ގޯލްޑަން ފުޓްސަލް ޗެލެންޖް

ގަމާއި އޭދަފުށި ރާއްޖޭގެ އެންމެ ޝަރަފުވެރި ފުޓްސަލް ފައިނަލަށް، ބުރަވަނީ ކޮން ކޮޅަކަށް؟

މުޙައްމަދު ޝަމްޢޫން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 އަކީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. 129 ރަށެއް ތަމްސީލުވެ، އެ ރަށްރަށުގެ އެތައް ރައްޔިތުންނެއް މުބާރާތަށް ނެގި ފޯރިން އެކަން ސާފުވެއެވެ. އެތައް ހާސް ބަޔަކު ދަނޑު ކައިރިޔަށް ޖަމާވެ، ރަށަށް ދިން ސަޕޯޓުންވެސް މުބާރާތުގެ ހައިބަތު ދައްކުވާލަ ދީފިއެވެ. މިރޭ އޮތީ މުބާރާތުގެ 320 ވަނަ މެޗެވެ. ބާކީ އޮތީ ރާއްޖޭގެ ފުޓްސަލްގައި މިވަގުތު އޮތް އެންމެ މޮޅު ދެޓީމެވެ. ބ. އޭދަފުއްޓާއި، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ލ. ގަން ވާދަކުރާ ފައިނަލް މެޗެވެ. ފައިނަލް އޮތީ މިރޭ 9:00 ގައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކޮންމެ ފައިނަލަކީވެސް މިހާރު ތާރީހީ ފައިނަލަކަށް ވާނެއެވެ. މުބާރާތުގެ ބޮޑުމިނުން އެންމެ ތަށްޓެއް އުފުލައިލެވުނަސް، އެއީ ރަށުގެ ތާރީހަށް ރައްކާކުރެވޭނެ ބޮޑު ކާމިޔާބީއެކެވެ. އެއީ ރަށުގެ ރައްޔިތުން ވަކި ފިކުރެއް، ވަކި ކުލައެއް ބެލުމެއް ނެތި، އުފާފާޅުކުރާނެ ކާމިޔާބީއެކެވެ. ރަށް އެއްބައިވަންތަ ކުރުވާނެވެސް ކާމިޔާބީއެކެވެ. މިހާތަނަށް މިފަހަރުގެ މުބާރާތުގައިވެސް ކާމިޔާބީ ހޯދި ޓީމުތަކަށް ރަށްރަށުން ކިޔާފައިވާ މަރުހަބާތަކުން އެކަން ސާފުވެއެވެ. ރަށު ރައްޔިތުންގެ ހިތްވަރާއެކު ނޫނީ ގޯލްޑަން ފުޓްސަލް ޗެލެންޖަށް މިހާރު ޓީމެއް ނުނުކުންނާނެ އެވެ. މުބާރާތަށް ނުކުންނަ ކޮންމެ ޓީމެއްގެ ފަހަތުގައިވެސް ރަށު ރައްޔިތުންގެ ޝާމިލުވުން ހިމެނޭނެއެވެ. ރަށުވަންތަ ލޯބި، ޓީމުތަކުންވެސް ފެނިގެން ދެއެވެ.

ލ. ގަމުން ޖެހިޖެހިގެން ދެވަނަ ފައިނަލަށް، ތަށި ދިފާއުކުރެވޭނެ؟

މިއީ ގޯލްޑަން ފުޓްސަލް ތާރީހުގައި ގަމުގެ ތިންވަނަ ފައިނަލެވެ. މީގެ ކުރިން 2018 ވަނަ އަހަރާއި، މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ފައިނަލުގައިވެސް ގަން ވާދަކޮށްފައިވާ އިރު، އެޓީމަށް ތަށި ލިބުނީ މިދިޔަ އަހަރުއެވެ. އެ ޝަރަފާއެކު އެތައް ކުޅުންތެރިންނެއްގެ ކެރިއަރު ފުރިހަމަވެ، މުޅި ރަށް ތަށްޓަށް މަރުހަބާ ކިޔަން ބަނދަރު މައްޗަށް ޖަމާވެ، އުފާފާޅުކުރުންތައް ފުރިހަމައަށް ދެމިގެން ދިޔައެވެ. އަދި މުޅި އަތޮޅުން ގަމު ފުޓްސަލް ޓީމަށް ދިން އިހުތިރާމްވެސް ޓީމުގެ ހަނދާނުގައި އެބަހުއްޓެވެ. ގަމުން ބޭނުންވަނީ އެ އުފާވެރި ވަގުތުތައް ތަކުރާރުކުރުމަށެވެ. އެ ހަނދާންތައް އަނެއްކާވެސް އާކޮށްލައި، ރަށާއި އަތޮޅު ހެއްވާލުމަށެވެ.

"އަހަރެމެން ހަނދާނުގައި މިދިޔަ އަހަރު ހޯދި ތަށްޓާއި، އެ އުފާފާޅުކުރުންތައް އެބަހުރި. އެ ހަނދާންތައް އަލުން ތަކުރާރުކުރަން ޓީމުން އެންމެ ފުރިހަމައަށް މަސައްކަތް ކުރާނެ. އިރާދަކުރެއްވިއްޔާ ސަޕޯޓަރުންނާއެކު މިކަން ކުރާނަން. މިހާރު ސަޕޯޓަރުން ގަމުން މާލެ އަންނަންވެސް ތައްޔާރުވެފައި އޮތީ. އެހެންވީމަ އެ ފޯރިއާއެކު އަނެއްކާވެސް ތަށި ނަގަން މިތިބީ ތައްޔާރަށް،" ގަމުގެ ކޯޗު، އިސްމާއިލް ޝަރީފް (އިއްސެ) ފައިނަލް މެޗާ ގުޅޭ ގޮތުން "ވަން" އަށް ބުންޏެވެ.

