ސެޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ސެވިއްޔާގެ މައްޗަށް 2-4ގެ ނަތީޖާއަކުން ބާސެލޯނާ ކުރި ހޯދިއިރު އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނެލް މެސީއަށް އަނިޔާވެ، އަތުގައި ރެނދެއް ލައިފިއެވެ.
މެސީއަށް އަނިޔާވީ މެޗުގެ ކުރީކޮޅު ސެވިއްޔާގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދުމުގެ ތެރޭގައި ވެއްޓި އޭނާގެ އަތް ޖެހުނު ގޮތަކުންނެވެ. މެޗަށްފަހު ބާސެލޯނާއިން ހެދި ސްކޭން ތަކަށްފަހު މެސީގެ ކަނާތު އަތުގެ އުޅަބޮށީގައި ރެނދެއްލާފަކަން ވަނީ ހާމަކޮށްފިއެވެ. ދަނޑުމަތީގައި މެސީއަށް ގިނައިރުތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު އިތުރަށް އޭނާއަށް ނުކުޅެވޭނެކަން ޔަގީންވުމުން މެޗުގެ 26 ވަަނަ މިނެޓުގައި ވަނީ ބަދަލުކޮށްފައެވެ. މެސީ ބަދަލުކުރި ވަގުތުވެސް އޭނާގެ މޫނުމަތިން ވަމުންދިޔަ ތަދު އިހުސާސް ކުރެވެމުން ދިޔައެވެ. މެސީގެ މި އަނިޔާ ރަނގަޅުވާން ގާތްގަނޑަކަށް ތިން ހަފްތާ ނަގާނެ ކަމަށްވެސް ބާސެލޯނާއިން ވަނީ ހާމަކޮށްފައެވެ.
ރޭގެ މެޗުގައި މެސީ ބަދަލުކުރި އިރު ބާސާ އޮތީ ދެ ލަނޑުގެ ލީޑެއްގައެވެ. ބާސާގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފިލިޕް ކޫޓީނިއޯ ކާމިޔާބުކުރި އިރު، ދެވަނަ ލަނޑު އޭގެ ދިހަ މިނެޓުފަހުން ކާމިޔާބުކޮށްދިނީ މެސީއެވެ.
ބާސާގެ ތިންވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ދެވަނަ ހާފުގައި ލުއިސް ސުއަރޭޒް ކާމިޔާބުކުރިތާ އިރުކޮޅެއް ފަހުން ސެވިއްޔާގެ ޕަބްލޯ ސަރަބިއާ ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް އުއްމީދު އާކޮށްދީފައެވެ. ނަމަވެސް ބާސާގެ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް ވަނީ ހަތަރުވަނަ ލަނޑެއް ކާމިޔާބުކޮށް ބާސާއަށް ހިނިތުންވުން ގެނުވާފައެވެ. ސެވިއްޔާގެ ދެވަނަ ލަނޑު މެޗުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލުއިސް މުރިއެލްއެވެ. މިއީ ލީގުގައި ބާސާއަށް މޮޅެއް ނުލިބި ދިޔަ ހަތަރު މެޗަށްފަހު ލިބުނު ފުރަތަމަ މޮޅެވެ. ވެލެންސިއާ އަތުންނާއި، އެތުލެޓިކް ބިލްބާއޯ އަތުންނާއި، ޖިރޯނާ އަތުން އެއްވަރުވި އިރު، ލެގަނޭސް އަތުން ވީ ބައްޔެވެ.
ބާސާއަށް އެންމެ އަވަހަށް ދެން އޮތީ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި އިޓަލީގެ އިންޓަރ މިލާނާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އެއަށްފަހު އޮތީ އަންނަ އާދީއްތަ ދުވަހު ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެންޖެހޭ ލީގު މެޗެވެ.
މިރޭގެ މޮޅާއެކު ބާސާ އޮތީ ނުވަ މެޗުން ހޯދި 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.