ޝަހީދާ އަބްދުﷲ ސައީދު
19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކޯޅުމުގެ ބަދަލުގައި ރައްޔިތުންގެ ހައްގުގައި ވާހަކަދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އިލްތިމާސްކުރައްވައިފިއެވެ.
މިއަދު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ މެންބަރުކަން ތިން ދައުރު ކުރެއްވި މޫސާ މަނިކު ވިދާޅުވީ، ރައްޔިތުން އެތައް ހާލުގައި ކުރާ މަސައްކަތަށް އަޅާލާނެ މީހަކު ނުވާ ކަމަށާއި ކުރިއަށް އޮތް 19 ވަނަ ރައްޔިތުން މަޖިލީހުގައި ވެސް ރަައްޔިތުންގެ ހައްގުގައި ވާހަކަދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
18 ވަނަ މަޖިލީހުގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ މަޖިލީހުގައި އޮންނަނީ ސިޔާސީ ކޯޅުން ކަމަށާއި ސަރުކާރާއި ދައުލަތުގެ އިސް ފަރާތްތައް މަގާމުން ވަކިކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.
އެގޮތުން މަޖިލީހުގެ ދެ ނައިބު ރައީސުން ވަކިކޮށްފައިވާ އިރު، އުއްތަމަ ފަނޑިޔާރަކާއި އެހެން ފަނޑިޔާރުންތަކެއް ވެސް މަޖިލީހުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އޮޑިޓާ ޖެނަރަލަކު ވަކިކޮށް، ޕްރޮސެކިއުޓާ ޖެނަރަލަކު ވެސް ވަކިކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސަކުގެ އިތުބާރު ނެތް މައްސަލަ ތިން ފަހަރަށް ވައްދަން މަސައްކަތްކޮށް، 12 މެންބަރުން އެއްވެސް ހައްގަކާ ނުލާ މަޖިލީހަށް ނުވައްދާ ބައިތިއްބާފައި ހުރި ކަމަށް މޫސަ ވިދާޅުވިއެވެ.
އަދި ބާރަ މެންބަރުން ޖަލުގެ ގޮޅީގައި ތިބިއިރު މިހާރު މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނެވި ގާސިމް އިބްރާހީމް ހުންނެވީ ޖަރުމަނުގައި ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.
މީގެއިތުރުން މަޖިލީހުން 2014 ވަނަ އަހަރު 26 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދީފައިވާ ކަމަށާއި 2015 ވަނަ އަހަރު 27 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ ކަމަށާއި އަދި 2016 ވަނަ އަހަރު 26 ބިލިއަން ރުފިޔާގެ ބަޖެޓެއް އަދި 2017 ވަނަ އަހަރު 27 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށް 2018 ވަނަ އަހަރު 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާކަމަށް މޫސަ ވިދާޅުވިއެވެ.
މިއިން އެއްވެސް ފަހަރަކު ރައްޔިތަކަށް މުސާރަ ނުދީގެން ރައްޔިތަކަށް ކޮށްދެންޖެހޭ ކަމެއް ނުކޮށް ދީގެން އެއްވެސް މީހަކު ވާހަކަދެއްކެވި އަޑު ނީވޭ ކަމަށް މޫސަ ވިދާޅުވިއެވެ.
"ރައްޔިތަކަށް ދައުލަތުގެ ފަރާތުން މަސައްކަތް ކުރަން ތިބި އެއްވެސް މީހަކު މުސާރަ ނުދީގެން މިތަނަށް އައިސް މަސައްކަތް ކުރި ވާހަކައެއް އަޅުގަނޑެއް އަޑެއް ނާހަން، އެހެންވެ ހިއުމަން ރައިޓްސް ކޮމިޝަނުން ދިވެހި ދައުލަތް ބަދުނާމް ކުރަން ވާހަކަދެއްކުންތޯ ރަނގަޅީ ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މައްސަލަތޯ އޮތީ ނުވަތަ ސިޔާސީ މައްސަލަތޯ އަޅުގަނޑު އެންމެ ފަހު ދުވަސްވާތީ ރެކޯޑަށްޓަކައި ވާހަކަދައްކާލަން ޖެހޭ.'' މޫސަ ވިދާޅުވިއެވެ.
މީގެއިތުރުން ސްރީލަންކާގައި ބޮން ގޮއްވުމުގެ ހާދިސާ ހިނގާދިޔައިރު އެގައުމުގެ ސިޔާސީ ވެރިން ތިއްބެވީ ތަޅާފޮޅުމުގައިކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ ބަނޑުގައި ދަރިއަކު އަދި ކައިރީގައި ދެދަރިން ލައިގެން ތިއްބައި ގައިގައި ބޮން ހަރުކޮށްގެން ފުރާނަ ދުއްވައިލުމަކީ އެއީ ޖިހާދުވުން ނޫން ކަމަށާއި އެއްވެސް އިންސާނަކަށް އަނިޔާ ދިނުމަކީ ދީނުގައި ހުއްދަކަމެއް ނޫން ކަމަށެވެ.
''މިއަދު މަޖިލީހުގައި އެއްބަޔަކު އަނެއްބަޔަކަށް ވަގަށް ގޮވަނީ. މާދަމާ އެޖެންޑާ 19 އަންނަނީ. އަޅުގަނޑުމެން މިތާކު ނުތިބޭނެ. ދިވެހި ބިން މީ، އަޅުގަނޑުގެ ވެސް އުފަންބިން މީ. ތިޔަހެން ނަހައްދަވާށޭ.'' މޫސަ ވިދާޅުވިއެވެ.