ޓެކްސީ މަޑުކޮށްލުމާއެކު ޑްރައިވަރަށް ފައިސާ ދީފައި އަޒްކާ ފޭބިއެވެ. ކާރުގެ ޑިކީއަށް އަރުވާފައި ހުރި ފޮށި ޑްރައިވަރ ނަގައިދިނުމުން ފޮށި ދަމާލާފައި ހިފައިގެން ގޮސް ޕޭވްމަންޓު މަތިން އެއްފަރާތުގައި މަޑުކޮށްލިއެވެ. ފޯނު ނަގާފައި ނަތާޝާގެ ނަންބަރަށް ގުޅާލިއެވެ. ގޭތެރެއަށް ވަންނަން އޭނާ ބޭނުންނުވިއެވެ. އޭނާ އެތަނުގައި ހުއްޓާ އެގޭ މީހަކަށް ފެނިދާނެތީ ފޮށި ދަމަމުން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ދެތިން ގޯޅި ކަޑައްތުކޮށް ބޭރުމަގަށް ނިކުމެވުމުން ޖެޓީމަތީގައި ޖައްސާލިއެވެ. މަގުމައްޗަށް ދިއްލާފައިވާ އަލިން ދެލޮލަށް އުނދަގުވެފައި ހުރުމުން އެއް އަތުން ނިވާކޮށްލިއެވެ. އަދި ފޮށީގެ އަރިމަތީ ޖީބަށް ޖަހާލާފައި އިން ފިނި ފެންފުޅި ނަގާ ފެން ކޯވަރެއް ބޯލިއެވެ. އިރުކޮޅެއްވީތަނާ އެތަނާއި ތަންކޮޅެއް ދުރުގައި ޓެކްސީއެއް މަޑުކޮށްލިއެވެ. ނަރުހުންގެ ޔުނީފޯމުގައި ފޭބި ނަތާޝާއަށް އެސަރަހައްދުން އަޒްކާ ފެންނަން ނެތުމުން ފޯނު ނަގާފައި ގުޅާލިއެވެ. އޭނާ ކުރިއަށް ހިނގައިގަތްތަނާ ޖެޓީމަތީގައި ފޯނަށް ބަލަހައްޓައިގެން އިން އަޒްކާ ފެނުނެވެ. އޭނާ އެދިމާލަށް ހިނގައިގަންނަމުން ޔުނިފޯމުގެ ކުރިމަތީގައި އިން ޖީބަށް ފޯނު ލިއެވެ.
'އަޒްކީ....!! އަނެއްކާ ކިހިނެއްވީ....؟ ނަސީބެއް މިވަގުތު މިއީ ބްރޭކް ގަޑިކަން" އަޒްކާ ކައިރީގައި އިށީންނަމުން ނަތާޝާ ބުނެލިއެވެ.
"ފޮށިވެސް ހިފައިގެންތަ....؟" ނަތާޝާ ހައިރާންކަމާއެކު އަޒްކާގެ މޫނަށް ބަލައިލިއެވެ. އަޒްކާގެ މޫނުމަތިން އެއްވެސް ކަމެއް ރަނގަޅު ނޫންކަން ނަތާޝާއަށް އެނގުނެވެ.
"ނަތާ....! އަހަރެންނަށް އެހީވެދީ. ނަތާ ނޫނީ އަހަރެންނަށް އަޅާލާނެ އެއްވެސް މީހަކުނެތް. އަހަރެން މިއައީ އެގެއިން ނިކުމެގެން" އަޒްކާ ވާހަކަދެއްކިއެވެ. ވާހަކަދައްކަން ފެށުމާއެކުހެން އަޒްކާއަށް ރޮވިއްޖެއެވެ.
"ވަޓް ހެޕެން...؟ ކަމެއް ގޯސްވީތަ...؟" އަޒްކާގެ ކޮނޑުގައި އަތް ޖައްސާލަމުން ނަތާޝާ އަހާލިއެވެ.
"މާހިލް އަހަރެން ރޭޕްކޮށްފި... އަހަރެން މިއުޅެނީ ވަރަށް ވޭނުގަ. އަހަރެންގެ ދަރިފުޅު އޮތް ހާލެއްވެސް ނޭނގޭ..." އަޒްކާ ވާހަކަދެއްކިއެވެ. މަގުމަތި ވުމުން އޭނާ ދިޔައީ ރުއިން ކޮންޓްރޯލް ކުރަމުންނެވެ. މަގުމަތިން ހިނގާފައިދާ މީހުންނާއި ދުއްވާ އެއްޗެހީގައި ދާމީހުންގެ އަމާޒުފަތްގަނޑަކަށް ވާން އޭނާ ނޭދޭއެވެ.
"ޔާރައްބީ.... ހުވާތަ....؟ ނުލަފާ ފިރިހެނާ.... ވަރަށް ތަދުވިތަ...؟ އަޒްކީ ދެން އެގެއަށް ދާނެކަމެއް ނެތް. ހިނގާ ނަތާމެން ގެއަށް ދާން" ނަތާޝާ ބުނެލިއެވެ.
"ނޫން. ނަތާމެން ގެއަށް ދިޔައިއްޔާ އަހަރެން ފަޒާއާއި ކުރިމަތިލާން ޖެހޭނެ. ނުވިތާކަށް ފަޒާއަށް އަހަރެންގެ ހަބަރު ފަރިއްތަ ދޭނެ. އޭރުން އޮންނާނީ މާހިލްއަށް ވެސް އަހަރެން ހުރިތަނެއް އެނގިފަ. އަހަރެން މިއައީ މާހިލްއަށް ވަރުގަދަ އިންޒާރެއް ދީފައި. އޭނަ ބަދަލު ހޯދަންވެސް އަހަރެން ހޯދާނެ. އެއީ ނަތާމެން ތި ހީކުރާވަރަށް ވުރެ ވެސް ނުލަފާ ރަހުމެއްނެތް ފިރިހެނެއް. އޭނައަށް ވެގެންވަންޏާ އަހަރެންގެ ނޭކެޑް ފޮޓޯތައްވެސް ނަގާނެ. އަހަރެންނާއި ދިމާލަށް ބުނަންވެސް ބުނެފި..." އަޒްކާ ވާހަކަދެއްކިއެވެ. ނަތާޝާ ވިސްނާލިއެވެ. ތެދެކެވެ. އަޒްކާ ބުނިހެން އެގެއަށް ގެންދިޔުން ރަނގަޅެއް ނޫނެވެ. އޭނާ ޖެހޭނީ އެކުވެރިޔާއަށްޓަކައި ކޮންމެސް އެހެން ގޮތެއް ވިސްނާށެވެ.
