ޕައުލް ޕޮގްބާ

މަނާ ބޭސް ބޭނުންކުރުމުން ޕޮގްބާ ހަތަރު އަހަރަށް ފުޓުބޯޅައިން ސަސްޕެންޑުކޮށްފި

ޔުވެންޓަސްގެ ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާ މަނާ ބޭސް ބޭނުންކުރި މައްސަލައިގައި ހަތަރު އަހަރު ދުވަހަށް ފުޓުބޯޅައިން ސަސްޕެންޑުކޮށްފިއެވެ.

ޕޮގްބާގެ މައްސަލަ ބެލި އިޓަލީގެ އެންޓި ޑޯޕިން ޓްރައިބިއުނަލުން މިއަދު ނިންމުން ނިންމީ، ޕްރޮސިކިއުޓާ އެދުނު އެދުމުގެ މައްޗަށެވެ. އެ ނިންމުމާއެކު ޕޮގްބާގެ ފުޓުބޯޅަ ކެރިއަރު ނިމުމަކާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އެތުލީޓުންގެ ގިނަ ޕާފޯމަންސްތަކަށްފަހު މަނާ ބޭހަށް އަބަދުވެސް ޓެސްޓު ކުރަމުން އަންނަ އިރު، ޕޮގްބާ ފުރަތަމަ މަނާ ބޭހަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ޔުވެންޓަސްއިން ލީގުގައި އުޑިނޭޒީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ހެދި ޓެސްޓަކުންނެވެ. އެ ޓެސްޓުގެ ނަތީޖާގެ ރިޕޯޓުތައް ބެލުމަށް ފަހު، އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) އިން ބުނެފައިވަނީ މަނާ ބޭހުގެ ގޮތުގައި ލިސްޓުކޮށްފައިވާ ބޭހެއް ބޭނުންކޮށްފައިވާ ކަން ޕޮގްބާގެ ސާމްޕަލުން އެނގޭ ކަމަށެވެ.

އޭގެފަހުން ޕޮގްބާ ވަގުތީ ސަސްޕެންޝަނެއްގައި ހުރި އިރު، އުމުރުން 30 އަހަރުގެ ޕޮގްބާގެ ދެވަނަ ސާމްޕަލްވެސް މަނާ ބޭހުގެ ބާވަތެއް ކަމަށްވާ ޓެސްޓޮސްޓެރޯންއަށް ޕޮޒިޓިވްވެފައިވެއެވެ.

ޓެސްޓޮސްޓެރޯންއަކީ އެތުލީޓުންގެ ޕާފޮމެންސް ރަނގަޅުކުރުމަށް ބޭނުންކުރާ ބާވަތެކެވެ. ޕޮގްބާ އުޑިނޭޒީއާ ދެކޮޅަށް ނުކުޅުނު ނަމަވެސް، އޭނާ މަނާ ބޭހަކަށް ޕޮޒިޓިވްވީ ރެންޑޮމް ސާމަޕަލްއަކުންނެވެ. އެފަހަރު މަނާ ބޭހަށް ޕޮޒިޓިވްވުމާއެކު ޕޮގްބާގެ އެޖެންޓް ބުނީ އުސޫލުތަކުން ބޭރުން ކަންކަން ކުރުމަށް ޕޮގްބާ ބޭނުންނުވާ ކަމަށާއި މަނާ ބޭހެއް ބޭނުންކުރުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ.