ޝަހީދާ އަބްދުﷲ ސައީދު
ދުނިޔެ މިދަނީ ވަރަށް ބޮޑަށް ނާމާންވަމުން ކަމަށާއި މާދަމާ ރާއްޖޭގެ ފަޅު ރަށްތަކުގައި ފިލާތިބެ ގައިގައި ބޮން ހަރުކޮށްގެން ބަޔަކު ނާންނާނެތޯ މިއަދު ވިސްނާލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަދު ބޭއްވި ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވަނީ 19 ވަނަ މަޖިލީހަށް އިންތިހާބުވެ ވަޑައިގެންނެވި މެންބަރުންނަށާއި ސަރުކާރަށް މުހިންމު އިލްތިމާސްތަކެއް ކުރައްވައިފައެވެ.
އެގޮތުން އެއްދުވަހުން އަނެއް ދުވަހަށް ދުނިޔެ ނާމާންވަމުންދާކަން ފާހަގަކުރައްވައި ސްރީލަންކާގައި ދިން ޖާނުންފިދާވުމުގެ ހަމަލާ މޫސަ ފާހަގަކުރެއްވިއެވެ.
މޫސަ ވިދާޅުވީ މިހާރުވެސް ރާއްޖޭގައި ފިލައިގެން ވަރަށް ގިނަ މީހުން އެބައުޅޭ ކަމަށާއި ފަޅު ރަށްރަށުގައި ފިލާތިބެ ގައިގައި ބޮން ހަރުކޮށްގެން އައިސް ލަންކާގައި ދިންފަދަ ހަމަލާއެއް ދީފާނެ ކަމަށް ވިސްނަންޖެހޭ ކަމަށެވެ. އަދި އެފަދަ ހަމަލާއެއް ދީފިނަމަ ރާއްޖޭގެ މުޅި އިގުތިސޯދު ހަލާކުވެގެންދާނެ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ހިއުމަންރައިޓްސް ބޭނުން ވަނީ ވަކި ކަންކަމުގައި ކަމަށާއި އެގޮތުން ސަރުކާރަށް ދިމާކުރަން ވެއްޖެ ނަމަ ހިއުމަން ރައިޓްސް އޮންނަ ކަމަށެވެ.
މޫސަ ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކިތަންމެ ވަރަކަށް ފޫކެހި ނަމަވެސް ރައްޔިތުންގެ ހައްގުގައި ވާހަކަ ދައްކައިގެން ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުމަށް އިލްތިމާސްކުރައްވައިފައެވެ.