ބޮލީވުޑް

ސަލްމާންޚާނާއި އައިޝްވާރިޔާ ރައްޓެހިވެގެން އުޅުނު އިރުގެ އާ ފޮޓޯއެއް ގިނަ ބައެއްގެ ސަމާލުކަމަށް

މަގުބޫލު ބަތަލު ސަލްމާން ޚާން އަދި ބަތަލާ އައިޝްވަރިޔާ ރާއީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރަކީ ގިނަ ގޮސިޕް ކޮލަމް ތަކަކުން ދެތަރިންވެސް ޖާގަ ހޯދަމުން ދިޔަ ދުވަސްވަރެކެވެ. އެއީ އޭރުގެ އެންމެ ހޫނު އެއް މައުޟޫ އެވެ.

ދެބައިވެރިންގެ ގުޅުމާއި ވަކިވެގެން ދިޔުން ވަނީ އެތައް ޒަމާން ތަަކެއް ވާންދެން ފަލަ ސުރުހީތަކުން ޖާގަ ހޯދައިފަ އެވެ. އޭރު އެހާ ގާތްކޮށް އެކީގައި އުޅުނު ދެތަރިން މިހާރު އެކީ އެއްވެސް އިވެންޓެއް ނުވަތަ ތަނަކުން ނުފެނެ އެވެ. އަދި ބަހެއް ބުނެލާ ތަނެއްވެސް ނުފެނެއެވެ.

ދެބައިވެރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދުވަސްވަރު ނަގާފައިވާ ކަމަށް ބެލެވޭ ފޮޓޯއެއް ވަނީ ދާދި ފަހުން އިންސްޓަގްރާމުގައި ބަޔަކު ހިއްސާކޮށްފައެވެ. އެ ފޮޓޯ ވަނީ މީސް މީޑިއާގައި ވައިރަލްވެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަނެފައެވެ. އަނެއްކާވެސް ސަލްމާން އަދި އައިޝް އެކީގައި އުޅުނު ހަނދާންތައް އާކޮށްދީފަ އެވެ.

ސަލްމާން އަދި އައިޝް ލޯބީގެ ގޮތުން ގުޅުނީ ސަންޖޭ ލީލާ ބަންސާލީގެ ހަމް ދިލް ޗުކޭ ސަނަމްގެ ދުވަސްވަރުއެވެ. އެއީ 1999ގައެވެ. ދެމީހުން ވަކިވެފައި ވަނީ 2002 ވަނަ އަހަރު އެވެ. ވަކިވުމަށް ފަހު ދެމީހުން ވެސް އެކަކު އަނެކަކު ވަރަށް ބޮޑަށް ބަދުނާމު ކުރިއެވެ.

އައިޝް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި، ސަލްމާން ވަނީ އޭނާ އަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކޮށްފައެވެ. އަދި ކޯ ސްޓާރުންނާ އޭނާއާ އަޅުވައި ކިޔާކަމަށްވެސް އައިޝް ބުނެފައިވެ އެވެ.

ސަލްމާން ވަނީ މިކަން ދޮގުކޮށްފައެވެ. ސަލްމާން ބުނީ އެއްވެސް ވަރަކަށް އައިޝް އަށް އަނިޔާ ކޮށްފައި ނުވާނެ ކަމަށާއި، އޭނާ އަންނަ ރުޅީގައި ނުވަތަ ދެރަ ވުމުން އަމިއްލަ ނަފްސަށް ޒަހަމްދީފައިވާނެ ކަމަށެވެ. އެގޮތުން އެއް ފަހަރު ފާރުގައި ބޮލުން ތެޅިކަމަށްވެސް ވެއެވެ.

މިއަދު އެ ދެތަރީންވެސް ވަނީ ވަކިން ދިރިއުޅުން ފަށައިފައެވެ. އަބީޝެކް ބަޗަން އާ ކައިވެނި ކުރުމަށްފަހު އައިޝްގެ ހަތް އަހަރުގެ އަންހެން ދަރިއެއް އެބަހުއްޓެވެ.

ސަލްމާން އަދިވެސް ހުރީ ކައިވެންޏެއް ނުކޮށެވެ. ނަމަވެސް އެކި ތަރިންނާ އޭނާ ގުޅިގެން އުޅޭ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން އިވެއެވެ.