(1 މާޗުގެ އަދަދާ ގުޅޭ)
"އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ މިއީ، اللّــــه ގެ ޙަޟުރަތުންއައި ކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުގެ ފަރާތްޕުޅުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަމަކީވެސް، اللّــــه ގެ ޙަޟުރަތުން އަންނަ ކަމެކެވެ." (ســورة الـنّسـاء: 78)
އާދެ، އިސްލާމީ ތަޙްރީކު ކުރިޔަށް ގެންދިޔުމުގައި ކުރިމަތިލާންޖެހޭ މަޢުރިކާތަކުގައި ލިބޭ ހުރިހައި ޒަޚަމްތަކަކާއި ގެއްލުންތަކަކާއި ވާންޖެހޭ ހުރިހައި ޤުރްބާނީތަކެއްގެ ޒިންމާ، ފަސްވަނަ ކޮލަމުގެ މީހުން އަޅުވަނީ، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އިސްތަށިފުޅުގައެވެ. ފަސްވަނަ ކޮލަމުގެ މީހުން ފާޅުގައި ބުނަމުން ގެންދިޔައެވެ. "އިސްލާމްދީނަކީ އޭގެ ޒާތުގައި މައްސަލައެއް ނޫންކަމުގައިވިޔަސް، މަގުދައްކާންތިބި މީހުންވަނީ ހުރިހައިކަމެއް ބޮއްސުންލައްވައި، އަޖައިބުވާފަދަ އެނބުރޭ އޮއިވަރެއްގެ ތެރެޔަށް ވައްދައިފައެވެ."
ފަސްވަނަ ކޮލަމުގެ މީހުންގެ ދެފުށްދެގޮތް ދީންވެރިކަން ވިސްނުންފުޅަށް ގެންނަވާށެވެ. އެއުރެން މުސްލިމުންނަށް ލިބޭ ކޮންމެ ހެވަކާއި ކާމިޔާބީއެއް، ނުހަނު ޞަރީޙަކަމާއެކު މާތް اللّــــه ގެ ރަސްކަންފުޅަށް ނިސްބަތްކުރެއެވެ. އެކަމަކު އެއީ އެބައިމީހުންގެ ޕްރޮޕެގެންޑާގެ ފަލްސަފާގެ ބައެކެވެ. އެބައިމީހުންގެ މަޤްޞަދަކީ ނުސީދާގޮތެއްގައި އެކަންކަމަކީ އިއްތިފާޤީ ކަންކަންކަމުގައި ހެދުމެވެ. މާތް اللّــــه ގެ ރަސޫލާގެ މަސައްކަތްޕުޅަށް އިޢުތިރާފު ނުވުމެވެ. އުންމަތުގެ އިޚްލާޞްތެރި އަމީރަށް ހެޔޮނޭދުމެވެ. ކިޔަމަންތެރިވުމުގެ ޙައްޤު އަދާނުކުރުމެވެ. އަނެއްކޮޅުން އިސްލާމީ އުސޫލަކީ، ދީނާއި ސިޔާސަތުގެ އިސްލާމީ އިމުގައި ހުންނަވާ އިމާމަށް ކިޔަމަންވުމެވެ. "ކައުވެގެން" ހުރީ ޙަބަޝީ އަޅެއްކަމުގައި ވިޔަސްވެހެވެ. ފަސްވަނަ ކޮލަމުގެ މީހުން އެބައިމީހުންގެ ބަހުން ދައްކާންއުޅެނީ މާތް اللّــــه ގެ ރަސޫލާ އެއްކިބާކޮށްފައި، މާތް اللّــــه އާ އެބައިމީހުންނާ ސީދާ ގުޅޭކަމެވެ.
މަދީނާގެ އިސްލާމީ ތަޙްރީކުގެ ޤާއިދުގެ ހިތްޕުޅަށާއި ސިކުނޑިފުޅަށް މިފަދަ ވެއްޓަކުން ލިބިވަޑައިގަންނަވާނެ ފުންއަސަރު، އަޅުގަނޑުމެންގެ ހިތްތަކަށް ސިފަކޮށްގަތުމަކީވެސް ފަސޭހަކަމެއް ނޫނެވެ. އާދެ، ތަޙްރީކުގެ ކުރިޔަށްދާ މަގުގައި ޤުދްރަތީގޮތުން ދިމާވާ ކޮންމެ އުނދަގުލަކާއި ތަކްލީފަކާ ގުޅިގެން، ދެކޮޅުވެރިކަމާއެކު ފާޑުކިޔާ މީހުންނާއި އަވާނިވާކުރާ މީހުންނާއި އިދިކޮޅު އަޑުފަތުރާ މީހުން، ޚުދު މުސްލިމުންގެ ޖަމާޢަތުގެ ތެރޭގައި ތިބުމުންނެވެ. އުނދަގޫ މަރްޙަލާއަކާ ކުރިމަތިލާންޖެހޭ ކޮންމެފަހަރަކު، މާބޮޑެތި އެދުރުބޭކަލުންތަކެއް ކަމުގައި ހެދިގެން މިވެނިކަމެއް އެވެނިގޮތަކަށް ކުރެއްވިނަމައޭ، މިވެނިގޮތަކަށް ކަންނުކުރެއްވިނަމައޭ ކިޔާމީހުން ތިބުމުން، ސިކުނޑިފުޅަށްވާނެ ތުރާލެވެ.
ފަސްވަނަ ކޮލަމުގެ މުނާފިޤުންގެ މި ޒިހުނިއްޔަތުގެ ވާހަކަޔަށް، ކީރިތި ޤުރްއާނުގައިވަނީ އަލިއަޅުއްވައިލައްވައިފައެވެ.
"ފަހެ އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަ މީހުން (އެބަހީ: ޝައްކާއި ނިފާޤުގެ ބަލިހުންނަ މީހުން) އެއުރެންގެ (އެބަހީ: ޔަހޫދީންނާއި ނަޞާރާއިންގެ) އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނާތީ ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. ތިމަންމެންނަށް މުސީބަތެއް ޖެހިދާނެކަމަށް، ތިމަންމެން ބިރުގަނެތެވެ." (المـــــائـــدة: 52)
މާނަޔަކީ، އެބައިމީހުން މީހުންނަށް ވިސްނައިދެނީ މިދަންނަވާގޮތަށެވެ. ތަޙްރީކުގެ ރޭލު މިދާ ދިމާޔަށް ކުރިޔަށްދާ ކަމުގައިވާނަމަ، ތަނަކާ މުޑިއަރައިފާނެތީ ނުވަތަ ވަޅުގަނޑަކަށް ވެއްޓިދާނެތީ އަހަރެމެން ތިބެނީ ބިރުން ސިހިސިހިއެވެ. އެހެންވީއިރު ކަމަކާނުލައި އަހަރެމެން މުޞީބަތެއް ކުރިމަތިކޮށްގަންނާންވީ ކީއްކުރާންހެއްޔެވެ؟ އަމިއްލަ ނަފުސުތައް ހަލާކުގެތެރެޔަށް ވައްޓައިލާންވީ ކީއްވެގެންހެއްޔެވެ؟
އުޙުދު ހަނގުރާމައާ ކުރިމަތިވުމުންވެސް، މުނާފިޤުން ދައްކައިއުޅެނީ މިބާވަތުގެ ވާހަކަތަކެކެވެ. އުންމަތުގެ ޤިޔާދަތުގައި އެބައިމީހުންގެ ހިއްސާއެއް އޮތްނަމަ، އުޙުދު ހަނގުރާމައިން މުސްލިމުންނަށް ލިބުނު ގެއްލުން ނުލިބޭނެ ވާހަކައެވެ. ފަސްވަނަ ކޮލަމުގެ މީހުންގެ މިވާހަކަތަކުގެ ފަރުދާވަނީ آل عـمـــــران ســـــورة ގެ އަންނަނިވި އާޔަތުގައި ކަޝްފުކޮށްދެއްވައިފައެވެ.
"އެއުރެން ބުނެތެވެ. ކަންތައްތަކުގެ ތެރެއިން ކަމެއް (އެބަހީ: ހަނގުރާމަޔަށް ނުކުތުމާމެދު އިޚްތިޔާރެއް) ތިމަންމެންނަށް ލިބިގެންވީނަމަ، މިތާނގައި ތިމަންމެން ޤަތުލެއް ނުވީހެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ގޭގޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް ޤަތުލުވުން އެބަޔެއްގެ މައްޗަށް ކަނޑައަޅުއްވައި ލިޔުއްވައިފައިވާ މީހުން އެއުރެން ޤަތުލުވެގެން ވެއްޓޭނެ ތަންތަނަށް ނުކުތީސްކަން ކަށަވަރެވެ." (آل عـمـــــران: 154)
މިމާތް ވަޙީބަސްފުޅުން ސާބިތުވާ ފަދައިން، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޤިޔާދަތާއި ދުރުވިސްނުންފުޅަކަށް އެބައިމީހުން އިތުބާރެއް ނުކުރެއެވެ. އެބައިމީހުންގެ ވިސްނުމުގައި، ކުށެއްނެތް ފަންޑިތަ ވިސްނުމެއް ލިބިފައިވަނީ އެބައިމީހުންނަށެވެ. އެތައް އަހަރެއްގެ ކުރީއްސުރެ ވަޙީގެ ޒަރީޢާއިން އަލިކަން ލިބިވަޑައިގެން، ނުހަނު ބުއްދިވެރިކަމާއެކު ތަޙްރީކު ހިންގަވަމުން ގެންދަވާ ސާހިބާއަކަށެއް ނޫނެވެ.
އިސްވެދިޔަ މިސާލުތަކުން އެނގޭގޮތުގައި، ފަސްވަނަ ކޮލަމުގެ މީހުން އިސްލާމީ ތަޙްރީކާ ފާޅުގައި ދެކޮޅުހެދުމުގެ ބަދަލުގައި އެބައިމީހުން ގެންދިޔައީ، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޒާތުފުޅު ނިވާފަތްގަނޑަކަށާއި އަމާޒުފަތްގަނޑަކަށް ހަދައިގެން އިސްލާމީ ތަޙްރީކަށް ސީދާ ޙަމަލަ ދެމުންނެވެ. ތަޙްރީކުގެ ޤާފިލާ ކުރިޔަށްދާގޮތާމެދު އިޢުތިރާޟު ކުރަމުންނެވެ. ތާކުންތާކުނުޖެހޭ ފާޑުކިޔުންތަކެއް ކިޔަމުންނެވެ. ނުކިޔަމަންތެރިކަމާއި ބޯހަރުކަމުގެ އިތުރު ލާވާތައް ކައްކާނެ ގޮތްގޮތާމެދު ސައްލާކުރުމުގެ ނަޖުވާތައް ބާއްވަމުންނެވެ.
ކުރީންވެސް ދަންނަވައިފައިވާނޭ ފަދައިން، ނަބަވީ ދައުރުގައި މަދީނާގައި ދިރިއުޅުނު ޔަހޫދީންގެ ހުރިހައި ޤަބީލާތަކަކުންވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއެކު ދުސްތޫރީ މުޢާހަދާއެއްގައި ސޮއިކޮށްފައެވެ. އިސްލާމީ ރިޔާސަތުގެ އިންތިޒާމީ ވިއުގައިގައި ބައިވެރިވެފައެވެ. ކުރީއްސުރެ އެބައިމީހުން މަދީނާއިން ހޯދައިފައިވާ އާރާއި ބާރު ދަމަހައްޓައި، އެބާރު އިތުރަށް ވަރުގަދަކުރުމުގެ ވިސްނުމުގައެވެ. ސިޔާސީ އިތުރު މަންފާތައް ލިބިގަތުމަށްޓަކައެވެ. މަދީނާގައި ހެދިފޯދި އާރުލަމުންއައި އިސްލާމީ ތަޙްރީކުގެ ބާވަތް ވިސްނައިނުގަނެވި ތިބެއެވެ. އެ ތަޙްރީކުގެ އަލި މުސްތަޤްބަލާމެދު، ޙަޤީޤީ އަންދާޒާއެއް ނުކުރެވި ތިބެއެވެ. ހުސްއަތްޕުޅާ މައްކާއިން ހިޖުރަކުރެއްވި މަދުބޭކަލުންކޮޅެއް މަދީނާގެ ދަނޑުވެރި އަންޞާރުންނާ ގުޅިވަޑައިގެން، ދުނިޔޭގެ ތާރީޚުގެ މިސުރާބު ބަދަލުކޮށްލައްވާނެ ބާރަކަށް ވެވަޑައިގެންފާނެކަމަކަށް، ޔަހޫދީންނަށް ހުވަފެނަކުންވެސް ފެނިފައެއްނެތެވެ. ޔަހޫދީން ހީކޮށްގެންތިބީ މަދީނާއަށް ވަޑައިގެންނެވި މުހާޖިރުން، ދުވަސްކޮޅެއްގެ ތެރޭގައި ބުރަބުރައިގެން ހިނގައިދާނެކަމުގައެވެ. ގަހަކުންވެރި މީހުން ފައިދަށުލެވިފައިހުރި ހިކިފަތްތަކެއް، މޫސުމުގެ ގަދަވައިގެ ޠޫފާނެއްގައި ބުރަބުރައިގެންދާ ފަދައިންނެވެ. އެފަތްތައް ވަޔާއެކު ބުރަބުރައިގެންނުގޮސް ބިންމަތީ ހަރުލައި ހުރިކަމުގައިވިޔަސް އެފަތްތަކުން ކާދުލިބިގެން، ރީތި މޮޅު ބަގީޗާއެއް ހެދި، މަލާއި މޭވާ ނާޅާނެކަމުގައެވެ. އެކަމަކު ކަންވީ އެގޮތަކަށެއް ނޫނެވެ. އެ ތަޙްރީކުގެ ކަލިމަފުޅު (ޝަހާދަތުގެ ދެކަލިމަފުޅު) ގެ އިޢުޖާޒީ އަދި އިންޤިލާބީ ބާރުގައި، އެމަދު މުހާޖިރުންކޮޅުވަނީ ވަރުގަދަ ރިޔާސަތެއް އުފައްދަވައިފައެވެ. އެއީ ވަށައިގެންތިބި ދެކޮޅުވެރީންނާއި ހަސަދަވެރީންނަށް، އުއްޑުންޖަހައިނުލެވޭހައި ފަންވަރުހުރި ރިޔާސަތެކެވެ. ދާދިކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޔަހޫދީންނަށް ޔަޤީންވީ، އިސްލާމީ ރިޔާސަތަކީ އަރަމުންދާ އަލިގަދަ އިރެއްކަމެވެ. ތިމާމެން ދިއްލައިގެންތިބި އާރާއި ބާރުގެ ދަންމަރުތަކުގައި، އެ އިރުގެ އަލިކަމުގެ ތެރޭގައި ކުޑަވެސް ފާންކަމެއް ނުހުންނާނެކަމެވެ. ޚާއްޞަކޮށް ބަދުރު ހަނގުރާމައިގެ ވަރުގަދަ މަޢުރިކާގައި މައްކާގެ ލަޝްކަރުގެ އުނަގަނޑު ބިންދައިލުމަށްފަހު، އިސްލާމީ ލަޝްކަރު ފަތަޙައިގެ ދިދަތައް ވިހުރުއްވަމުން އެނބުރި މަދީނާއަށް އަންނަތަން ފެނުމުން، ޔަހޫދީންތައް ތިބީ ވަރަށްބޮޑަށް މޭކަރައިފައެވެ. ޙައިރާންވެ އާޝޯޚުވެފައެވެ. އެބައިމީހުންނަށް ވިސްނުނީ، މުޅި މައްސަލައާމެދު އަލުންބަލުން ވިސްނާން މަޖުބޫރުވެއްޖެކަމެވެ.
އެކަމަކު މުސްލިމުންނާ ދެމެދު ޔަހޫދީން ސޮއިކޮށްފައިވާ މުޢާހަދާގެ ސަބަބުން އެބައިމީހުން ވެފައިވަނީ، މުސްލިމުންގެ ޙަލީފުން ކަމުގައެވެ. އަދި ކީއްތޯއެވެ؟ މަދީނާގެ ދުސްތޫރީ މުޢާހަދާއަށް ބޯލަނބައި ކިޔަމަންވާންޖެހޭ ރައްޔިތުން ކަމުގައެވެ. ކަންމިހެން ހުރުމާއެކުވެސް ޔަހޫދީންގެ އަންދުވަހުގެ އާދައިގެމަތީން، އެބައިމީހުންގެ ރޫޙުތަކުގައިހުރީ ވާދަވެރިކަމާއި ބަޣާވަތްތެރިކަމުގެ ޚިޔާލުތައް ކެކިއުތުރި އަރައަރައެވެ.
ޔަހޫދީންނަށް ތިބޭންޖެހިފައިވާ ޙާލަތު އެބައިމީހުން ގޯޅިއެޅުވީ، ފިތުނަވެރިކަމުގެ މަގަށެވެ. އެބައިމީހުންނަށް ލިބޭ ކޮންމެ ފުރުޞަތެއްގައި އެބައިމީހުން މަސައްކަތްކުރީ، މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލެވޭތޯއެވެ. މުސްލިމުން ރުޅިއަރުވައިލެވޭތޯއެވެ. ހަމަތަކާއި އުސޫލުތަކަށް ގޮންޖަހާ ބަޔަކުކަމުގައި މުސްލިމުން ހަދައިލެވޭތޯއެވެ. ޤާނޫނާއި ޤަވާޢިދުތައް މުގުރާ ބަޔަކުކަމުގައި ހަދައިލެވޭތޯއެވެ. ކޮންމެގޮތެއް ހަދައިގެންވެސް، ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އިސްވާރުކަން ބަލިކަށިކޮށްލެވޭތޯއެވެ. ކުރީންވެސް ދަންނަވައިފައިވާނޭ ފަދައިން، ޔަހޫދީންވަނީ އެބައިމީހުންގެ ބޯކޮޅު ބަލައިގެންއުޅޭ އެތައްބަޔެއްގެ މޫނުމަތީގައި ނިފާޤުގެ ނިޤާބު އަޅުވައިފައި، މުސްލިމުންގެ ސަފުތަކުގެ ތެރެޔަށް ވައްދައިފައެވެ. އެއުރެން ގެންދިޔައީ އަންޞާރުންކުރެ އީމާންކަން ބަލިކަށި މީހުން މެދުވެރިކޮށް، އެއުރެންގެ ރޭވުންތަކަށް ޢަމަލީސިފަ ގެނެވޭތޯ ބަނޑާއި ބުރަކަށީން އަޑުކިޔާވަރަށް ހިފަމުންނެވެ.