"ދެން ނުރޮއި... ލެޓް މީ ތިންކް..." އަޒްކާގެ އަތުގައި ހިފާލަމުން ނަތާޝާ ބުނެލިއެވެ. މަގުމަތިން ސައިކަލުގައި ދަތުރުކުރާ މީހުންގެ ލޯތައް ދެކުދިންނަށް ހުއްޓެން ފެށުމުން ނަތާޝާ އަޒްކާގެ އަތުގައި ހިފައިގެން ވަކި މިސްރާބެއްނެތި ހިނގަންފެށިއެވެ.
**************************
ދެފަހަރަކު ބެލް އަޅާލުމާއެކު އެތެރެއިން މީހަކު ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ މުސްކުޅި ފުރާގެ އަންހެންމީހާ ފެނުމާއެކު ނަތާޝާ ހިނިތުންވުމެއް ދިނެވެ.
"ހައްވައްތާ...! ކޮބާތަ ދޮންތަ...؟ އަޒްކާގެ އަތުގައި ހިފައިގެން އެތެރެއަށް ވަންނަމުން ނަތާޝާ އަހާލިއެވެ.
"އެބައުޅޭ ކޮޓަރީގަ. ހީވަނީ ކުޑަމީހާ ނިންދަވަނީހެން" ނަތާޝާއަށް ޖަވާބުދިނަސް ޙައްވަގެ ނަޒަރު ހުއްޓިފައިވަނީ ނަތާޝާ ކައިރީގައި ހުރި އަޒްކާއަށެވެ. އަޒްކާ އިސްއުފުލާ ހައްވަގެ މޫނަށް ބަލައިލިއެވެ. މޫނުގައި ރޫޖެހިފައި ވިޔަސް ޙައްވަގެ މޫނުމަތި އުޖާލާއެވެ. އުމުރަށް ބަލައިފިނަމަ ފަސްދޮޅަސް ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެއެވެ.
"ދޮންތަބެ އެބައުޅޭތަ ކޮޓަރީގަ...؟" ނަތާޝާ އަހާލިއެވެ. ހައްވަ ނޫނެކޭ ބުނެލިއެވެ.
"އަޒްކީ މިތާ އިށީނދޭ އިނގޭ. މިއަންނަނީ ދޮންތައާއި ވާހަކަދައްކާލާފައި" ސޯފާގައި އަޒްކާ ބައިންދާފައި ނަތާޝާ ސިޑިން އަރައިގެން ދިޔައެވެ.
"އަޒްކާތަ ކިޔަނީ އެކޮއިއަށް" އަޒްކާ އިސްތަށިގަނޑުގައި ފިރުމާލަމުން ހައްވަ އަހާލިއެވެ. އަޒްކާ ހީލާފައި ބޯޖަހާލިއެވެ.
"އެއްޗެއް ކައިފިންތަ...؟ ކާން ހަދަންތަ....؟" ހައްވަ އަހާލިއެވެ. ވަގުތުން އަޒްކާ ދެފަރާތަށް ބޯހުރާލިއެވެ. މިވަގުތު އޭނާ ކައެއްޗެއްވެސް ބޯއެއްޗެއްވެސް ބޭނުމެއްނޫނެވެ. އޭނާ ބޭނުންވަނީ ބޯހިޔާވަހި ކަމެކެވެ. ބަދިގެއަށް ވަދެގެން ދަމުން އަދި އެއްފަހަރު ހައްވަ ފަހަތަށް އެނބުރި އަޒްކާއަށް ބަލައިލިއެވެ. އަޒްކާގެ މޫނު އޭނާގެ ހަނދާންތައް މީގެ އެތައް އަހަރެއް ކުރިއަށް ދަތުރުކުރަން މަޖްބޫރު ކޮށްފިއެވެ.
**************************
ނަތާޝާ ކޮޓަރިއަށް ވަތްއިރު ނަޝްވާ ފެންނާކަށް ނެތެވެ. ފާހާނާއިން ފެން އަޑު އިވޭތީ ނަޝްވާ ވީ ފާހާނައިގައި ކަން ނަތާޝާއަށް އިނގުނެވެ. ނަޝްވާގެ ނުވަ މަހުގެ ދަރިފުޅު ޔޫކް އެނދުގައި ވަރަށް މަޑުމަޑުން އޮތެވެ. ނަތާޝާ ސިއްރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ޔޫކް ގާތުގައި އޮށޯތެވެ. ނަތާޝާ ފެނުމާއެކު ޔޫކްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ފާހާނާއިން ނިކުތް ނަޝްވާއަށް އެނދުގައި އިން ނަތާޝާ ފެނުމާއެކު ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ.
"ކޮން ދަތުރެއް؟ ދޮންތަ ހީކުރީ ނަތާ ދޮންތަ އުޅޭ ހިސާބަކަށް ނާންނާނެކަމަށް. ދޮންތަ ކަމަށް ދާންޖެހޭނީ ނަތާގެ މޫނު ދެކިލަން" ޔޫކްގެ އަނެއްފަރާތުން އެނދުގައި އިށިންނަމުން ނަޝްވާ ބުނެލިއެވެ.
"ދޮންތަ ކައިރިއަށް ނައިސް ދެން ނަތާ ދާނީ ކާކު ކައިރިއަށް؟" ނަތާޝާ ބުނެލިއެވެ.
"މިއަދު ޔުނީފޯމްގަ ކީއްވެ...؟ ޑިޔުޓީގަ އުޅެފަތަ ތިއައީ...؟" ނަޝްވާ އަހާލިއެވެ.
