޔަކު ކަމުގައެވެ. ޢަޤީދާއާއި ޢަމަލު އެއްގޮތްނުވާ ބަޔަކީ އެއްވެސްކަހަލަ ޙަޤީޤަތެއްހުރި ބައެއް ނޫނެވެ. ކުޑަވެސް މަޢުނަވިއްޔަތެއްނެތް ބުރަދަނެއްނެތް ބައިގަނޑެކެވެ.
ޔަހޫދީ މުޖްތަމަޢުގައި ފެތުރި ޢާންމުވެފައިވާ ފަސާދައިގެ އެންމެ ފާޅުކަންބޮޑު ހެތްކަކީ އެބައިމީހުންގެ މުޖްތަމަޢު މަތީފަންތިއަކާއި މެދުފަންތިއަކާއި ދަށުފަންތިއަކަށްބެހި އެކަން ޢާންމުވެފައިވުމެވެ. މުސްތަޤިއްލު ގޮތެއްގައި އެކަން އެގޮތަށް ހިނގަމުން އައުމެވެ. ޔަހޫދީންގެ ތެރޭގައި އެއްވެސްވަރަކަށް ޤާނޫނީ ހަމަހަމަކަމެއް ނެތުމެވެ. ތުނޑުސުފުރާއަށް އަތްހަމަވާ މީހުންނަށް އޮންނަނީ ވަކި ޤާނޫނެކެވެ. މެދުރިކުނާމަތީ ތިބޭބަޔަކަށް ވަކި ޤާނޫނެކެވެ. އިންސާފުގެ ކޯރު ދެމެމުންދިޔައީ އެކި ކަފިކަފިޔަށް ބައިވެގެންނެވެ. އެކިދަރަޖައިގައެވެ. ބައެއް ކަފިކަފީން ހިނގަމުންދިޔައީ ހަޑިވެ ހިތިއަޅައިފައިވާ ފެނެވެ. ޤާޟީން ނިޔާކަނޑައެޅުމުގައި ތިލަފަތުގެ ދެކޮޅު އެއްވަރެއް ނުކުރެއެވެ. މުފުތީ ފަތުވާދެނީ ފޯރުންތެރިކަމާއި ނުފޫޒަށް ބަލައިގެންނެވެ. އެކިއެކި ޤަބީލާތަކުގެ މީހުންގެ އަތުން މަރުގެދިޔަ އަތުލަނީވެސް ޤަބީލާގެ އާރާއި ބާރުގެ ނިސްބަތުންނެވެ. މިސާލެއްގެގޮތުން بــنـــوالــنّـضـيـــر އާއި بــنـــوقـــريـظــــة ގެ މީހުންގެ މަރުގެދިޔަ ތަފާތެވެ. ޤަބީލާގެ އާރާއި ބާރުގެ ނިސްބަތުންނެވެ. نــضـيـــر ވަންހައިގެ މީހަކު قـــريـظــــة ގެ ވަންހައިގެ މީހަކު ޤަތުލުކޮށްފިކަމުގައިވާނަމަ ދިޔައިގެ ގޮތުގައި ސަތޭކަ ވަސްޤު ދޭންޖެހެއެވެ. މީގެ އިދިކޮޅު މުޢާމަލާގައި (قـــريـظــــة ވަންހައިގެ މީހަކު نــضـيـــر ވަންހައިގެ މީހަކު ޤަތުލުކުރުމުން) ދޭންޖެހެނީ ފަންސާސް ވަސްޤެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖްރަކުރައްވައި އިސްލާމީ ޢަދުލުގެ ނިޒާމު ޤާއިމުކުރެއްވިފަހުން بــنـــوالــنّـضـيـــر ވަންހައިގެ މީހަކު بــنـــوقـــريـظــــة ވަންހައިގެ މީހަކު ޤަތުލުކުރުމުގެ ހާދިސާއެއް ހިނގިއެވެ. قـــريـظــــة ވަންހައިގެ މީހުން މަރުގެ ދިޔައިގެގޮތުން ދެގުނައިގެ ބަދަލުދޭން އެދުމުން نــضـيـــر ވަންހައިގެ މީހުން އެގޮތަކާ އެއްބަހެއް ނުވިއެވެ. ހަމަހަމަކަމުގެ ޙައްޤު ޤަބޫލުކުރުވަން މަސައްކަތްކުރާން ފަށައިފިއެވެ. ކުރިއާ ޚިލާފަށް މިހާރު އެމީހުނަށްވެސް ވާގިދޭނެ ނަޞުރުވެރިޔަކު އެބަހުރިކަން ޤަބޫލުކުރެވިގެންނެވެ. ދެފަރާތުގެ ޒުވާބު ގަދަވަމުން ގަދަވަމުންގޮސް އެންމެފަހުން ދެ ޤަބީލާގެ ދެމެދުގައި ހަނގުރާމައިގެ އަލިފާން ރޯވުމުގެ ބިރު އުފެދުނެވެ. ނަމަވެސް އެންމެފަހުން ދެފަރާތުންވެސް محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ގެ އަރިހަށް މައްސަލަ ގެންގޮސް އެފަރާތްޕުޅުން ކުރައްވާ ޙުކުމެއް ޤަބޫލުކުރާން ރުހި އެއްބަސްވެއްޖައޫއެވެ.
(ނުނިމޭ)