ކްލަބް ވެލެންސިއާ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއްޔެ ނިންމައިފިއެވެ.
ވެލެންސިއާ ފުޓުބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑް ކުރަން އިއްޔެ ނިންމި ނިންމުމާއެކު އެފްއޭއެމްއިން ވަނީ އެ އިދާރާގެ އިންތިހާބު އަނެއްކާވެސް އަލުން އިއުލާނު ކޮށްފައެވެ.
އެފްއޭއެމްއިން އިއްޔެ ބުނީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، އަސާސީ ގަވާއިދާ އެއްގޮތަށް، 45 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އަންނަ މަހުގެ 20 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށާއި މި މަހުގެ 16 ގެ 14:00 ގެ ކުރިން މަގާމަށް ކުރިމަތިލާ ފަރާތްތަކުން ލިޔެކިޔުންތައް ހުށަހަޅަން އެދޭ ކަމަށެވެ.
އެ ނިންމުން އެފްއޭއެމްގެ އެކްސްކޯއިން ނިންމި އިރު، އެފްއޭއެމްގެ އެކްސްކޯއިން ދާދިފަހުން މުފާވިޒް ހާޝިމް (މުފާ) އިސްތިއުފާ ދީފައިވެއެވެ. އެހެންކަމުން ސައްހަ އެކްސްކޯއެއް އޮތްތޯ އެފްއޭއެމްއަށް ސުވާލުކުރުމުން ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ، އެފްއޭއެމްގައި އަދިވެސް ސައްހަ އެކްސްކޯއެއް އެބައޮތް ކަމަށެވެ.
އެފްއޭއެމްއިން ވެލެންސިއާ ސަސްޕެންޑް ކުރީ ވެލެންސިއާގެ ހިންގާ ބޯޑު ގަވާއިދާ ހިލާފަށް އޮޅުވާލައިގެން ބަދަލުކުރި ކަމަށް ބުނެ، ވެލެންސިއާގެ ބައެއް ބޯޑު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ވެލެންސިއާގެ ޗެއާމަން، އަބްދުﷲ އަޒްމީންއާ ދެކޮޅަށް އެ ކްލަބުން ވަކިކުރި ބޯޑު މެމްބަރުން ވަނީ ވަގުތީ އަމުރެއް ނެރެން ސިވިލް ކޯޓަށް ގޮސްފައެވެ. އެކަމަކު، ސިވިލް ކޯޓުން އެ އަމުރު ނެރެނުދިނެވެ.
އެހެންކަމުން އެ ހިސާބުން ވެލެންސިއާގެ ބޯޑުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ބާރު ގެއްލިފައިވުމާއެކު، އިންތިހާބާ ދިމާކޮށް ވެލެންސިއާ ސަސްޕެންޑް ކުރަން އެފްއޭއެމްއިން ވަނީ ނިންމައިފައެވެ.
ވެލެންސިއާއިން އިއްޔެ ބުނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރަން އެފްއޭއެމް އިން އިއްޔެ ނިންމީ، އެ އެސޯސިއޭޝަންގެ އިންތިހާބާ ދިމާކޮށް ރޭވުމަކުން ކަމަށެވެ.
ވެލެންސިއާ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މާޗް 16 ވަނަ ދުވަހުގެ ކުރިން، މި އޮތް އަށް ދުވަސް ތެރޭ އެފްއޭއެމަށް ވިލަރެސް ކުރެވޭ ގޮތަށް ވެލެންސިއާގެ ބޯޑެއް އިންތިހާބު ކުރުމަށް ބުނެ، ވެލެންސިއާ ސަސްޕެންޑް ކުރުމަކީ އެފްއޭއެމް އިން ރާވައިގެން ކުރި ކަމެއް ކަމަށެވެ.
"ސަސްޕެންޝަން ކުރިމަތިކުރުމަކީ ރާވައިގެން، ގަސްދުގައި މި ކްލަބަށް އެފްއޭއެމް އިންތިހާބުގައި ބައިވެރިނުވެވޭގޮތް ހެދުމަށް ދީފައިވާ ސަސްޕެންޝަނެއް ކަމަށް ވެސް ދެކެމެވެ. އަދި އެފްއޭއެމްގެ މި އަމަލަކީ އެ އިދާރާއިން ނުރުހިއްޖެ، ކޮންމެ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅައި ކުޅިވަރުގެ އަގުމާތްވި، ރިވެތި އުސޫލުތައް މުގުރަމުންދާނެކަން ދަލީލުކޮށްދޭ ކަމެއް ކަމުގައި މި ކްލަބުން ދެކެމެވެ." ވެލެންސިއާގެ ބަޔާނުގައިވެއެވެ.