"ދޮންތާ....! ދޮންތަ ހީކޮށްފާނެ ކަމަކު ކިޔަންވެގެންނޭ ނަތާ އައިސް މިހުރީ. އެހެންނޫނީ މިގެއަށް ނާންނާނޭ... އެހެނެއްނޫން. ނަތާ ވަރަށް އަންނަން ބޭނުން. ނާދެވެނީ... ސޮރީ އިނގޭ ދޮންތާ..." ނަތާޝާ ދެރަވެލާފައި ބުނެލިއެވެ.
"ދޮންތަ އެހެން ބުނީމަ ދޮންތަގެ ބޭބީސިސް ހާދަ ދެރަތިވީ. އެއީ ދޮންތަ އެހެން ބުނި އެއްޗެއް ނޫން. ދޮންތައަށް ހީވަނީ ކޮންމެސް ކަމެއް ވެއްޖެހެން" އެނދު ވަށާލާފައި އައިސް ނަތާޝާގެ ކައިރީގައި އިށީންނަމުން ނަޝްވާ ވާހަކަދެއްކިއެވެ.
"ދޮންތާ...؟ ނަތާގެ ބެސްޓްފްރެންޑް އަޒްކާ އިނގެއެއްނު. އެކުއްޖާ އުޅޭ ގެއިން ނިކުމެއްޖެ. އޭނަ ގެންދާނެ އެއްވެސް ތަނެއް ނެތް. އަޒްކީގެ އެއްވެސް މީހަކުވެސް ނެތް. މިގޭގައި އަޒްކީ ބަހައްޓަދީފާނަންތަ...؟ ނަތާ އަޒްކީގެ ހުރިހާ ކަމެއް ބަލާނަން. ދޮންތަވެސް ދޮންތަބެވެސް އެއްވެސް ޝަކުވާއެއް ކުރާކަށް ނުޖެހޭނެ" ނަތާޝާ ވާހަކަދެއްކިއެވެ.
"އަޒްކާ..... ދޯ.... މަންމަ ކިޔާދިނޭ އެކުއްޖާގެ ވާހަކަ. ތިވަރުގެ ކަމެއް ހީވޭތަ ނަތާއަށް ދޮންތަ ނުކޮށްދީފާނޭ. އަޒްކާ މިގޭގައި ހުރިއްޔާ ދޮންތަ ފޫހިވެސް ފިލާނެއްނު. ދޮންތަބެ ގެއަށް ނާންނަ ރެއެއް ވިއްޔާ ދޮންތަ ހުންނަނީ ފޫހިވެގެން މޮޔަވާވާރުވެފަ. ޔޫކް ނެތްނަމަ މޮޔަވީސް" ނަޝްވާ ވާހަކަދެއްކިއެވެ. ވާހަކަދެއްކުމުގެ ތެރެއިން އޭނާ އެއްފަހަރު އެނދުގައި އޮތް ޔޫކަށް ނަޒަރެއްދިނެވެ.
"އަޒްކީ ބަނޑުބޮޑު. ވިހަންވެފަ އިނީ. އަޒްކީ އަތުގަ އޭނަގެ އަމިއްލަ ކަންތައްތައް ކޮށްލެވޭ ވަރަށް ފައިސާ ހުންނާނެ. ހަމައެކަނި ދޮންތަ އޭނާގެ ކެއުމާއި ހުރުން ހަމަޖައްސާލަދީ" ނަތާޝާ ވާހަކަދެއްކިއެވެ.
"ދޮންތައަށް މިހާރު އިނގިއްޖެ އަޒްކާއަކީ ނަތާއަށް ކިހާވަރެއްގެ ކާކުކަން. ނަތާ އަޒްކާދެކެ ވަރަށް ލޯބިވާކަން. އަޒްކާއަށް ނަތާ ކަހަލަ އެކުވެރިޔަކު ލިބުން އެއީ އަޒްކާގެ ނަސީބުގަދަކަން. ތިކަންތައް ހަމަ ހެޔޮހިތުން ދޮންތަ ކޮށްދޭނަން" ނަތާޝާގެ މޫނުގައި ލޯތްބާއެކު ފިރުމާލަމުން ނަތާޝާ ބުނެލިއެވެ.
"ދޮންތާ...! އަދި އެއް ކަންތައް. ނަތާ ނުބުނަނީސް މަންމަމެންނަށް އަޒްކީ ހުންނަނީ މިގޭގަކަން ނާންގައްޗެ. އެއީ އަޒްކީ ބޭނުންވި ގޮތް. ސަބަބެއް އަދި ނަތާއަށްވެސް ނޭނގޭ. ނަތާއަށް އިނގުނުހާ އަވަހަކަށް ދޮންތަ ކައިރީގައި ބުނާނަން" ނަޝްވާގެ އަތުގައި ހިފާލަމުން ނަތާޝާ ބުނެލިއެވެ. ނަޝްވާ ބޯޖަހާލިއެވެ.
"ނަތާއަށް އިނގޭ ނަތާ ބޭނުން ކޮންމެކަމެއް ދޮންތަބެ ހެޔޮހިތުން ކޮށްދޭނެކަން. އެހެންވެ ދޮންތަބެ ކައިރީގައި އަދި ނުބުނަން. ދޮންތައަށް ވުރެ މާބޮޑަށް ދޮންތަބެ ނަތާދެކެ ލޯބިވޭ..." ނަތާޝާ ހީލަމުން ވާހަކަދެއްކިއެވެ.
"އެހެންތަ...! ދެން ކީއްކުރަން ދޮންތަ ކައިރީގައި ތިހުރިހާ ވާހަކައެއް ތިދެއްކީ... ދޮންތަބެ ކައިރީގައި ދެއްކިނަމަ..." ނަތާޝާގެ ބޮލުގައި މަޑުމަޑުން ޖަހާލަމުން ނަޝްވާ ބުނެލިއެވެ. ނަތާޝާ ނަޝްވާގެ ގައިގައި ބައްދާލިއެވެ.
