އިބްރާހިމް ޒަކީ
އަންނަ މެއި މަހުގެ 28 ވަނަ ދުވަހުގެރޭ، 19 ވަނަ ރައްޔިތުންގެ މަޖީހުގެ މެންބަރުން ހުވައި ކުރެއްވުމަށްފަހު ބާއްވާ އެ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ، އެމްޑީއޭގެ ލީޑަރު، މިދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމު މުހައްމަދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މަޖިލިސް އިދާރާއިން ބުނީ، ގާނޫނުއަސާސީގެ 72 ވަނަ މާއްދާގައިވާ ގޮތުގެމަތިން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންފައިވާ މެންބަރުން، ގާނޫނުއަސާސީގެ 81 ވަނަ މާއްދާގައިވާ ގޮތުގެމަތިން މެންބަރުކަމުގެ ހުވައި ކުރެއްވުން މެއި މަހުގެ 28 ވާ އަންގާރަ ދުވަހު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ނިންމަވާފައިވާ ކަމަށެވެ.
މެންބަރުން ހުވައި ކުރެއްވުން އޮންނާނީ މެއި 28 ވާ އަންގާރަ ދުވަހުގެ ރޭ 9:30 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މެންބަރުން ހުވައި ކުރެއްވުމަށްފަހު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނެކަމަށެވެ. އަދި ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން ފުރަތަމަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ކަމަށްވެސް މަޖިލިސް އިދާރާއިން ބުންޏެވެ.
ޤާނޫނު އަސާސީގެ 82 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ، އާއްމު އިންތިހާބަށްފަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުގެ ރައީސަކާއި ނާއިބު ރައީސެއް އެ މަޖިލީހުގެ ސިއްރު ވޯޓަކުން އިންތިހާބު ކުރަންވާނެ ކަމަށެވެ.
އަދި މަޖިލީހުގެ ރައީސް އާއި ނާއިބު ރައީސް އިންތިހާބު ކުރެވެންދެން އެޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަދުވަސްވީ މެންބަރެކެވެ. އަދި މެންބަރުކަމުގައި މެދު ނުކެނޑި އެންމެ ގިނަ ދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ އެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރު ކަމަށްވެސް އެ މާއްދާގައި ބުނެފައިވެއެވެ.