ގޯލްޑަން ފުޓްސަލް ޗެލެންޖް

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ "ކިންގް"އަކަށް ސައްޓު

ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު، "ކިންގް" އަކަށް އިޝާން އިބްރާހީމް (ސައްޓު) ހޮވިއްޖެއެވެ.

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ޗެމްޕިއަންކަން މިރޭ ބ. އޭދަފުށިން ހޯދި އިރު، އެ މެޗުގައި އޭދަފުށިން އެންމެފަހުގެ ޗެމްޕިއަންކަން ލ. ގަން ބަލިކުރީ 4-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ސައްޓު ގޯލު ޖެހި އިރު، އޭނާ ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.

އޭދަފުށިން މިފަހަރުގެ މުބާރާތަށް ދުރާލައި، ވަރުގަދަ ޓީމަކާއެކު ތައްޔާރުވި އިރު، އެޓީމު މެޗުތަކުގައި ލީޑުކުރަމުން ގެންދިޔައީ ސައްޓުއެވެ. އޭނާ ފެނިގެން ދިޔައީ ފަހަތުން ޓީމު ލީޑުކޮށް، މުހިންމު ވަގުތުތަކުގައި ގޯލުވެސް ޖެހި ކުޅުންތެރިއެއްގެ ގޮތުގައެވެ.

ސައްޓުއަކީ ރާއްޖޭގެ ފުޓުބޯޅަ އަދި ފުޓްސަލްގައިވެސް އެންމެ ތަފާތު އެއް ކުޅުންތެރިޔާއެވެ. ކުރިން ފުރަތަމަ ޑިވިޝަނުގައިވެސް މޮޅަށް ކުޅުނު ސައްޓުއަކީ ރާއްޖޭގެ ފުޓްސަލްގެ އެންމެ ބޮޑެތި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެކެވެ.

މިރޭގެ ނިންމުމުގެ ރަސްމިއްޔާތުގައި އެންމެ ބެސްޓް ސަޕޯޓަރުން ޓީމަކަށް ހޮވުނީ ކ. ގާފަރެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ގަމުގެ ކޯޗު އިސްމާއީލް ޝަރީފް (އިއްސެ) އެވެ. އެންމެ ގިނަ ގޯލު ޖަހައި، ރަން ބޫޓު ހޯދީ މުހައްމަދު ޒީދާން ޒުހުރީއެވެ. އޭނާ ވަނީ ޖުމުލަ 18 ގޯލު މިއަހަރުގެ މުބާރާތުގައި ޖަހައިފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

  • ހުސައިން ޝަރީފް (އޮންލީ) - ލ. ގަން
  • އަލީ ޝާމިސް (ތޮއްޕެ) - ލ. ގަން
  • އިޝާން އިބްރާހީމް (ސައްޓު) - ބ. އޭދަފުށި
  • ހައިޝަމް ހަސަން (ބިޑި) - ބ. އޭދަފުށި
  • އަލީ މާއިސް (މައްޓު) - ކ. ގާފަރު

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހު ހޮވުނު އިރު، މިރޭގެ ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެކިއެކި ސްޕޮންސަރުންނާއި ޕާޓްނަރުންގެ އަގުވެސް ވަޒަންކޮށްފައެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރި އިރު، 320 މެޗު ކުޅެފައިވެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ. މުބާރާތުގެ ފޯރި ކުރީ އަހަރަށްވުރެވެސް ބޮޑުކޮށް ފެނިގެން ދިޔަ އިރު، މިފަހަރު ސަޕޯޓަރުން ފެނުނީ އާދަޔާހިލާފަށް ގިނަކޮށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.