"ހިނގާބާ އަޒްކާ ކައިރިއަށް ދޮންތަ ގޮވައިގެން. އެބައިންތަ ބޭރުގަ...؟" ނަޝްވާ އަހާލިއެވެ. ނަޝްވާ ކޮޓަރިން ނިކުތީ އެނދުގައި އޮތް ޔޫކް ގޮވައިގެންނެވެ.
**************************
ނަތާޝާއާއި އެކުގައި ސިޑިން ފައިބައިގެން އަންނަ ނަޝްވާ ފެނުމާއެކު ސޯފާގައި އިން އަޒްކާ ކޮޅަށް ތެދުވިއެވެ. ނަޝްވާ އަޒްކާ އާއި ބައްދަލުކުރީ އުފާވެރި ހިނިތުންވުމަކާއި އެކުގައެވެ. ނަޝްވާ އަޒްކާ ހީކުރި ވަރަށް ވުރެ މާބޮޑަށް ވެސް ހެވެވެ. އަޒްކާ ދެލޮލުން ކަރުނަ ނީރާލީ ނަތާޝާ ފަދަ އެކުވެރިޔަކު އޭނާއަށް ދެއްވި ކަމަށްޓަކައެވެ. ނަތާޝާ އެގެއިން ދިޔައީ އަޒްކާއަށް ކޮޓަރި ދައްކާފައި ކޮންމެ ދުވަހަކުވެސް ބައްދަލުކުރަން އަންނާނެ ކަމަށް ބުނެފައެވެ.
"އަޒްކާ އާދޭ އިނގޭ ފްރެޝްވެލައިގެން. ހައްވައްތަ ކާއެއްޗެއް ތައްޔާރުކޮށްދޭނެ. ދޮންތަ މިދަނީ ސެލޫނަށް ދާންވެގެން. އެއްޗަކަށް ބޭނުންވެގެން ނުބުނެ ނުހުންނާތި އިނގޭ. ފުރިޖުގަ ހުންނާނެ ފްރުޓްސް. ކައިގެން ހުންނާތީ..." ނަޝްވާ ތައްޔާރުވެގެން ނިކުތް އިރު އަތްމަތީގައި ޔޫކް ރީތިކޮށްލާފައި އިނެވެ. އަޒްކާ ހަނދާންވިއެވެ. އެއްދުވަހު ނަތާޝާ އޭނާ ކައިރީގައި ބުންޏެވެ. ނަޝްވާއަކީ މޭކަޕް އާޓިސްޓެކެވެ. އެހާ ވަރަށް މޭކަޕް ކޮށްލައިގެން އެހެރީ އެހެންވެތާއެވެ.
"ޔޫކް ގޮވައިގެންތަ ދަނީ...؟" އަޒްކާ އަހާލިއެވެ.
"އަޒްކާ ތިނޫން ހާލެއްގަ އިންނަމަ ބަހައްޓާފަ ދާނީ. ހައްވައްތަ އުމުރުން ދުވަސްވެފަ އިނީމަ ހައްވައްތަ ކައިރީގަ ބަހައްޓާފަ ދާކަށް ނުކެރޭނެއްނު. ހައްވައްތަ ރެސްޓްކުރާނީ ދޮންތަ އަންނަންދެން. ޔޫކް ހުންނާނެ މަންމަ ކައިރީގައި. ނިންމާފައި އަންނާނީ ގޮވައިގެން" ނަޝްވާ އޮޅުންފިލުވައިދިނެވެ.
**************************
އެހެން ދުވަސްތަކާއި ހިލާފަށް މިއަދު މެންދުރު ކެއުމަށް ބުރުހާނުއްދީން ގެއަށް އައެވެ. ކޮޓަރިއަށް ވަދެ ލެޕްޓޮޕާއި އަޅައިގެން ހުރި ޓައީ ބޭއްވުމަށްފަހު އޭނާ ކާބަޔަށް ދިޔައެވެ. އޭނާއަށް ހައިރާންކަމެއް ލިބުނީ މޭޒުމަތި ހުސްކޮށް އޮތްތަން ފެނުމުންނެވެ. އޭނާ އޮފީހަށް ދިޔުމުގެ ކުރިން ހެނދުނު ސައިބޯން އައިރުވެސް އޮތީ ހަމަ އެގޮތަށެވެ. އެވަގުތު އޭނާ ހީކުރީ ފަޒާއަށް ކަމެއް ދިމާވެގެން ސައިހަދަން ނުފޭބުނީ ކަމަށެވެ. ބުރުހާނުއްދީން ބަދިގޭ ދޮރަށް އަރާފައި ފަޒާއަށް ގޮވާލިއެވެ. ހަބަރެއް ނުވިއެވެ. އޭނާ ކަންބޮޑުވެފައި ކޮޓަރިއަށް ވަދެގެން ގޮސް އެއްފަރާތުގައި ހުރި ސޯފާގައި އިށިނެވެ. ފޯނު ނަގާ މާހިލްގެ ފޯނަށް ގުޅިއެވެ. މާހިލް ޖަވާބެއް ނުދިނެވެ. އެގޮތުގައި އެތައް އިރަކު މާހިލްއަށް ގުޅަން އިނުމަށްފަހު އޭނާ ކޮޓަރިން ނިކުތެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ މަރުފަދަ ހަމަހިމޭންކަމެވެ. ކޮޓަރި ދޮރުމަތީގައި އިރޮކޮޅަކު ވިސްނާލަން ހުރުމަށްފަހު އޭނާ މާހިލްގެ ކޮޓަރީގައި ޓަކި ޖަހަން ފެށިއެވެ. ދޮރު ހުޅުވީ ޓަކިޖަހާތާ އެތައް އިރެއްވީ ފަހުންނެވެ.
