ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަންނަން ޖެހޭނީ ގާސިމް ފަދަ ބޭފުޅެއް: ޝިޔާމް

އަލީ އިހްސާން

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަންނަން ޖެހޭނީ ގާސިމް ފަދަ ބޭފުޅެއް ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިރޭ ވީޓީވީން ގެނެސްދިން "ފަސްމަންޒަރު" ޕޮރްގުރާމުގައި ވާހަކަދައްކަވަމުން ޝިޔާމު ވިދާޅުވީ ގާސިމް އިބްރާހީމަކީ، ދިވެހިރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކަށް، ވަކިން ހާއްސަކޮށް ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅެއް ކަމަށެވެ.

މަޖިލީހުގެ ނިޒާމު، ބިނާވެގެންވަނީ މަޖިލީހުގެ ރައީސްކަމުގައި ހުންނަވާ ބޭފުޅާގެ އަމަލުތަކުގެ މައްޗަށް ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ގާސިމް ފަދަ، ދިވެހިރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކަށާއި ގާނޫނު އަސާސީއަށް ހުރުމަތްތެރިކޮށް ހިއްތަވާ ބޭފުޅަކު ރައީސްކަމަށް ގެނައުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށްވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

ޝިޔާމު އިތުރަށް ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ވަޑައިގަންނަވާ ބޭފުޅަކީ، ހެދިފައި ހުންނަ ގާނޫނުތަކަށާއި ގާނޫނު އަސާސީއަށް އަދި މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތާ ބޭފުޅެއްނަމަ ވަރަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމުގައެވެ.

އަހްމަދު ޝިޔާމް ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވައި ނައިފަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރައްވައިފައެވެ. އަދި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވައި، 18 ވަނަ މަޖިލީހުގެ ރައީސް ގާސިމް ވެސް ވަނީ 19 ވަނަ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަމަށް ހޮވިވަޑައިގެންފައެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑި ކާމިޔާބުކޮށް، އެމްޑީޕީން ވަނީ ސުޕާ މެޖޯރިޓީ ހޯދައިފައެވެ. މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަމަށް ގެނައުމަށް އެމްޑީޕީން ނިންމާފައިވަނީ އެ ޕާޓީގެ މެމްބަރެކެވެ.