ކަނޑުމަގުން ރާއްޖެ އެތެރެކުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.
އެކަން ހިއްސާކޮށްފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާ ގުޅިގެން ގދ. ތިނަދޫގައި ބޭއްވި ޑިނާ ނައިޓުގައި ފޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ.
ފުލުހުން ބުނީ އެތަކެތި އަތުލައިގެންފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑާއި ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެތަކެތި އަތުލައިގެންފައިވަނީ އެ އޮޕަރޭޝަނުގައި ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައި ވަނިކޮށް ކަމަށާއި އެ އޮޕަރޭޝަނަކީ ފާއިތުވި 72 ގަޑިއިރު މެދުކެނޑުމެއް ނެތި ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތަކުގައި ފުލުހުން ހިންގާފައިވާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.