"މާހިލް.....!!!" ދޮރުމަތީގައި އިސްޖަހާލައިގެން ހުރި މާހިލްއަށް ފުން ނަޒަރަކުން ބުރުހާނުއްދީން ބަލާލިއެވެ. މާހިލްގެ ބޮލުގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ބުރުހާނުއްދީން ހިތުގައި ޝައްކު އުފެދުނެވެ. "ކިހިނެއްވެގެންތަ މިއުޅެނީ؟ މިގެއެކޭ ފަޅު ހާއްޔެކޭ އެއްގޮތެއްނު. އަހަރެން މިވަރަށް ގުޅާއިރުވެސް އަޅާވެސްނުލާ ކޮޓަރީގަ ތިއޮންނަނީ....؟؟" ހިތްހަމަނުޖެހިފައި ބުރުހާނުއްދީން ވާހަކަދެއްކިއެވެ.
"އަޅުގަނޑަށް ނިދިފައި އޮތީ" މާހިލް ބުނެލިއެވެ.
"ބައްޕައަކަށް ހިއެއްނުވޭ މާހިލް އޮތީ ނިދާފަހެނެއް. ދޮގުނަހަދާ ތެދަށް ވެގެން އުޅޭ ކަމެއްފަހުން ކިޔާދީބަލަ؟" ބުރުހާނުއްދީން ހަރުކަށިކަމާއެކު ވާހަކަދެއްކިއެވެ. މާހިލް އިސްޖަހާލިއެވެ. ވެގެން އުޅޭ ކަންތައް ބައްޕައަށް ކިޔާދޭންވީ ހެއްޔެވެ؟ އޭނަގެ ވާހަކަތަކަށް ބުރުހާނުއްދީން އިތުބާރު ކޮށްފާނެބާއެވެ.
"ކޮބާތަ ފަޒާ...؟" ބުރުހާނުއްދީން އަހާލިއެވެ. އިސްޖަހާލައިގެން ހުރި މާހިލް ބުރުހާނުއްދީނަށް އަވަސް ނަޒަރެއްދިނެވެ.
"ކޮބާހޭ ފަޒާ...؟ އަދިވެސް ނުހޭލަނީތަ...؟" ބުރުހާނުއްދީންގެ އަޑު ބާރުވިއެވެ.
"ފަޒާ މިގެއިން ހިނގައްޖެ" އެންމެފަހުން މާހިލް ބުނެލިއެވެ.
"ކީކޭ....؟؟ ފަޒާ މިގެއިން ދާންޖެހުނީ ކީއްވެގެން...؟ މާހިލް ކޮން ކަންތައްގަނޑެއް ހިންގާލީ" ބުރުހާނުއްދީން ބުނެލިއެވެ. އަޑުގައިވަނީ ހިތްހަމަނުޖެހުމެވެ.
"ބައްޕަ ތި ހީކުރާހާ ރަނގަޅު ކުއްޖެއްނޫން ފަޒާއަކީ. އޭނަ އެ އަޒްކާއާއި ބައިވެރިވެގެން ވަރަށް ނުބައި ކުޅިވަރެއް ކުޅެން އުޅުނީ. އެކަހަލަ އަންހެނަކާއި އިނދެގެން އުޅެން އަޅުގަނޑު ބޭނުމެއްނޫން. . އަޅުގަނޑު ގޮތެއް ނިންމީ އަމިއްލަ ލޮލުން ދެކި އަތުން ހިފާފަ. އަޅުގަނޑު އެދެމީހުންވެސް މިގެއިން ނެރެފިން" މާހިލް ވާހަކަދެއްކިއެވެ. ބުރުހާނުއްދީން އެއްޗެއް ނުބުނެ ދެއަތް ފުރަގަހަށް ލައިގެން އިރުކޮޅަކު ހުއްޓެވެ.
"ނުވެސް ދަންނަ ތާކުންތާކު ނުޖެހޭ މީހުން މިގެއަށް ގެނެސް ވައްދަންޏާ ތިއަށް ވުރެ މާބޮޑެތި ބޮނޑިވެސް މާހިލްއަށް ލިބޭނެ. ގާތްކޮށްގެން އުޅޭނީ ގާތްކޮށްގެން އުޅެވޭ ވަރުގެ މީހުން" ބުރުހާނުއްދީން ވާހަކަދެއްކިއެވެ.
"ބައްޕަ ހާސްނުވޭ. ބައްޕައާއި އަޅުގަނޑުގެ ކަންތައްތައް ކޮށްދޭނެ ގެންގުޅޭނެ މީހަކު ހޯދާނަން. ނުލިބުނިއްޔާ ބޮޑުދައިތަ ގެންނާނީ" މާހިލް ބުނެލިއެވެ. ބުރުހާނުއްދީން ބޯޖަހާލިއެވެ.
"ބައްޕަ ބުނަންތަ ވާހަކައެއް. މިގޭ ހަތަރުފާރުން އެތެރެއަށް ދެން ފަޒާ ވައްދައިގެން ނުވާނެ. އަންހެނުންނަށް އެވަރަށް ދޫ ދޭއެއްޗެއް ނޫން. އެމީހުން ބަހައްޓަންޖެހޭނީ އެމީހުންގެ ފެންވަރު ދައްކާފަ. ބައްޕައަކީ ދަރިފުޅުނަމަ ފަޒާއަށް ދުވަހަކު ހިތުން ނުފިލާވަރުގެ ބޮނޑިއެއްދީފަ ނެރެލާނީ" ބުރުހާނުއްދީން ވާހަކަދެއްކިއެވެ. އޭނާގެ ހަނދާނަށް މާޒީގެ ތެރެއިން ދުވަހެއް އައެވެ. އޭނާގެ ތުންފަތަށް ނުލަފާ ހިނިތުންވުމެއް ވެރިވިއެވެ.
ބުރުހާނުއްދީން އޭނާގެ ކޮޓަރިއަށް ވަތް މަންޒަރު ބަލަން ހުރި މާހިލްގެ ތުންފަތް ދެއަރިމައްޗަށް ދެމިލިއެވެ. އޭނާ ހިނިގަނޑެއް ޖަހާލަމުން އިސްތަށިގަނޑު ތެރޭގައި އަތް ހިންގާލިއެވެ. އޭނާގެ ވާހަކަތައް އެހާ ފަސޭހައިން ބުރުހާނުއްދީން ޤަބޫލުކުރުމުން އޭނާ ހުރީ ހިތްހަމަޖެހިފައެވެ.
