ރީކޯ މޫސާ މަނިކް

ދައުވާ ކުރުމާއި ދައުވާ އަނބުރާ ގެނައުން ފަދަ ހުރިހާ ބާރެއް ޕީޖީއަށް އޮންނާނެ، ފިޔަވަޅު އެޅޭނީ މަޖިލީހަށް: ރީކޯ މޫސަ

ދައުވާ ކުރުމާއި ދައުވާ އަނބުރާ ގެނައުން އަދި ކަން ދިމާވާ ގޮތަކުން ސްޓޭންޑް ބަދަލުކުރުން ފަދަ ހުރިހާ ބާރެއް ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)އަށް އޮންނާނެ ކަމަށާއި ޕީޖީގެ މައްޗަށް ފިޔަވަޅު އެޅޭނީ ހަމަ އެކަނި ރައްޔިތުންގެ މަޖިލީހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެ އެވެ.

މި މައުޟޫގައި މިއަދު މޫސަ ކުރެއްވި ޓުވީޓަކާ ގުޅިގެން "ވަން އޮންލައިން"އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މޫސަ ވިދާޅުވީ ޕީޖީއަށް ގާނޫނީ ގޮތުން ލިބިދީފައިވާ ބާރެއްގެ ބޭނުން ވަކި ގޮތަކަށް ކޮށްގެން ނޫނީ ނުކޮށްގެން އެކަމާ މެދު ސުވާލުކުރުން ނޫނީ ފިޔަވަޅު އެޅުމުގެ ބާރު މަޖިލިސް ފިޔަވައި އެހެން ފަރާތަކަށް ލިބިފައި ނުވާނެ ކަމަށެވެ.

"މީގަ މިވާ ގޮތަކީ ހުރިހާ ދިމާއަކުން ވެސް ގާނޫނުތައް މުގުރާލާފަ އޭގެ ބޭރުން ކަންކަން މި ކުރަނީ. އެއްވެސް ބަޔަކަށް ނުވަތަ މުއައްސަސާއަކަސް ވެސް ޕީޖީއަށް ފިޔަވަޅެއް ނޭޅޭނެ. އަޅާނެ ކަމުގެ ބިރުދައްކައި އިންޒާރެއް ވެސް ނުދެވޭނެ. އެއީ ކޮންމެ ބަޔަކު ކުރިޔަސް ވަރަށް ދެރަކަމެއް. އެހެން ހެދީމަ ރޫޅޭނީ ދައުލަތް. ދައުލަތް ރޫޅުނީމަ އޭގެ ހިތި ފެންނާނީ ރައްޔިތުންނަށް." މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ޕީޖީއާ މެދު މައްސަލައެއް އޮތް ނަމަ އެކަން ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ކަމަށާއި އެ ކޮމެޓީން އެ މައްސަލައެއް ދިރާސާކުރުމަށް ފަހު ފިޔަވަޅު އަޅަން ޖެހޭވަރުގެ ކަމެއް ނަމަ މަޖިލީހުގެ ތަޅުމަށް ފޮނުވާނެ ކަމަށެވެ.

މޫސަ މިމޭރުމުން ވާހަކަދެއްކެވި އިރު، ދައުވާ ކުރާ މައްސަލަތަކުގައި ސްޓޭންޑް ބަދަލުކުރާ މައްސަލައިގައި ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ ހައިކޯޓުން އިއްޔެ ވަނީ ޕީޖީއަށް އިންޒާރު ދީފަ އެވެ.