މީގެ ކުރިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތަށި ދިފާއުކުރި ހަމައެކަނި ޓީމަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ތ. ތިމަރަފުއްޓެވެ. އެ ކާމިޔާބީ ގަމަށް ހޯދެން އޮތް އިރު، ރަން ޖީލަކަށް އެ ކާމިޔާބީ ހައްގުވެސް މެއެވެ.

ބ. އޭދަފުށި، ރަށަށް ތަށި ގެންދަން ތަފާތު ރޫހެއްގައި

ބ. އޭދަފުށީގެ ނަމަކީ ފުޓުބޯޅައިގައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ނަމެވެ. ފުޓްސަލްގައި ރަށުގެ ނަން، އެ ޝަރަފުވެރި މަގާމަށް ގެންދިޔުމަކީ މިރޭގެ ފައިނަލްގައި އޭދަފުށީގެ ކޮންމެ ކުޅުންތެރިޔަކު ވިސްނާނެ ވިސްނުންކަން ޔަގީނެވެ. މިފަހަރަކީ ގޯލްޑަން ފުޓްސަލް ޗެލްންޖަށް އޭދަފުށިން ބޮޑު ސަމާލުކަމެއްދީ، އެ ރަށަށް ނިސްބަތްވާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު، އަދި ފަސްޓް ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކަކާއެކު ނުކުތް ފަހަރެކެވެ. އެއީ އެ ރަށުން މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލްންޖްގެ ތަށްޓަށް ވާދަކުރަން ދިން އަހަންމިއްޔަތުކަމެވެ. އެ ޖޯޝު ޓީމު މިހާތަނަށް ކުޅުނު މެޗުތަކުންވެސް ސާފުވެފައިވާ އިރު، އެޓީމުން މީގެ ކުރިން ވާދަކުރި މުބާރާތްތަކުގައި ކުރިމަތިވި ހިތްދަތިކަން ހަނދާން ނައްތާލަމުން ދެން އޮތީ ފައިނަލް އެކަންޏެވެ.

އޭދަފުށީގެ ކޯޗު ފައުޒާން ހަބީބުގެ ނަޒަރުގައި މިއީ އެރަށުގެ އާ ޖީލެއްގެ ހިތްވަރަށް މުހިއްމު ތަށްޓެކެވެ. މީގެ ކުރިން އައިޑިއާސް ކަޕްގެ ތަށި ރަށަށް ލިބުނު ނަމަވެސް، އޭގެ ފަހުން ތަށްޓެއް ނުލިބި އޮތުމާއި، ގޯލްޑަން ފުޓްސަލްގެ ތަށި ރަށުގެ ތާރީހަށް އިތުރު ކޮށްލުމަށް މިރޭގެ ފައިނަލް އެޓީމަށް ވަރަށް މުހިއްމު ކަމަށްވެސް ފައުޒާން ފާހަގަކުރިއެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލްގައި ކުޅެ، އޭދަފުށި ބަލިވެފައިވުން އެއީ އެޓީމުގެ އެންމެ ބޮޑު ހިތްވަރެވެ. އެފަހަރު ތ. ތިމަރަފުށި އަތުން އޭދަފުށި ބަލިވެފައި އޮތް އޮތުން އެއީ އޭދަފުށިން މިފަހަރުގެ ފައިނަލަށް ބޭނުންކުރާނެ އެންމެ ބޮޑު 'މޯޓިވޭޝަން' ކަންވެސް ޔަގީނެވެ. އެއީ ޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް އިވެމުން އަންނަ ވާހަކައެވެ. "މިއީ ބަދަލުހިފުމުގެ ފަހަރެއް" ކަމަށް ބުނެ ބުނާ ބުނުމެވެ. އެތައް ގޮތަކުން މިފަހަރުގެ މުބާރާތުގައި އެ މަންޒަރު ފެނިއްޖެވެސް މެއެވެ. ހާއްސަކޮށް ސެމީ ފައިނަލްގައި ވަރުގަދަ ގާފަރު ކަޓުވާލި ހިސާބުން ދެން އޭދަފުއްޓަށް އޮތީ ތަށްޓަށް ގަމާ ކުރިމަތިލާން ޖެހޭ ޖެހުމެވެ. އެންމެފަހުގެ ޗެމްޕިއަނަކީ ގަން ނަމަވެސް، ފެވަރިޓަކީ ގަން ނޫންކަމަށް އޭދަފުށީގެ ފެންވަރުން ބުނެވިދާނެއެވެ. ހަގީގަތުގައި މިރޭގެ ފައިނަލަށް ފެވަރިޓެއް ނެގޭކަށްވެސް ނެތެވެ.

ހުޅުމާލޭގެ ރެހެންދި ދަނޑަށް އިންތިޒާރު ހުއްޓިއްޖެއެވެ. މިރޭގެ ފައިނަލް މުޅި ރާއްޖޭގައި، ޓީވީތަކުން، ފޯނުތަކުން، ބޮޑު ސްކްރީތަކުން ބަލާނެއެވެ. އެތައް ހާސް ބަޔަކު މިހާރުވެސް އަންނަނީ އިންތިޒާރު ކުރަމުންނެވެ. މުޅި ރާއްޖެއެވެ. ކުދިބޮޑު އެންމެންނަށް މިރެއަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލް އޮންނަ ރޭކަން މާ ކުރިޔާލައި އެނގެއެވެ. އެއީ މުބާރާތުގެ ހައިބަތެވެ. މިރޭގެ ޝަރަފުވެރި ތަށި އުފުލާލާނީ ކޮން ޓީމަކުންތޯ ބަލައިލަން ހިނގާށެވެ.