"އަޒްކާ... ގެޓް ރެޑީ ފޯރ ރިވެންޖް..." ނުލަފާ ވައްތަރަކަށް ތުނބުޅީގައި އަތް ހާކާލަމުން މާހިލް ބުނެލިއެވެ.
**************************
ސިޓިންގްރޫމުގައި ހުރި ސޯފާގައި ފަރީޝާ އިނީ ހާސްވެ ކަންބޮޑުވެފައެވެ. އޭނާއަށް ހިތްވަރު ދިނުމަށް ދާދި ކައިރީގައި ނުޝައިބާ އިނެވެ. ސިޑީގެ ހަރުފަތްތަކުގެ މަތީގައި އިށީނދެގެން ފަރީޝާއަށް ބަލަހައްޓައިގެން ކަރުއެލުވާލައިގެން އަމީޒާ އިނެވެ. ގޭތެރޭގައި ހިނގައިގެން އުޅޭ ކަންތަކުން އޭނާގެ ހިތަށް ވަނީ ވަރަށް އަސަރުކޮށްފައެވެ. ބަރާބަރަށް ފަރުވާ ލިބެންފެށި ފަހުން ވަށައިގެންވި މާހައުލުގައި ހިނގަމުންދާ ހުރިހާ ކަމެއް މިހާރު އަމީޒާއަށް އިހުސާސް ކުރެވެއެވެ. މީހުން ދައްކާ ވާހަކަތައް އޭނާ ސިކުނޑިއަށް ނަގައިގަނެވެއެވެ. އޭނާގެ ސިކުނޑި ބަރާބަރަށް މަސައްކަތް ކުރެއެވެ.
ދުރުދުރުގައި ފިޔަވަޅު އަޅަމުން އައި މުހްސިން ވަދެ ހުއްޓުނީ ސޯފާގައި އިން ފަރީޝާގެ ކުރިމަތީގައެވެ. ހާސްކަމާއެކު ފަރީޝާގެ މޫނަށް ބަލާލުމަށްފަހު ސިޑިބަރި ވަށާލާފައި ގޮސް ފަޒާގެ ކޮޓަރީ ތަޅުގައި ހިފިއެވެ. އެތެރެއިން ތަޅުލާފައި ހުރުމުން ހުޅުވޭގޮތެއް ނުވިއެވެ. ގޭގައި ބާކީ ތިބި މީހުންވެސް މުހްސިން ފަހަތުން އައިސް ހުއްޓުނެވެ. މުހްސިން ވަރަށް ބާރަށް ފަޒާގެ ކޮޓަރީ ދޮރުގައި ތަޅާފައި ގޮވަން ފެށިއެވެ. އެތެރެއިން ހަބަރެއް ނުވިއެވެ. އިސާހިތަކު މުހްސިނަށް ރޮވިއްޖެއެވެ. ފަޒާއަކީ އޭނާގެ މުޅި ދުނިޔެއެވެ.
"ޔާރައްބީ... މަގޭ ދަރިއަށް ކިހިނެއްވީބާ..." މުހްސިން ފަރީޝާއަށް ބަލައިލިއިރު އެދެލޯ ހުރީ ކަރުނުން ފުރިފައެވެ. އަޒްކާ ސިޑިން ފައިބައިގެން އައީ ގޭތެރެ އަޑުގަދަވުމުންނެވެ. ވާނުވާ ނޭނގި އަޒްކާ ގޮސް ހުއްޓުނީ ނުޝައިބާ ކައިރީގައެވެ. ނުޝައިބާ ބަލައިލުމާއެކު ލޮލުގެ އިޝާރާތުން ވީކީތްތޯ އަހާލިއެވެ. ފަރީޝާއާއި މުހްސިން ރޯމަންޒަރު ފެނުމުން ނުޝައިބާވެސް ހުރީ ފާޑަކަށް ފެންކަޅި ވެފައެވެ. ނުބައި އެއްޗެހި ހިތަށް އަރާ ފައިބާވަރުން މީހާ ހުރީ ދާހިތްލާ ފޯވެފައެވެ. ހިތުގެ ވިންދު ވަނީ އަވަސްވެފައެވެ.
ފަޒާގެ ކޮޓަރިން ހަބަރެއް ނުވުމުން މުހްސިންގެ ސިކުނޑި ސުމަކަށް ދިޔައެވެ. ހަރަކާތް ހުއްޓިފައި އިރުކޮޅަކު އޭނާ ހުރުމަށްފަހު ހިނގައިގަތެވެ. މަސައްކަތް ކުރަން ގެންގުޅޭ ސާމާނުތައް އަޅާފައި ހުންނަ ވަތްގަނޑު ހުޅުވާލާފައި އޭގެއިން ނެގި މަރުތޭލެއް ހިފައިގެން އައިސް ފަޒާގެ ކޮޓަރީ ތަޅުގައި ތަޅަން ފެށިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ތަޅު ފުނޑުފުނޑުވިއެވެ. މަރުތެޔޮ ބާއްވާފައި ދޮރު ފޭކޮށްލުމަށްފަހު އެންމެ ފުރަތަމަ ވަނީ މުހްސިނެވެ. އެނދު ކައިރިއަށް ވެއްޓިފައި އޮތް ފަޒާ ފެނުމާއެކު ދެމަފިރިން އެކީގައި ދުއްވައިގަތެވެ. ދެމަފިރިން އެކީގައި ނުފުށަށް އޮތް ފަޒާ ފުރޮޅާލިއެވެ. ސައިޑް ކަބަޑްގެ ދާރައިގައި ފަޒާގެ ނިތްކުރި ޖެހި އަރިމަތިން ފެޅިފައި ހުރި ކުޑަ ތަންކޮޅުން ލޭ އަންނަމުން ދިޔައެވެ. ދެލޯ މެރިފައި އޮތް އިރު ގިނައިރުތަކެއް ވަންދެކަށް ރޮއެފައި ހުރި ކަރުނައިގެ ނިޝާންތައް ލޮލުގެ ދެފަރާތުން ފާޅުވާން ހުއްޓެވެ. ފަޒާ ދެއަތް މައްޗަށް އުފުލާލުމަށްފަހު އެނދުގައި ބޭއްވީ މުހްސިނެވެ. ނުޝައިބާ ފަސްޓްއެއިޑް ބޮކްސް ގެނެސްދިނުމާއެކު ނިތްމަތިން ފަޅައިގެން ގޮސްފައި ހުރިތަން ފަރީޝާ ސާފުކުރަން ފެށިއެވެ. ސައިޑްކަބަޑް މަތީގައި ހުރި ފެންޖަގުން ފެންތައްޓެއް އަޅާފައި ފަރީޝާއަތަށް ދިއްކޮށްލިއެވެ. ފެންތަށި ދިއްކޮށްލި މީހާއަށް ފަރީޝާ ބަލައިލިއެވެ. އެދަނޑިވަޅު އޭނާއަށް ހީލަން ނޭނގުނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތްވަނީ ހާސްވެފައެވެ. އުނގުމަތީގައި ހަބަރު ހުސްވެފައި އޮތީ އޭނާގެ ދެލޮލުގެ ނޫރެވެ. އަތަށް ފެން އަތްގޮށްޓެއް އެޅުމަށްފަހު ފަރީޝާ ލޯތްބާއެކު ފަޒާގެ މޫނުމަތީގައި ހާކާލިއެވެ. ދެފަހަރަކު އެސްފިޔަތައް ތަޅުވާލާފައިވެސް ފަޒާ ލޯ ހުޅުވާނުލިއެވެ. ފަރީޝާގެ ހުއްދައަށް އެދުމަށްފަހު ފަޒާގެ މަގަތުން އިށީނީ އަޒްކާއެވެ. އޭނާއަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށް ފަޒާ ހޭއަރުވަން މަސައްކަތް ފެށިއެވެ. މާގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ފަޒާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އަޒްކާ ތެދުވުމާއެކު އެޖާގައިގައި ފަރީޝާ އިށީނެވެ.
ލޯ ހުޅުވާލިޔަސް ފަޒާގެ ސިކުނޑި މަސައްކަތް ކުރަން ހިނދުކޮޅެއް ނެގިއެވެ. ވަށައިގެންވި މާހައުލަށް އޭނާ ލަސްލަހުން ނަޒަރު ހިންގާލިއެވެ. އޭނާގެ ދެފަރާތުން މަންމައާއި ބައްޕަގެ އިތުރުން ކޮޓަރި ތެރެއިން ގޭގައި އެވަގުތު ތިބި ހުރިހާ މީހުން ފެނުމުން އެސްފިޔަތައް ތިރިކޮށްލިއެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ފޮރުވަން އޭނާ ކުރި މަސައްކަތް ނާކާމިޔާބުވިއެވެ. އޭނާއަށް ރޮވެން ފެށުނެވެ. މާހިލްގެ އަނިޔާވެރި ބަސްތައް އޭނާގެ ހިތް ޒަޙަމްކޮށްލައިފިއެވެ. މުޅި އުމުރަށް އެކީގައިވާނެ ކަމަށް އުންމީދު ކުރި ބައިވެރިޔާ އޭނާ ދޫކޮށްލައިފިއެވެ. އެމީހަކަށްޓަކައި އޭނާގެ ފުރާނަ ޤުރުބާންކުރަން ތައްޔާރަށް ހުރި އިންސާނާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އޭނާގެ މުޅި ދިރިއުޅުން ބަރުބާދު ކޮށްލައިފިއެވެ. މާހިލްއަށް ދުވަހަކުވެސް މާފެއްނެތެވެ.
"ދަރިފުޅާ ކިހިނެއްވީ...؟" ފަރީޝާ އަހާލިއެވެ. ފަޒާއަށް ކެތެއް ނުވިއެވެ. ފަރީޝާގެ އުނގުތެރޭގައި މޫނު ފޮރުވާލިއެވެ. ނުޝާއިބާ ކައިރީގައި ހުރި އަޒްކާ މަޑުމަޑުން ފަހަތަށް ޖެހެން ފެށިއެވެ. ވެގެން އުޅޭ ގޮތް އޭނާގެ ޅަ ސިކުނޑި ދެނެގެންފިއެވެ.
"ކިހިނެއްވީ ދަރިފުޅާ...؟ ކީއްވެ ފޮށި ހިފައިގެން ގެއަށް އަންނަން ޖެހުނީ؟ މާހިލްއާއި ދެކުދިން މައްސަލައެއް ޖެހުނީތަ...؟" މުހްސިން ވާހަކަދެއްކިއެވެ.
"މަންމާ...! އަޅުގަނޑަކީ މިހާރު މާހިލްގެ އަންބެއްނޫން. މާހިލް އަޅުގަނޑު ވަ....ވަރިކޮށްފި..." ރޮމުން ގިސްލަމުން ފަޒާ ބުނެލިއެވެ. ފަރީޝާއަށް ސިހުމެއް ލިބުނެވެ. ކޮންފަދަ ނުބައި ހަބަރެއް ހެއްޔެވެ؟ މުހްސިނަށް މޭގައި އަތް އަޅާލެވުނެވެ. ލޯބިވާ ދަރިފުޅުގެ ޒަވާޖީ ހަޔާތް ރޫޅިފައިވާކަށް އެނގުމާއެކު އޭނާގެ މޭގައި ތޫނު ތަދެއް އުފެދުނެވެ. އޭނާގެ ހިތުގައި އެންމެ ބޮޑު ރިހުމެއް އުފެދުނީ ލޯބިވާ ދަރިފުޅު ރޯ މަންޒަރު ފެނުމުންނެވެ.
"ކް...ކީއްވެ...؟ ކޮބާ މައްސަލައަކީ...؟" ހިތްވަރުކޮށް ދެލޯ ކައިރި ފޮހެލަމުން ފަރީޝާ އަހާލިއެވެ.
