ރިޔާސީ އިންތިޚާބުގެ ނަތީޖާ ބާތިލު ނުކުރަން ސުޕްރީމް ކޯޓުން ދާދި ދެންމެއަކު ނިންމައިފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމަވައިފައި ވަނީ އިންތިޚާބު ބާތިލުކުރަން ޖެހޭ އެއްވެސް އަސާސެއް ނެތް ކަމަށެވެ. އެ ގޮތުން މައްސަލަ ހުށަހެޅި ފަރާތުން މައްސަލަ ސާބިތު ކުރެވޭނެ ފަދަ ގާނޫނީ އަސާސް ތަކެއް ހުށަހަޅާފައި ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައި ވަނީ ދައުވާކުރާ ފަރާތުން ހުށަހަޅައިފައިވާ ލިޔުންތަކަށް ބަލާ އިރު، އިންތިޚާބުގެ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
އެ ގޮތުން ވޯޓު ކަރުދާސް ބެލެހެއްޓުމުގެ ކަންކަމުގައި ސެކިއުރިޓީ މައްސަލަ ތަކެއް ހުރި ކަމަށް ބުނެ ހުށަހަޅާފައި ނުކުތާއާ ގުޅިގެން ސުޕްރީމު ކޯޓުގެ ހުކުމުގައި ވިދާޅުވީ، ސެކިއުރިޓީގެ ކަންކަން އިލެކްޝަންސް އިން ބަލަހައްޓާފައި ވަނީ ފުލުހުންނާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަން އެނގޭ ކަމަށާއި ސެކިއުރިޓީއާ ގުޅޭ ގޮތުން ދައުވާ ކުރާ ފަރާތުން ހުށަހަޅާފައިވާ ފަދަ އެއްވެސް ވާހަކައެއް ފުލުހުންގެ ފަރާތުން ބުނެފައި ނުވާ ކަމަށެވެ.
ވޯޓާސް ރަޖިސްޓްރީގައި ވަރަށް ގިނަ މައްސަލަތައް ހުރި ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވީ ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާ އިރު އެއްވެސް މީހެއްގެ ވޯޓުދިނުމުގެ ހައްގު ގެއްލުނުކަން ސާބިތު ނުވާ ކަމަށެވެ.
ވޯޓު ކަރުދާސް ހުރި ބައެއް އުރަތައް ކެނޑިފައި ހުރި ކަމަށް ބުނެ އޭގެ ސެކިއުރިޓީއާ މެދު ސުވާލު އުފައްދާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައި ވަނީ، ބައެއް އުރަތައް ކެނޑުނު ވާހަކަ ހުށަހަޅާފައި އޮތް ނަމަވެސް، ވޯޓު ކަރުދާސް ހުރި އުރައެއް ކެނޑިފައި އޮތްކަން ސާބިތު ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.
ވޯޓުލާ ބައެއް މަރުކަޒު ތަކަށް އަތް ދަބަހާއި ފޯނު ފަދަ ތަކެތި ވައްދައި ނެރި ހެދުމުގެ ސަބަބުން އެ ފަދަ ވޯޓުލާ މަރުކަޒުތަކުން ވޯޓު ކަރުދާސް ބޭރުކޮށް ވެއްދުމުގެ ފުރުސަތު އޮތް ކަން ފާހަގަކޮށް ހުށަހަޅާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ވިދާޅުވެފައި ވަނީ، އެފަދަ ތަކެތި ވެއްދީ ކޮންތާކު ހުރި ކޮން ވޯޓު ފޮއްޓަކަށް ކަން ސާބިތު ނުވާ ކަމަށާއި އަތް ދަބަސް ވެއްދުމަކީ ވޯޓު ކަރުދާސް ވެއްދިކަމަށް ނިންމޭނެ ސަބަބެއް ނޫން ކަމަށެވެ.
(ތަފްސީލު އަންނަނީ)