މުހައްމަދު އައުޒަމް
ޕީޕީއެމްއިން ކޮންމެ ރެއަކު ގާނޫނާ ހިލާފަށް ކުރިއަށްގެންދާ އެއްވުންތައް ހުއްޓުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެދިފައިވާނެ ކަމަށާއި އެ އެއްވުންތައް ހުއްޓައިނުލައިފި ނަމަ އޮންނަ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން އަކްރަމް ވިދާޅުވީ ޕީޕީއެމްއިން ބަސްނާހައި އެއްވެ އުޅެވޭ ތަންތަން ފިޔަވާ އެހެން ތަންތަނުގައި އެއްވުންތައް ބާއްވާ ކަމަށްވަންޏާ އިލޮށިފަތިން ތަޅައި ބޭރުކުރާނެ ކަމަށެވެ.
"ކޮންމެ ޕާޓީއެއް ވިޔަސް ގާނޫނާ ހިލާފު ކަމެއް ކުރަމުންދާ ނަމަ، އެކަމެއް ހުއްޓާލުމަށް އަންގާނަން. އަދި އެއާ އެއްގޮތަށް ހުއްޓާނުލައިފި ނަމަ، އަޅުގަނޑުމެން އެ ޕާޓީއަކާ މެދު ފިޔަވަޅު އަޅާނަން. ބަސްނާހާ ކަމުގައި ވަންޏާ އިލޮށިފަތިން ތަޅާ ބޭރުކުރާނަން. އަޅުގަނޑުމެން މިހާރު ވާނީ އެބޭފުޅުންނަށް ބަސްއަހައިގެން ތިބުމަށް ދަންނަވާފައި. އެބޭފުޅުން ބަސްނާހާ އެގޮތަށް ވަޑައިގަންނަވާ ކަމުގައިވާ ނަމަ އެބޭފުޅުންނާ މެދު ކުރަން ޖެހޭ ކަންކަން ކުރާނަން. އަޅުގަނޑުމެން މިހާރު މިދަނީ އެކަންކަން ތަހުގީގުކުރަމުން،" އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްއިން ލިޔުމުން ދޭ ހުއްދައަކުން ފިޔަވައި ދިވެހިރާއްޖޭގެ ވެރިކަން ކުރާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވޭނީ ހަމައެކަނި ހޯމް މިނިސްޓްރީން ހުއްދަ ދީފައިވާ ތަންތަނުގައި ކަމަށް ގާނޫނުގައި ބުނެއެވެ. ހޯމް މިނިސްޓްރީން 2016 ވަނަ އަހަރު ނެރުނު އިއުލާނުގައިވާ ގޮތުން ފުލުހުންގެ ހުއްދައެއްނެތި އެއްވުމެއް ނުވަތަ މުޒާހަރާއެއް ކުރިއަށްގެންދެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައެވެ.
އަކްރަމް ވިދާޅުވީ މުޒާހަރާގެ ކަންތައްތަކުގައި ޕީޕީއެމް އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ވެސް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި ފުލުހުން އެކަންކަން ހުއްޓުވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ޕީޕީއެމްގެ ލީޑަޝިޕްގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތަކުން އެ އެއްވުންތަކަކީ ޕީޕީއެމްއިން ބާއްވާ އެއްވުންތައް އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެބޭފުޅުން ވިދާޅުވެފައިވާ ބަސްފުޅުތަކުންނާއި އެބޭފުޅުންގެ ލީޑަޝިޕުން ދައްކާފައިވާ ވާހަކަތަކުން އަޅުގަނޑުމެންނަށް އެނގެން އެބައޮތް، އެއީ އެބޭފުޅުން ބާއްވާ އެއްވުންތަކެއްކަން. ކޮމިޝަނުން މިހާރު މިދަނީ މިކަންކަން ބަލަމުން. އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ ގޮތަށް ކަންތައްތައް ނުކުރަންޏާ، ކޮމިޝަނުން ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވިއެވެ.
ޕީޕީއެމްއިން "އޮޅުވާލި ވޯޓު"ގެ ނަމުގައި މުޒާހަރާކުރަން ފަށާފައިވަނީ އިލެކްޝަންސް ކޮމިޝަނުން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރި ހިސާބުންނެވެ. ސިލްސިލާކޮށް ކޮންމެ ރެއަކު ޕީޕީއެމްގެ އޮފީސް، ހ. ހުރަފަ ކުރިމަތީ ބާއްވަމުންދާ މުޒާހަރާތަކުގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް ކުރަމުންދެއެވެ.