ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ޗެމްޕިއަން ބ. އޭދަފުއްޓަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 65،000 ރުފިޔާ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ރަނަރަޕް ލ. ގަމަށް ފައިސާގެ އިނާމެއްގެ ގޮތުގައި ދީފައިވަނީ 25،000 ރުފިޔާ.
ކިންގް އޮފް ދަ ޓޯނަމަންޓް ސައްޓުގެ ބޮލުގައި ތާޖު އަޅުއްވައިދެއްވީ ޝަރަފުވެރި މެހެމާން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ކިންގް އޮފް ދަ ޓޯނަމެންޓަކަށް ހޮވުނީ ބ. އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު). ޓްރޮފީ ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު.
އެ ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ ފ. ބިލެތްދޫގެ މުހައްމަދު ޒީދާން ޒުހުރީ، އޭނާ ވަނީ 18 ގޯލު ޖަހާފައި.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ހޮވުނީ އއ. މަތިވެރީގެ 18 އަހަރުގެ ކުޅުންތެރިޔާ އަލީ އަލްސަން.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ލ. ގަމުގެ ކޯޗު އިސްމާއިލް ޝަރީފް.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ބެސްޓް ސަޕޯޓިން ޓީމަކަށް ހޮވުނީ ކ. ގާފަރު.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު). އޭނާއަށް ޓްރޮފީ ހަވާލުކޮށްދެއްވީ ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތާރީހުގައި އޭދަފުށިން ހޯދި ފުރަތަމަ ތަށި.
މެޗުގެ ކުޅުން ނިންމާލައިފި. އެންމެ ފަހުގެ ޗެމްޕިއަން ގަމުގެ މައްޗަށް އޭދަފުށިން ކުރި ހޯދީ 4-2ގެ ނަތީޖާއަކުން.
ގޯލު ޖެހިތާ މިނެޓެއް ނުވަނީސް، އޭދަފުށިން އަނެއްކާވެސް ލީޑު ފުޅާކޮށްފި. އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ދިން ބޯޅައަކުން އޭދަފުއްޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ތިންވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ސެންޓޭ.
ގަމުގެ އަންމަޑޭ ފޮނުވާލި ދުރު ޕެނަލްޓީ ކާމިޔާބުކޮށް، ފަރަގު ކުޑަކޮށްފި.
އޭދަފުށީގެ ހަވަނަ ފައުލާއެކު ނިޝާމަށް ރީނދޫ ކާޑެއް، ގަމަށް ދުރު ޕެނަލްޓީއެއް.
ލަސްކުރުމަށް މަސައްކަތްކުރުމުން އޭދަފުށީގެ ކީޕަރު ނާސިހަށް ރީނދޫ ކާޑެއް.
ގަމުގެ އަންމަޑޭގެ އިތުރު ހަމަލާއެއް. އޭނާ މިފަހަރު ފޮނުވާލި ހަމަލާ ވެސް އޭދަފުށީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ގަމުގެ އަންމަޑޭއަށް ހުސް ފުރުސަތެއް. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އަންމަޑޭ ފޮނުވާލި ހަމަލާ، އޭދަފުށީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
އޭދަފުށީގެ ފައުލް ގިނަ، މިހާރު އެޓީމުގެ ފަސް ފައުލް ވަނީ ހަމަވެފައި.
އޭދަފުށިން ފެންނަނީ ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންދާތަން. އެކަމާ ގުޅިގެން ގަމުން ދަނީ އުނދަގޫތަކަކާ ކުރިމަތިލަމުން.
މިރޭގެ މެޗު ބެލުމަށް ގަމާއި އޭދަފުށީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރެހެންދި ދަނޑު ސަރަހައްދަށް ޖަމާވެފައި. ބައެއް މީހުންނަށް ފެންސް ކައިރިން ޖާގަ ނުލިބުމުން، ދުރުގައި ތިބެ ވެސް ދަނީ މެޗު ބަލަމުން.
