އާއިލާއަށް ފިލައިގެން އުޅޭ ދެ ކުދިން ފޮރުވައިގެން އުޅެނިކޮށް ފުލުހުން ހޯދައިފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ އެފްސީޕީޑީއަށް ހުށަހަޅާފައިވާ އާއިލާއަށް ފިލައިގެން އުޅޭ ކުޑަ ދެ ކުދިން ފޮރުވައިގެން ރަށެއްގައި ގެންގުޅޭ ކަމުގެ މައުލޫމާތު، އެ ސަރަހައްދުގެ ފުލުހުންގެ މައި އިދާރާއަށް ލިބުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެ ރަށުގައި އެ ދެ ކުދިން އުޅޭ ގެއަށް ރޭ 2:55ގައި ފުލުހުން ވަދެ، އެ ގެއިން އެ ދެ ކުދިން ހޯދާފައިވާ ކަމަށެވެ.
އެ ކުދިން ހޯދައި، އުމުރުން 29 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ކަމަށް ބެލެވޭ ސާމާނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސްކޮޅަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކުޑަ ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހިމެނޭ ދެ ކުދިން އެފްސީއެސްސީއާ ހަވާލުކޮށް، އެ ކުދިންގެ އާއިލާއާ ހަވާލުކުރެވެންދެން ކުދިންނަށް ރައްކާތެރި މާހައުލެއްގައި ބައިތިއްބާފައިވާ ކަމަށެވެ.