ގޯލްޑަން ފުޓްސަލް ޗެލެންޖް

ގަން ބަލިކޮށް، އޭދަފުށިން ފުރަތަމަ ފަހަރަށް ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފި

އެންމެ ފަހުގެ ޗެމްޕިއަން ލ. ގަން ބަލިކޮށް، އޭދަފުށިން ފުރަތަމަ ފަހަރަށް ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދައިފިއެވެ.

ހުޅުމާލޭގެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ގަމުގެ މައްޗަށް އޭދަފުށިން ކުރި ހޯދީ 4-2ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ގަމަކީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ޓީމެވެ. އެޓީމުން އެފަހަރުގެ ފައިނަލް ކާމިޔާބުކުރީ ގދ. ވާދޫ ބަލިކޮށްފައެވެ. ގަމުން އެ ފައިނަލްގެ ތަޖުރިބާއާއެކު ތަށި ދިފާއުކުރަން ނުކުތް އިރު، ގަމަށް މިރޭގެ ފައިނަލަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޝަރަފުވެރި މުބާރާތުގައި އެޓީމުން ކުޅުނު ތިންވަނަ ފައިނަލެވެ. އެޓީމުން މިދިޔަ އަހަރުގެ އިތުރުން ދެން ފައިނަލުގައި ކުޅުނީ 2018 ވަނަ އަހަރުއެވެ.

އަނެއްކޮޅުން ނުކުތް އޭދަފުށިން ނުކުތީ އެ ރަށުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބު ކުރުމަށެވެ. އެޓީމުން މީގެ ކުރިން 2019 ވަނަ އަހަރުގެ ފައިނަލުގައި ކުޅެފައިވާ އިރު، އެފަހަރު ފައިނަލުގައި މާފަންނު ކައިރިންވީ ބައްޔެވެ. ފަސް އަހަރަށްފަހު އޭދަފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ނުކުތީ، މިފަހަރު މުބާރާތަށް ތަފާތު ވަރުގަދަ ސްކޮޑަކާއެކު ތައްޔާރުވެގެންނެވެ. ގައުމީ ފުޓުބޯޅަ ޓީމުގައި ހިމެނޭ ނަން މަޝްހޫރު ކުޅުންތެރިންވެސް ޓީމުގައި ހިމަނައިގެންނެވެ.

އޭދަފުށިން މިރޭގެ މެޗު ރަނގަޅު ޓެމްޕޯއެއްގައި ފެށި އިރު، ގަމަށް ފުރަތަމަ ވަގުތުކޮޅު ވެގެންދިޔައީ ޕްރެޝަރު ވަގުތު ކޮޅަކަށެވެ. އެޓީމުން ގިނަ ފައުލްތަކެއް މެޗުގެ ކުރީކޮޅުގައި ކުރި އިރު، އޭދަފުށިން ވަނީ ފުލުފުލުގައި ދެ ގޯލެއްވެސް ޖަހައިފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި އޭދަފުށިން ދެ ގޯލު ޖެހި އިރު، އެޓީމުގެ ފުރަތަމަ ގޯލަކީ ހިލޭ ޖެހުމަކުން މުހައްމަދު ފާސިރު ތަނަވަސްކޮށްދިން ފުރުސަތެއްގައި އިޝާން އިބްރާހީމް (ސައްޓު) ޖެހި ގޯލެކެވެ.

އަދި އޭގެ އިރުކޮޅެއް ފަހުން، ގަމުގެ ފަހަތުން ހުސައިން ޝަރީފް (އޮންލީ) އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދިން ބޯޅައަކުން އޭދަފުއްޓަށް ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރެވެ.

ފުލުފުގައި އޭދަފުށިން ޖެހި ދެ ގޯލާއެކު ގަމަށް ކުރިއަށް ޖެހެން މަޖުބޫރުވެ، އެޓީމުން ކުރިއަށް ޖެހިލިއެވެ. އެޓޭކަށް ވަރަށް ބޮޑަށް ގަމުން ޖެހިލައި އޭދަފުއްޓަށް ޕްރެޝަރު ކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން، އޭދަފުށިން ޖެހި ދެވަނަ ގޯލަށް މިނެޓެއްވެސް ނުވަނީސް، ގަމުން ގޯލު ޖަހައި ފަރަގު ހަނިކުރިއެވެ. އަލީ ޝާމިސް (ތޮއްޕެ) ދިން ބޯޅައަކުން ގަމުގެ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖޭނޭ) އެވެ. ޕެނަލްޓީ އޭރިއާ ބޭރުން އަރިމަތިން ފޮނުވާލި ހަމަލާ، އޭދަފުށީގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެޓީމުގެ އެހެން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ.

