ގާސިމް އިބްރާހިމް

ގާސިމް، ރިޔާޒަށް: ކުރެޑިޓް ނެގުމަށް ފާޑުފާޑުގެ ވާހަކަ ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން

ޝަހީދާ އަބްދުﷲ ސައީދު

18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ ބިލުތަކުގެ ބަހުސް މަރުހަލާގައި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ދެއްކެވި ވާހަކަތަކާ ގުޅިގެން އަމިއްލައަށް ކުރެޑިޓް ނެންގެވުމަށް ފާޑުފާޑުގެ ވާހަކަތައް ނުދެއްކެވުމަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަބްދުﷲ ރިޔާޒަށް އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުﷲ ރިޔާޒު ވަނީ 19 ވަނަ މަޖިލީހަށް އިންތިހާބުވެ ވަޑައިނުގަންނަވާ މެންބަރުންނަށް އިނާޔަތް ކަނޑައެޅުމަށް މަޖިލީހަށް ބިލު ހުށަހެޅުމުން އެކަމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ލިބިދޭ ގޮތަށް ގާނޫނު ފާސްކުރުމުން ވެސް ރިޔާޒު ވަނީ އެކަމަށްވެސް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.

ރިޔާޒު ވިދާޅުވީ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ބިލުތަކަށް ބަލައިލުމުން ލަދުވެތިވާ ކަމަށެވެ.

އެގޮތުން ވަކި ފަނޑިޔާރަކަށް އިނާޔަތް ދިނުމަށާއި މަޖިލީހަށް ނުހޮވުނު ބަޔަކަށް އިނާޔަތް ދިނުމާއި ކަންކަން ފަހިވާނެ ގޮތަށް ހުށަހަޅައިފައިވާ ބިލެއް އެޖެންޑާކުރި އިރު ރިޔާޒު ތަމްސީލުކުރައްވާ ދާއިރާގެ ފަސް ރަށުގައި ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައްވެސް ދެވިފައި ނުވާކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައި ހުންނަ އެންމެ ކުޑަ އުޖޫރަ، ކަނޑައެޅުން ލާޒިމް ކުރާގޮތަށް ގާނޫނު އޮތްއިރުވެސް 18 ވަނަ މަޖިލިސް މިނިންމާލަންޖެހެނީ، އެހައްގުވެސް އެމީހުންނަށް ހޯދައިނުދީ ކަމަށް ވިދާޅުވިއެވެ.

''އަޅުގަނޑު ގަބޫލެއް ނުކުރަން، އަޅުގަނޑުމެންނަށް ލިބެންޖެހޭ އިނާޔަތްތަކާއި މުސާރައާ އެއްޗެހި އަޅުގަނޑުމެން އަމިއްލައަށް ކަނޑައެޅުން، އެއީކީ އެންމެ ނަޒާހަތްތެރި ގޮތް ކަމަށް. އެއީކީ ނޫން ދުނިޔޭގެ ޑިމޮކްރަސީތަކުގައި ކަންކަން ކުރާ ގޮތަކީ.'' ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ އަސާސްތަކުގެ ތެރޭގައި އޮންނަ އެއް ވާހަކައަކީ އެންމެ ނިކަމެތި މީހުންނާއި އެންމެ މުއްސަނދި މީހުންނާ ދޭތެރޭ އޮންނަ ފަރަގު ކުޑަކުރުން ކަމަށާއި މިއަދު މިކުރާ މަސައްކަތަކީ އެފަރަގު ކުޑަކުރުން ނޫން ކަމަށެވެ.

އަދި މޮޅު މީހާއަށް މޮޅެތި ގޮތް ހޯދައިދޭން އަދިވެސް މަސައްކަތް ކުރާ ކަމަށާއި އެހެންކަމުން މިއަދު އެޖެންޑާގައި ހުރި ގިނަ ކަންތައްތަކަށް ތާއީދު ނުކުރައްވާނެ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ މަޖިލީހަށް ހުށަހަޅުއްވައި ބިލުތައް އެޖެންޑާ ކުރުމަކީ ރިޔާސަތުގައި އިންނަވާ މީހެއްގެ ހައިސިއްޔަތު ކުރައްވަންޖެހޭނެ ކަމެއް ކަމަށާއި އެއީ ވާޖިބެއް ކަމަށެވެ.

އަދި ހުށަހަޅައި ބިލުތަކާއި ގުޅިގެން ހިތްހަމަ ނުޖެހުމަކީ އަދި އެހެން ކަމެއް ކަމަށާއި ބިލްތަކާ ގުޅޭގޮތުން، އަމިއްލައަށް ކްރެޑިޓް ނެންގުމަށް ފާޑުފާޑުގެ ވާހަކަ ދެއްކެވުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.