ޙަސަދައިގެ އަލިފާނުން ހިތްތައް ފިހި މާލައިފައިވާ ޔަހޫދީން ކުރާންފެށި ބަދުއަޚްލާޤީ އެއްކަމަކީ މުސްލިމު އަންހެނުންނަށް ނިސްބަތްކޮށް، ލަދުހުތުރު ބެރެކި ޅެންތައް ހެދުމާއި އެފަދަ ޅެންތައް ޢާންމުކުރުމެވެ. މިދެންނެވި މުޑުދާރު ބެރެކި ޅެންތައް ހަދައި ފެތުރުމުގައި ހައްދުފަހަނަޅައިގޮސް އެބައިމީހުންގެ ހިތްތަކުން މީހުންގެ ޢިޞްމަތްތެރިކަންފަދަ އަސާސީ ތަހުޒީބީ އަގުތަކުގެ އިޙްތިރާމުވެސްވަނީ ކެނޑިފައެވެ. ޔަހޫދީންގެ ލަދުޙަޔާތްކުޑަކަމުގެ އެއްމިސާލަކީ، ޔަހޫދީން ބާޒާރުމަތީގެ ގުންޑާއިންގެ ފެންވަރަށް ވެއްޓުމެވެ.
ޔަހޫދީންގެ ޤައިނުޤާޢުވަންހައިގެ އަވަށްގަނޑެއް މަދީނާގައި އޮތެވެ. މުސްލިމު ޢަރަބި އަންހެނެއް އެއްފަހަރަކު، ޤައިނުޤާޢުވަންހައިގެ ބާޒާރަށް ވިޔަފާރިކުރާން ދިޔައެވެ. ފިހާރަވެރިޔާ އެ އަންހެންމީހާއާ ލަދުހުތުރު ވާހަކަތައް ދައްކައި، އަވާނިވާކުރާން ފެށިއެވެ. ތިޔަ ފޮރުވައިގެންއުޅޭ ރީތި މޫނު ނިކަން ދައްކައިލަބަލާށޭ ކިޔާފައި މައްލަވަކުރިއެވެ. އެންމެފަހުން އެކަލޭގެވަނީ، މުސްލިމް އަންހެންމީހާ ރޯބަރަހަނާ ކޮށްފައެވެ. އެ އަންހެންމީހާ ލަދުން ރޮއި ހަޅޭއްލަވައި ޢަރަބީންގެ އާދައިގެމަތީން، މުސްލިމުންގެ އެހީއަށްއެދި ގޮވާންފެށިއެވެ. އެވަގުތު އެއަޑުއިވުނު މުސްލިމް ޢަރަބި ޒުވާނެއްގެ ޣީރަތްތެރިކަން ހެއިލައިގަތުމުގެ ސަބަބުން، އެ ޒުވާނާ ވަނީ އެކަމުގައި އިސްވެއުޅުނު ޔަހޫދީކަލޭގެ ޤަތުލުކޮށްލައިފައެވެ. ފިތުނަވެރީންގެ މުރާދު ހާސިލުވީ، ޔަހޫދީން އެ މުސްލިމް ޒުވާނާ ޝަހީދުކޮށްލުމުންނެވެ. އެހައިތަނުން މުސްލިމުން މުސްލިމުންނަށް، ޔަހޫދީން ޔަހޫދީންނަށް ގޮވައި، ދެފަރާތުގެ ދެމެދުގައި ބޮޑު ކޯޅުންގަނޑެއް އުފެދިއްޖެއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް އެ ޚަބަރު ލިބިވަޑައިގެންނެވުމުން، ހަމައެވަގުތު އެތަނަށް ފައިންޕުޅު ބީއްސަވައިފިއެވެ. ޔަހޫދީންނަށް ނަސޭހަތްދެއްވައި، އެފަދަ ހަޑިހުތުރު ކަންތައް ނުކުރާން އިންޒާރު ދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. "އޭ ޔަހޫދީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުންގެ ނަފުސުތައް އިޞްލާޙުކުރާށެވެ. އެހެންނޫނީ، ބަދުރުގައި ޤުރައިޝުންނަށް އެޖެހުނުފަދަ ކަމެއް ޖެހިދާނެއެވެ." (ސީރަތު އިބްނު ހުޝާމް، ޖިލްދު 21، ޞަފުޙާ: 179)
(ނުނިމޭ)