ގޯލްޑަން ފުޓްސަލް ޗެލެންޖް

ގޯލްޑަން ފުޓްސަލް ޗެލެންޖް: އޭދަފުށީގެ ރައްޔިތުން ނުކުމެ ޓީމަށް ޝަރަފުވެރި މަރުހަބާއެއް

ބ. އޭދަފުށިން ފުރަތަމަ ފަހަރަށް ރާއްޖޭގެ އެންމެ ބޮޑު، އަދި ޝަރަފުވެރި ފުޓްސަލް މުބާރާތް ކާމިޔާބުކޮށް، އިއްޔެ އެރަށަށް ޓީމު ދިޔުމާއެކު ރައްޔިތުން ނުކުމެ ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އިއްޔެ ހަވީރު ޓީމު ރަށަށް ދިޔުމާއެކު ރަތް ދޫލައިގެ މަރުހަބާއެއް ރަށުން ކިޔާފައިވާ އިރު، އެންމެ ފުރަތަމަ ޓީމަށް މަރުހަބާ ކިޔާފައި ވަނީ ރަށުގެ އިސް ފަރާތްތަކާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ. ޓީމަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ސަލީމް ވަނީ އޭދަފުށި ޓީމަށް 50,000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދެއްވައިފައެވެ.

އޭދަފުށިން މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދީ، ފައިނަލްގައި 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަމުގެ މައްޗަށް 4-2ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

އޭދަފުށިން މުބާރާތުގައި މޮޅު ކުޅުމެއް ދައްކާފައިވާ އިރު، އެޓީމުން ވަނީ ތ. ތިމަރަފުށި, މާފަންނު އަދި ލ. ގަމާއި ކ، ގާފަރު ބަލިކޮށްފައެވެ. އެޓީމުން ފައިނަލްގައި މޮޅަށް ކުޅެ ގަން ބަލި ކުރި އިރު، މިފަހަރު މުބާރާތުގެ ކިންގަކީ އޭދަފުށީގެ އިޝާން އިބްރާހީމް (ސައްޓު) އެވެ. އޭނާގެ އިތުރުން ހައިޝަމް ހަސަން (ބިޑި) މުބާރާތުގެ ގަދަ ފަހެއްގައި ހިމެނުނު އިރު، އެންމެ މޮޅު ކީޕަރަކީ އަބްދުﷲ ނާސިހުއެވެ.

އޭދަފުށިން ފުޓްސަލްގެ ރަސްކަމަށް އައިސްފައިވާ އިރު، އިއްޔެ ކުޅުންތެރިންގެ އާއިލާތަކާއި އޭދަފުށީގެ ރައްޔިތުންގެ ފަރާތުން ޖަޒުބާތީ މަންޒަރުތަކެއް ފެނިގެން ގޮސްފައިވެއެވެ. އާއިލާތަކުން ކުޅުންތެރިންނަށް ހާއްސަ ލޯތްބެއް ދީފައިވާ އިރު، މަރުހަބާ ކިޔުމަށް ހާއްސަ ބުއިމެއްގެ ގޮތުގައި ބަތްޕެން ދިން ތަންވެސް ފެނިގެން ގޮސްފައިވެއެވެ.

އޭދަފުށީގެ އިތުރުން ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކޮށްފައިވާ ޗެމްޕިއަނުންނަކީ ތ. ތިމަރަފުއްޓާއި ބ. ހިތާދޫގެ އިތުރުން ލ. ގަމާއި މާލޭގެ މާފަންނު އަދި ހެންވޭރެވެ.