ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރު 1:00 އަށް ތާވަލްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ނަތީޖާ އޮޅުވައިލާފައިވާ ކަމަށް ބުނެ ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައި ވަނީ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބޭއްވުމަށް އަމުރުކޮށްދިނުމަށެވެ. މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން ސުޕްރީމް ކޯޓުން ބާއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ.
އަންގާރަ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ސުޕްރީމް ކޯޓުން ވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ސިއްރު ހެކިންގެ ހެކިބަސް ނުނަގަން ނިންމަވައިފަ އެވެ. އެ ގޮތަށް ނިންމެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.
އެދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވައިލައްވަމުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އިތުރު ކަމެއް ސާފުކުރައްވަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު އިންތިޚާބު ކާމިޔާބު ކުރެއްވީ 134،705 ވޯޓާ އެކުގައެވެ.