ބީޓާ ޓެސްޓިން ކުރިއަށްދާ އެޑޯބީގެ 'އެކްރޮބެޓް'ގެ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް)ގެ ގިނަ ފީޗާތަކެއް ދައްކާލައިފިއެވެ. އެންމެ ފާހަގަކޮށްލެވެނީ އެކްރޮބެޓް 'ރީޑާ' އަށް އިތުރު ކުރި ބައެވެ. މިހާރު ބީޓާ ޓެސްޓިން ކުރިއަށްދާ މި ފީޗާއިން ދިގު ހަބަރުތަކާއި މައުލޫމާތު ހިމެނޭ ލިޔުންތައް ފަށައިގެން، ނިމެންދެން ކިއުމުގެ ބަދަލުގައި އެ ލިޔުމުގެ ހުލާސާއެއް ހޯދޭނެއެވެ.
އެގޮތުން ޕީޑީއެފް އާއި އެފަދަ އެހެން ޑިޖިޓަލް ލިޔެކިތުންތައް ހުލާސާކޮށް އެ ލިޔެކިޔުންތަކާ ބެހޭ ސުވާލުތަކަށް ޖަވާބު ދެވޭނެ ގާބިލުކަން ހުންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިދުމަތް އެކްރޮބެޓްގައި އެޑޯބީން ހިމެނިއިރު މި ހިދުމަތް ވަނީ ގިނަ ބަޔަކަށް ވަރަށް ކަމުގޮސްފައެވެ. މި އޭއައި އެސިސްޓެންޓްގެ ސަބަބުން ދިގު ޕީޑީއެފް ޑޮކިއުމަންޓުތައް ފަށައިގެން ނިމެންދެން ކިޔާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި މުޅި ޑޮކިއުމެންޓްގެ ހުލާސާއެއް ކިޔާ މީހާއާއަށް ނަގާލެވޭނެ އެވެ. މީގެ އިތުރުން އެ ޑޮކިއުމަންޓެއްގައި ހުރި މައުލޫމާތުތަކާ ބެހޭ ގޮތުން ކަސްޓަމަރުންނަށް ސުވާލު ކުރެވޭނެ ގޮތްވެސް ވަނީ ހަދާފައެވެ.
އޯޕަން އޭއައި ޗެޓްޖީޕީޓީގެ ބައެއް ސައިޓުތަކުން މިހާރުވެސް ޑޮކިއުމަންޓްތައް ޕީޑީއެފް ޑޮކިއުމަންޓް އަޕްލޯޑް ކުރުމުން ހުލާސާ ކުރުމުގެ ހިދުމަތް ދެއެވެ. ނަމަވެސް އެފަދަ ހިދުމަތްތަކުގައި ކަސްޓަމަރުން ޕީޑީއެފް ފައިލް އަޕްލޯޑް ކުރަން ޖެހެއެވެ. އެހެން ކަމުން މުހިއްމު މައުލޫމާތުތަކެއް ދެވަނަ ފަރާތަކަށް ލިބުމުގެ ބިރު އޮވެއެވެ. އެހެން ނަމަވެސް އެޑޯބީން އަލަށް ތައާރަފުކުރި މި ހިދުމަތަކީ މިހާރު މުޅި ދުނިޔޭގައި ބޭނުން ކުރަމުން އަންނަ އެތައް ޓްރިލިއަން ޕީޑީއެފް ފައިލްތައް ފަސޭހަކަމާއެކު ހުލާސާ ކުރެވޭނެ މަގެކެވެ.
އެޑޯބީގެ ސީއީއޯ ނަރަޔެން ބުނާގޮތުގައި މިހާރު 100 ސޮފުހާގެ ޑޮކިއުމަންޓެއް ފަށައިގެން ނިމެންދެން ކިޔާނެ ކަމެއް ނެތެވެ. އޭގެ ބަދަލުގައި އެ ދިގު ޑޮކިއުމެންޓްގެ ހުލާސާއެއް ފަސޭހަކަމާއެކު ހޯދޭނެ އެވެ. މި ހިދުމަތުގެ ސަބަބުން އެތައް ވަގުތެއް ސަލާމަތްވެގެން ދާނެއެވެ. ލިޔުން ކިތަންމެ ދިގު ނަމަވެސް އެ ލިޔުމާ ބެހޭ ގޮތުން ސުވާލުކޮށް ލިޔުމުގައި ހިމެނޭ އެންމެ މުހިއްމު ބައިތައް ފަސޭހަކަމާއެކު އެކްރޮބެޓް ރީޑާގެ ތެރެއިން މިހާރު ހޯދޭނެއެވެ. އެ ލިޔުމާއި ދެން ހުރި ލިޔުންތަކާ ހުރި ގުޅުންތައް ވެސް ފަސޭހަކަމާއެކު ބަލައިލެވޭނެވެ.