ދެ ޓީމަށް ވެސް ފުރުސަތެއް. މުހައްމަދު ފާސިރު ދިން ބޯޅައަކުން އޭދަފުށީގެ ސެންޓޭ ފޮނުވާލި ހަމަލާ، ގަމުގެ ކީޕަރު ޕަޕް ވަނީ މަތަކޮށްފައި. ކައުންޓާ އެޓޭކުގައި ގަމުގެ އަންމަޑޭއަށް ލިބުނު ބޯޅަ، އޭނާ އޭދަފުށީ ކީޕަރު ނާސިހު ބޯމަތިން ފޮނުވާލުމަށް މަސައްކަތްކުރި ނަމަވެސް، އެ ބޯޅަ ގޯލާ އަމާޒުވެފައެއް ނުވޭ.
އޭދަފުށީގެ ސެންޓޭއަށް އިތުރު ފުރުސަތެއް. މިފަހަރު ސެންޓޭ ފޮނުވާލި ހަމަލާ، ގަމުގެ ކީޕަރު ޕަޕް ވަނީ މަތަކޮށްފައި.
އޭދަފުށިން އަނެއްކާވެސް ލީޑު ފުޅާކޮށްފި. ބާރަށް ފޮނުވާލި ހިލޭ ޖެހުމަކުން އޭދަފުއްޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ).
ކައިރިކައިރީގައި ސެންޓޭއަށް ތޮއްޕެގެ ދެ ފައުލެއް. ތޮއްޕެއަށް ރީނދޫ ކާޑެއް.
ގަމުގެ އޮންލީގެ އިތުރު ހަމަލާއެއް. އޭދަފުށީގެ ކީޕަރު ނާސިހު ކުރިއަށް ނުކުމެ ހުރުމާއެކު، އޮންލީ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށް.
ދެވަނަ ހާފުގެ ފެށުން ގަމުން ފެންނަނީ ވަރުގަދަކޮށް. އެޓޭކުގައި ގަމުގެ ނުރައްކާ ފާހަގަކޮށްލެވޭ. ހާއްސަކޮށް އެޓީމުގެ ކެޕްޓަން އޮންލީގެ ބައިވެރިވުން ވަރަށް ބޮޑަށް ފެނިގެންދޭ.
ގަމުގެ ނުރައްކަލެއް. އަންމަޑޭ ދިން ބޯޅައަކުން ވެއްޓިލާފައި އޮންލީ ފޮނުވާލި ހަމަލާ، އޭދަފުށީގެ ގޯލާ އަމާޒުވެފައެއް ނުވޭ.
ބޯޅަ ނެތީސް، ގަމުގެ އޮންލީއަށް ހަމަލާދިނުމާ ގުޅިގެން އޭދަފުށީގެ ފާސިރަށް ރީނދޫ ކާޑެއް.
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިންމާލައިފި. ފޯރިގަދަކޮށް ފެނިގެންދިޔަ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެން.
ގަމަށް ފުރުސަތެއް. އަހުމަދު ހަލީމް (އަންމަޑޭ) ދިން ބޯޅަ، ގަމުގެ ޕެނަލްޓީ އޭރިއާ ތެރޭ ހުރި ހުސައިން ނާޝިދު (ނާއްޓޯ)އަށް ލިބޭގޮތެއް ނުވި.
އޭދަފުއްޓަށް ހުސް ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، ގަމުގެ ތަފާތަކަށް މިހާރު ފެންނަނީ އެޓީމުގެ ކީޕަރު ޕަޕް.
ގަމުގެ ކީޕަރު ޕަޕްގެ އިތުރު ސޭވްއެއް. މިފަހަރު އޭދަފުށީގެ ހަމަލާ ފޮނުވާލީ ފާސިރު.
ކައުންޓާ އެޓޭކެއްގައި ކުރިއަށް ޖެހި، އޭދަފުށީގެ ސައްޓު ފޮނުވާލި ހަމަލާ، ގަމުގެ ކީޕަރު ޕަޕް ވަނީ މަތަކޮށްފައި. ރީބައުންސް ބޯޅައިން އޭދަފުށީގެ ފާސިރު ފޮނުވާލި ހަމަލާ، ގޯލާ އަމާޒުވެފައެއް ނުވޭ.
'24 - ގަމުގެ ނުރައްކަލެއް. ޕެނަލްޓީ އޭރިއާ ތެރެއިން ތޮއްޕެ ފޮނުވާލި ހަމަލާއަށް ހުރަސްއެޅީ އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހު ވަނީ މަތަކޮށްފައި.
