މުޅި ރާއްޖެއަށް ހުޅުވާލައިގެން އަތޮޅުތަކުގެ ރަށްތަކަށް ބާއްވާ ރާއްޖޭގެ އެންމެ ބޮޑު، އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ޝަރަފުވެރި ސެމީ ފައިނަލްގެ ޖާގަތައް އެންމެފަހުގެ ޗެމްޕިއަން ލ. ގަމާއި ވިލިމާލެ، ކ. ގާފަރާއި ބ. އޭދަފުށިން ހޯދައިފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލް ހަތަރު މެޗު މިރޭ ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުޅެފައިވާ އިރު، ފުރަތަމަ ކުޅުނު ދެމެޗަކީ ގަމާއި އއ. މަތިވެރި ވާދަކުރި މެޗުގެ އިތުރުން ވިލިމާލެ އާއި ސ. ހިތަދޫ ވާދަކުރި މެޗެވެ.
އަލަށް މުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅުނު މަތިވެރި އާއި ގަން ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 އިން ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީގައެވެ. ޕެނަލްޓީގައި ގަމުން މެޗު ކާމިޔާބުކުރީ 7-6 ގެ ނަތީޖާއަކުންނެވެ.
ގަމާއި މަތިވެރި ކުޅުނު މެޗުގެ ފުރަތަމަ ގޯލު ގަމުގެ އަހުމަދު ހަލީމް (އަންމަޑޭ)، މެޗު ނިމެން ތިން މިނެޓަށް ވެފައި އޮއްވައި ޖެހީ ދުރު ޕެނަލްޓީއަކުންނެވެ. އެ ގޯލާއެކު މޮޅުވާން ދަނިކޮށް، މަތިވެރިން ނަތީޖާ ހަމަހަމަ ކުރީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ކީޕަރު މުހައްމަދު އިމްރާން ކުރިއަށް ޖެހި ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައި ޕެނަލްޓީއަށް ދިޔަ އިރު، ގަމުން ހަ ޕެނަލްޓީ ކާމިޔާބުކުރިއެވެ.
މަތިވެރިން ފަސް ޕެނަލްޓީ ކާމިޔާބުކުރި އިރު، މެޗުގައި ގަމުން ޕެނަލްޓީއަށް އެރުވި ގޯލްކީޕަރު އަހުމަދު ހުޝާމް ވަނީ މިރޭވެސް މުހިއްމު ސޭވްއެއް ކޮށްފައެވެ.
މިރޭ ވިލިމާލެއިން ކުޅުނު މެޗުގައި ހިތަދޫ ކައިރިން 1-0 އިން ކުރި ހޯދައި، އެޓީމުން ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީއަށް ދަތުރުކުރި އިރު، މެޗުގެ ހަމައެކަނި ގޯލު ޖަހައިދިނީ އިސްމާއީލް ވަޖީހު (ވައްޖެ)އެވެ.
ކުއާޓާގެ އަނެއް ދެމެޗުވެސް މިރޭ ކުޅެފައިވާ އިރު، އެ ދެމެޗުގެ ވެސް ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ދ. ކުޑަހުވަދޫ އާއި ކ. ގާފަރު ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 2-2 އިން އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ގާފަރު މޮޅުވީ 4-2 އިންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގާފަރުގެ އިބްރާހީމް ރިމާހް ގޯލު ޖަހައި ގާފަރަށް ލީޑު ނަގައިދިން އިރު، ކުޑަހުވަދޫން ވަނީ ހާފު ނިމުމުގެ ކުރިން އެއްވަރު ކޮށްފައެވެ. ކުޑަހުވަދޫގެ އެ ގޯލު ޖަހައިދިނީ މުހައްމަދު އަރީޝްއެވެ. މެޗުގެ ދެވަނަ ހާފަށް ނުކުމެ، ހާފުގެ ކުރީކޮޅުގައި ޖުމައިލް ޖަމީލް ކުޑަހުވަދުއަށް ލީޑު ނަގައިދިން އިރު، މެޗު ނިމެންދަނިކޮށް ގާފަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ މާއިސް (މައްޓު)އެވެ.
ޕެނަލްޓީއަށް ދެޓީމުގައިވެސް ނާކާމިޔާބީއާ ކުރިމަތިވި އިރު، ކުޑަހުވަދުއަށް އެއްވެސް ޕެނަލްޓީއެއް ކާމިޔާބެއް ނުކުރެވުނެވެ. ގާފަރުގެ ގޯލްކީޕަރު މުހައްމަދު ސަމްއާންގެ ދެ ސޭވް ފެނިގެން ދިޔަ އިރު، ކުޑަހުވަދޫގެ އަނެއް ޕެނަލްޓީތައް ދިޔައީ ބޭރަށެވެ. ގާފަރުގެ ދެ ޕެނަލްޓީއެއް އަބްދުލް މާނިއު ދިފާއުކުރި އިރު، އެޓީމަށް ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ސާމިން މުހައްމަދު ނަސީރާއި ޝަނާން ރަޝާދެވެ.
މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ތ. ތިމަރަފުށިން މިފަހަރުވެސް ޕެނަލްޓީގައި ބަލިވެ ކަޓައިގެން ދާން ޖެހުނު އިރު، އެޓީމުން އޭދަފުއްޓާ ދެކޮޅަށް ކުޅުނު މެޗު ޕެނަލްޓީއަށް ދިޔައީ 3-3 އިން އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި އޭދަފުށި މޮޅުވީ 7-6 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ކުރީކޮޅުގައި މުހައްމަދު ފާސިރު ޖެހި ދެ ގޯލުން އޭދަފުށި ލީޑުގައި އޮއްވައި ހާފު ނިމުމުގެ ކުރިން ތިމަރަފުށީގެ މުހައްމަދު އަފްލާޒް އެޓީމަށް ގޯލެއް ޖަހައިދީ އުންމީދު ހޯދައިދިނެވެ. އަދި އޭގެ ފަހުން ދެވަނަ ހާފަށް ނުކުމެ، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ޖެހި ގޯލުން އޭދަފުށިން ތިންވަނަ ގޯލެއް ޖެހި އިރު، ތިމަރަފުށިން އެއްވަރުކުރީ އިބްރާހީމް ސިނާހް (ސިނާ) އާއި އިސްމާއީލް މުނީޒް ޖެހި ގޯލުތަކުންނެވެ.
ޕެނަލްޓީގައި އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ)ގެ އިތުރުން ހައިޝަމް ހަސަން (ބިޑި) އަދި އިބްރާހީމް ޝަރީފް ޖެހި ޕެނަލްޓީގައި އޭދަފުށިން ކާމިޔާބުކުރި އިރު، ތިމަރަފުއްޓަށް ކާމިޔާބުވީ ސިނާއާއި އަބްދުﷲ ޒިޔާނާއި އިބްރާހީމް އަސްވަދު (ގަބޭ) ޖެހި ޕެނަލްޓީތަކެވެ. އެޓީމުގެ އަލީ ތޯހިރު ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރިންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.