އޭގެ ފަހުންވެސް ފުރަތަމަ ހާފު ތަފާތު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ހަމަލާތައްވެސް ގިނައެވެ. ސައްޓުއާއި އަލީ ފާސިރު (ސެންޓޭ)ގެ ހަމަލާތައް އޭދަފުށިން ފެނުނު އިރު، ގަމުގެ އަހުމަދު ހަލީމް (އަންމަޑޭ)އަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ.

ދެވަނަ ހާފަށް ނުކުމެ، ގަމުން ރަނގަޅަށް މެޗު ފަށާފައިވާ އިރު، އެޓީމުގެ އޮންލީއާއި އަންމަޑޭއަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. ގަމަށް ލިބުނު ފުރުސަތުތައް ބޭނުން ނުކުރެވި ދިޔަ ދިޔުމުގެ ފައިދާ އަނެއްކޮޅުން ނެގީ އޭދަފުށިންނެވެ.

ގަމުން ހަމަލާ އުފައްދަމުން ދިޔަ ދަނޑިވަޅެއްގައި އޭދަފުށިން ވަނީ ކުރިއަށް ޖެހި ލީޑު ފުޅާކޮށްފައެވެ. ތޮއްޕެ ސެންޓޭއަށް ކުރި ފައުލެއްގައި ބާރަށް ފޮނުވާލި ހިލޭ ޖެހުމަކުން އޭދަފުއްޓަށް އެ ގޯލު ކާމިޔާބުކޮށްދިނީވެސް ސެންޓޭއެވެ. އެ ހިސާބުން ގަމަށް އުންމީދު ކުޑަވި ނަމަވެސް، މެޗުގެ 10 ވަރަކަށް މިނެޓު ބާކީ އޮއްވައި އޭދަފުށީގެ ފަސް ފައުލް ހަމަވެ، ގަމަށް ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބުނެވެ. އެ ހިތްވަރާއެކު ގަމުން ކުޑަ ވަގުތު ކޮޅަކަށް ކުޅުން ރަނގަޅު ކުރި ނަމަވެސް، އޭދަފުށި ފެނުނީ ޑިފެންސިވްލީ ރަނގަޅަށް މަސައްކަތް ކުރަމުންދިޔަ ތަނެވެ. ހާއްސަކޮށް، ހައިޝަމް ހަސަން (ބިޑި) މެޗުގައި މޮޅަށް ކުޅެ، އޭދަފުށީގެ ލީޑު ހިފަހައްޓަން ރަނގަޅު މަސައްކަތްތަކެއް ކުރިތަން ފެނިގެން ދިޔައެވެ.

އޭދަފުށިން ފައުލެއް ނުކޮށް، ގިނައިރުތަކެއް ވަންދެން ހިފެހެއްޓި ނަމަވެސް، ގަމަށް ލިބުނު ދުރު ޕެނަލްޓީއެއްގައި އަންމަޑޭ ވަނީ ފަރަގު ކުޑަކޮށްފައެވެ. އެހެން ނަމަވެސް، އެ ގޯލަށް ދިހަ ސިކުންތު ވީތަނާ ސެންޓޭ ވަނީ އޭދަފުއްޓަށް އަނެއްކާވެސް ގޯލެއް ޖަހައި ތަށި ޔަގީންކޮށްދީފައެވެ. ނަތީޖާއެއްގެ ގޮތުން، އޭދަފުށިން އެޓީމުގެ ފުރަތަމަ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި ހޯދައި، ތާރީހީ ކާމިޔާބީއާއެކު ރަށަށް އުފާވެރިކަން ގެނެސްދިނެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރި އިރު، 320 މެޗު ކުޅެފައިވެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ. މުބާރާތުގެ ފޯރި ކުރީ އަހަރަށްވުރެވެސް ބޮޑުކޮށް ފެނިގެން ދިޔަ އިރު، މިފަހަރު ސަޕޯޓަރުން ފެނުނީ އާދަޔާހިލާފަށް ގިނަކޮށެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.