ގަމުން ދަނީ ކުރިއަށް ޖެހި ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން. ނަމަވެސް އޭދަފުށީގެ ވަރުގަދަ ޑިފެންސްއާ ގުޅިގެން ގިނަ ހަމަލާތަކެއް ދަނީ ބްލޮކްވަމުން. އަނެއްކޮޅުން ގަމު އަތުން ގެއްލޭ ބޯޅަތަކުގައި ނުރައްކާކުރުމަށް އޭދަފުށިން ދަނީ މަސައްކަތްކުރަމުން.
'17 - އޭދަފުއްޓަށް އިތުރު ފުރުސަތެއް. ހުސްކޮށް ހުރެ އޭދަފުށީގެ ސައްޓު ފޮނުވާލި ހަމަލާ ވެސް ގަމުގެ ކީޕަރު ޕަޕް ވަނީ ކުރިއަށް ނުކުމެ މަތަކޮށްފައި.
'12 - އޭދަފުށީގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގައުމީ ފުޓުބޯޅަ ޓީމުގެ ތަރި އަލީ ފާސިރު (ސެންޓޭ)އަށް ރަނގަޅު ފުރުސަތެއް. ވަރަށް ހުސްކޮށް ހުރެ ސެންޓޭ ފޮނުވާލި ހަމަލާ، ގަމުގެ ކީޕަރު މުހައްމަދު ލުފްޝާން (ޕަފް) ވަނީ ކުރިއަށް ނުކުމެ މަތަކޮށްފައި.
'7 - ގަމުން ފަރަގު ހަނިކޮށްފި. އަލީ ޝާމިސް (ތޮއްޕެ) ދިން ބޯޅައަކުން ގަމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު (ޖޭނޭ). ޕެނަލްޓީ އޭރިއާ ބޭރުން އަރިމަތިން ފޮނުވާލި ހަމަލާ، އޭދަފުށީގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އެޓީމުގެ އެހެން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި.
'6 - އޭދަފުށިން އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްފި. ގަމުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދިން ބޯޅައަކުން އޭދަފުއްޓަށް އެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ފާސިރު.
ޗެމްޕިއަން ގަން ފެންނަނީ ވަރަށް ބޮޑަށް ޕްރެޝަރުގައި އޮންނަ ތަން. އެޓީމުން ވަނީ ކައިރިކައިރީގައި ތިން ފައުލް ކޮށްފައި.
'3 - އޭދަފުއްޓަށް ލިބުނު ހިލޭ ޖެހުމަކުން އިޝާން އިބްރާހީމް (ސައްޓު) ލީޑު ހޯދައިދީފި.
މެޗުގެ ކުޅުން ފަށައިފި. މެޗު ފެށީ އޭދަފުށިން.
މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ފައިނަލް މެޗުގައި ލ. ގަމާއި ބ. އޭދަފުށި ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް"ގެ ކިޔުންތެރިންނަށް މަރުހަބާ!
މިރޭގެ މެޗަށް ނުކުންނަ އިރު، ގަމަކީ އެންމެފަހުގެ ޗެމްޕިއަން. އެހެންކަމުން އެޓީމުން ނުކުންނަނީ ތަށި ދިފާއުކުރަން. ގަމަށް މިއި މުބާރާތުގެ ތިންވަނަ ފައިނަލް. އެޓީމުން މިދިޔަ އަހަރުގެ އިތުރުން ދެން ފައިނަލް ކުޅުނީ 2018 ވަނަ އަހަރު.
އޭދަފުއްޓަށް މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ހޯދިފައެއް ނުވޭ. އެހެން ނަމަވެސް އެޓީމުން ވަނީ މީގެ ކުރިން ފައިނަލްގައި ކުޅެފައި. އެއީ 2019 ވަނަ އަހަރުގެ ފައިނަލުގައި. އެފަހަރު ފައިނަލްގައި މާފަންނު ކައިރިން ޕެނަލްޓީ ޖަހައިގެން އޭދަފުށި ބަލިވި އިރު، މިއީ އެ ފައިނަލް ހަނދާން ނައްތާލަން ލިބޭ ފުރުސަތެއް.