އުމަރު ނަސީރު

މައްސަަލަ ހައްލު ކުރެވޭނީ މުދާ ނަގައި މަރުގެ އަދަބުދީގެން: އުމަރު

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ، އެތަކެތި ރާއްޖެ އެތެރެކުރާ ފަރާތްތަކުގެ މުދާ އަތުލައި، އެފަރާތްތަކުގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކޮށްގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވެފައި މިވަނީ، ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 150 ކިލޯގެ މަސްތުވާތަކެތި ގދ. ހުޅުވާރުދު އިން އަތުލައިގަނެފައި ވަނިކޮށެވެ.

މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު، މަރުގެ އަދަބު ތަންފީޒު ކުރުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރެއްވި، އުމަރު ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތް ކުރުމަށްޓަކައި، އެފަދަ ފިޔަވަޅުތައް އެޅުމުގެ ބުންވަރާއި، ޖެހިލުން ކުޑަކަން ރާއްޖޭގެ ސިޔާސީ ވެރިންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި، ފުލުހުންގެ އިތުރު ކޯޓުތައް ސިވިލް ސާވަންޓުންގެ އަތްމައްޗަށް ދޫކޮށްލައިގެން އެކަން ނުކުރެވޭނެ ކަމަށްވެސް އުމަރު ވިދާލުވިއެވެ.

އުމަރު ނަސީރު އަބަދުވެސް ގެންދަވަނީ، އިސްލާމީ ޝަރީއަތާ އެއްގޮތަށް، މީހުން މަރައި މަސްތުވާތަކެތީގެ ބޮޑެތި ކުށްވެރިންނަށް މަރުގެ އަދަދަބުދީ ވައްކަންކުރާ މީހުންގެ އަތް ކެނޑުމުގެ އަދަބު ތަންފީޒު ކުރުމަށް ވަކާލާތު ކުރައްވަމުންނެވެ.

އުމަރު ވިދާޅުވީ، ފުލުހުންނާއި، ކޯޓުތަކާއި، ސިވިލްސާވަންޓުން އަތަށް ދޫކޮށްލައި ސިޔާސީވެރީންގެ ހިޔަލަށް ޖެހި ތިބެގެން މަސްތުވާތަކެތިން ރާއްޖެ ސަލާމަތް ނުވާނެ ކަމަށެވެ. އަދި ސިޔާސީ ވެރިންގެ ކިބައިގައި ބުންވަރާއި، ޖެހިލުންކުޑަކަން ހުންނަން ވާނެ ކަމަށާއި، އެތެރެކުރާ މީހުންގެ މުދާ ނަގައި މަރުގެ އަދަބު ތަންފީޒު ކޮށްގެން ނޫނީ އެކަމަށް ހައްލެއް ނުހޯދޭނެ ކަމަށެވެ. ދިވެހިން އަދި އެދުވަސް ދެކޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަަލައިގައި، ރޭ ފަސްމީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކުގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށް، އަނެއް ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.