ކްލަބު މޯލްޑިވްސް ކަޕް

ކްލަބު މޯލްޑިވްސް ކަޕްގެ ފައިނަލުގެ ޖާގަތައް ބީއެމްއެލް އާއި ވެމްކޯއަށް

ކްލަބު މޯލްޑިވްސް ކަޕް 2019ގެ ފައިނަލުން ޔުނައިޓެޑް ބީއެމްއެލް އާއި ކްލަބު ވެމްކޯ ޖާގަ ހޯދައިފިއެވެ.

ބީއެމްއެލް އާއި ވެމްކޯ އިން ފައިނަލުގެ ޖާގަތައް ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

ރޭ ކުޅުނު ސެމީގެ ފުރަތަމަ މެޗުގައި ބީއެމްއެލް އިން ވަނީ 3-0ގެ ނަތީޖާއަކުން އުރީދޫ ބަލިކޮށްފައެވެ. އެ މެޗުގައި ބީއެމްއެލް އިން ޖެހި ތިން ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ އަލީ ހާފިޒެވެ.

ސެމީގެ ދެވަނަ މެޗުގައި ކްލަބު އިމިގްރޭޝަން އަތުން ކްލަބު ވެމްކޯ މޮޅުވީ 5-4ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ވެމްކޯ އިން ޖެހި ފަސް ލަނޑުގެ ތެރެއިން ތިން ލަނޑު އަބްދުﷲ ޝައްފާން (ޝާކާ) ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް މުބީން އަހްމަދު ރަޝީދު (މުއްކި) އާއި އިބްރާހިމް އަސްވާދެވެ. މެޗުގައި އިމިގްރޭޝަނުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު އިބްރާހިމް މަހުދީ ހުސައިން ކާމިޔާބުކޮށްދިން އިރު، އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލީ ހައިޝަމް (ޗުމްޕު) އާއި އަހްމަދު ވިސާމް (ޖެރާޑް) އެވެ.

އެ މުބާރާތުގެ ފައިނަލްގައި ބީއެމްއެލް އާއި ވެމްކޯ ބައްދަލުކުރާނީ އަންނަ ހުކުރު ދުވަހުގެ 8:30ގައެވެ. އެ މެޗުގެ ކުރިން މުބާރާތުގެ އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފައިނަލުގައި އެމްޕީއެލްއާއި ޕޮލިސް ވާދަކުރާނެއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަނުންނާއި ރަނަރަޕް ކުޅޭ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:30ގައެވެ.

މިމަހުގެ ނުވަވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ބައިގައި 32 ޓީމު ވާދަކުރާ އިރު، ވިމެންސް ފުޓްސަލް ފިއެސްޓާގައި އަށް ޓީމެއް ވާދަކުރެއެވެ.

ކްލަބު މޯލްޑިވްސް ކަޕް 2019ގެ އޮފިޝަލް އޮންލައިން ނިއުސް ޕާޓްނަރަކީ ވަން އޮންލައިނެވެ.