ސިކުނޑީގައި ހަރުކުރާ ޗިޕުން ކޮންޕިއުޓަރުގެ މައުސް ހިންގޭނެ ކަމަށާއި، މީ އިންސާނުންގެ ސިކުނޑިއަށް އަންނަ ހިޔާލުތަކާއެކު ކޮމްޕިއުޓަރު ކޮންޓުރޯލް ކުރުމަށް ފުދޭނެ ޗިޕެއް ކަމަށް މިކަން ފުރަތަމަ ފަހަރަށް ކުރި ކުންފުނީގެ ވެރިޔާ އެލޮން މަސްކު ބުނެފިއެވެ. ސިކުނޑީގެ ސައިންސާ ގުޅޭ ގިނަ ދިރާސާތަކަކާއި ތަހުލީލުތަކެއް ކޮށްފައިވާ ނިއުރަލިންކްގެ މި އުފެއްދުމުން، ހިޔާލުތަކުން ފޯނާ ކޮމްޕިއުޓަރު ފަދަ އެތައް ޑިވައިސްތަކެއް ހަލުވިކަމާއެކު ކޮންޓްރޯލްކުރެވުނަސް މިއީ އަދި ވަރަށް ގިނަ ގޮތްގޮތަށް ތަހުލީލުކުރަން ޖެހޭ ކަމެއް ކަމަށާއި މީގެ ސަބަބުން އިންސާނުންނަށް ލިބިދާނެ ގެއްލުންތައް ދެނެގަންނަށް ޖެހޭ ކަމަށް ދިރާސާވެރީން ބުނެއެވެ. އެހެން ކަމުން މިހާރު މި އުފެއްދުން ފުރަތަމަ ފޯރުކޮށްދޭނީ އަތްފައި ބޭނުންކުރުމަށް ނުކުޅެދިފައިވާ މީހުންނަށެވެ.
އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ނިއުރަލިންކްގެ ތަހުލީލުތަކުގައި އިންސާނުން ބޭނުންކުރުމުގެ ހުއްދަ ދިނީ މިދިޔަ އަހަރެވެ. އޭގެ ކުރިން އެ ކުންފުނިން ވަނީ މިފަދަ ޗިޕްތައް ބޭނުންކޮށްގެން އޫރާއި ރާމާމަކުނު ފަދަ ޖަނަވާރުތަކުގެ ތަހުލީލުތަކެއް ކޮށްފަ އެވެ. ޓެކްނޮލޮޖީ ޑިވައިސްތަކާ އިންސާނާގެ ސިކުނޑިއާ ގުޅުވޭނެ ގޮތެއް ހޯދުމަށް އެލޮން މަސްކްގެ ކުންފުނިން އިސްނަގައިގެން ފެށި މަސައްކަތަށް މިހާރު ވަނީ ގިނަ އަހަރުތަކެއް ވެފައެވެ. މި ޓެސްޓުތައް މެދުނުކެނޑި ހިންގަމުން އަންނަތާ މިހާރު ފަސްއަހަރު ވެފައިވާއިރު މި މުއްދަތުގެ ތެރޭގައި ނިއުރަލިންކް އިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް ސައިންސްވެރިން ބުނެއެވެ.
ދުނިޔޭގެ އެންމެ މުއްސަނދި އެއް ބިލިއަރު ކަމަށްވާ އެލޮން މަސްކްގެ ކުންފުނި ނިއުރަލިންކް އިން ފުރަތަމަ ފަހަރަށް އިންސާނެއްގެ ބޮލުގައި "ބްރެއިން ޗިޕް" ހަރުކޮށްފައިވާ އިރު މިކަމާ ގުޅިގެން އެކި ގޮތް ގޮތަށް މީހުންގެ ޝުއޫރުތައް ދަނީ ފާޅު ކުރަމުންނެވެ. އެގޮތުން ގޮތް ނޭނގޭ ސައިންސު ކުރިއަރުވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރާ މީހުންވެސް ވަރަށް ގިނައެވެ. އެހެން ނަމަވެސް މި އިމްޕްލާންޓްކޮށްފައިވާ މީހާގެ ހާލު ރަނގަޅުވެ، އޭނާގެ ސިކުނޑި އާއި ޗިޕްތަކުން ކޮށްފައިވާ ޓެސްޓުތަކުން ވެސް "ނިއުރޮން"ގެ ހަރާކާތްތައް ފެނުން ފަދަ އުއްމީދީ ނަތީޖާތަކެއް ފެންނަ ކަމަށް އެލޮން މަސްކު ވަނީ ބުނެފައެވެ. އެހެން ކަމުން މިކަން ކާމިޔާބުވާނެ ކަމަށް ގިނަ ބަޔަކު މިހާރު އުއްމީދު ކުރެއެވެ.