"މާހިލް އަޅުގަނޑާއި އިނީ ލޯތްބަކުން ނޫން. މިހުރިހާ ދުވަހުވެސް އަޅުގަނޑު އުޅުނީ ވަރަށް ހާލުގަ. އޭނަ ކުރަމުން އައި ކަންތައް އަޅުގަނޑަށް ފަޅާއެރީ. އަޅުގަނޑު އަންބެއްގެ ގޮތުގައި ބަހައްޓައިގެން އޭނާ ދިޔައީ އެތައް އަންހެންކުދިންނަކާއެކު ލޯބީގެ ކުޅިގަނޑު ކުޅެމުން. އަޅުގަނޑު ބޭނުމެއްނޫން ދެން އެގެއަށް ދާކަށް" ފަޒާ ވާހަކަދައްކަމުން ދިޔައެވެ.
"އަހަރެން މާހިލް ދުލެއް ނުކުރާނަން. އަހަރެން މި ކައިވެންޏާއި ޤަބޫލުވީވެސް އޭނަ މަގޭ ދަރިއަށް ނިކަމެތިކަމެއް ނުދޭނެކަމަށް ވަޢުދުވީމަ. އޭނަ ހީކުރަނީ ކީކޭ ކަމަށްތަ..." މުހްސިން އެނދުން ތެދުވަން އުޅުނު ވަގުތު ފަޒާ ހިފެހެއްޓިއެވެ.
"ނޫން ބައްޕާ... އެމީހަކު ކުރި ކަމެއް އެމީހަކަށް. މާހިލް އެގޮތަށް އުޅެން އޭނަ ދޫކޮށްލާ. އެކަހަލަ މީހަކާއި ބައްޕަ ކަހަލަ މާތް އިންސާނަކު ޒުވާބުކޮށް އެދަރަޖައަށް ބައްޕަ ވެއްޓޭކަށް އަޅުގަނޑު ބޭނުމެއްނޫން" ފަޒާ ބުނެލިއެވެ. މުހްސިން އަލުން ފަޒާ ކައިރީގައި އިށީނެވެ.
**************************
އާދައިގެ މަތިން ފަތިސް ނަމާދަށް އަޒްކާ ހޭލިއެވެ. ނަމާދުކޮށް ނިމިގެން އޭނާ ތިރިއަށް ފޭބީ ބަނޑުހައި ވެގެންނެވެ. ސިޑީގެ ވަކި ހިސާބަކަށް ފައިބާފައި އޭނާ ނަޝްވާ ކޮޓަރިއާއި ދިމާލަށް ބަލާލިއެވެ. ދޮރު ދަށުން ހުދު ކުލައިގެ އެއްޔެއް ފެންނަން ހުއްޓެވެ. ހީވާގޮތުން ނަޝްވާ އުޅެނީ ހޭލައެވެ. އެކޮޓަރި ދޮރުހުޅުވާލާފައި ނަޝްވާގެ ފިރިމީހާ ޝަދީން ނިކުތެވެ.
"ގުޑްމޯނިންގް އަޒްކާ" ސިޑިން ފައިބަމުން އަޒްކާއާއި އަރާ ހަމަވެފައި ޝަދީން ބުނެލިއެވެ. ހީވާގޮތުން ޝަދީން އެދަނީ މޯނިންގް ވޯރކަށެވެ. އެކަން އަޒްކާއަށް އިނގުނީ ޝަދީން ހެދުން އަޅާފައި ހުރި ގޮތުންނެވެ.
"މޯނިންގް. ކޮބާ ދޮންތަ؟" އަޒްކާ އަހާލިއެވެ.
"އެބައުޅޭ ކުޑަމީހާ ހޭލައިގެން. އިރުކޮޅަކުން ނިކުންނާނެހެން ހީވަނީ" ޝަދީން ބުނެލިއެވެ.
ކިހާ އުފާވެރި އާއިލާއެއް ހެއްޔެވެ؟ އުފާވެރިކަމާއި ތަނަވަސްކަން ޙައްޤުވަނީ ވަކި ބަޔަކަށް ހެއްޔެވެ؟ ނިކަމެތި ކަމަކީ އޭނާ ކަހަލަ އަންހެންކުދިންނަށް ޙައްގު އެއްޗެއް ހެއްޔެވެ؟ އޭނާ ކަހަލަ އަންހެންކުދިން ވީ ދުނިޔެ އުމުރު ނިކަމެތިކަމާއި ފަޤީރުކަމުގެ ތާކިހާ ބޮލުގައި އަޅައިގެން ދުނިޔެއިން ނިމިދާން ހެއްޔެވެ؟ ނުވަތަ އުފާވެރިކަމާއި ތަނަވަސް ކަމަކީ އެމީހެއްގެ އަމިއްލަ މަސައްކަތުން ހޯދާ އެއްޗެއް ހެއްޔެވެ؟ އެހެންކަމަށްވާނަމަ އޭނާ އެކަން ހާޞިލްކުރުމަށް ކަންތައް ކުރަންވީ ކިހިނެއް ހެއްޔެވެ؟ ވިސްނުންތަކެއްގައި ހުރެ ބަދިގެއަށް ވަތް އަޒްކާއަށް ބަލަހައްޓައިގެން ދުރުގައި ޙައްވަ ހުއްޓެވެ.
"ހާދަ ބޮޑު ފިކުރެއްގައި ހުރެ ތިއައީ؟" ފުރިޖު ކައިރީގައި ހުރި ޙައްވަ ބުނެލިއެވެ. ޙައްވައަށް ބަލާލުމަށްފަހު އަޒްކާ ޙައްވައަށް ހިނިތުންވުމެއް ދިނެވެ. އަދި ދެފަރާތަށް ބޯހޫރާލިއެވެ.
"ނުވިސްނަން. ހިތަށް އެއްޗެއް އެރީމަ ކުޑަކޮށް...." އަޒްކާ ބުނެލިއެވެ.
"ޙައްވައްތަ ކައިރީގައި ބުނެފިއްޔާ ފަހަރެއްގައި އެކޮއިގެ ސިކުނޑިއަށް ލުޔެއް ލިބިދާނެ" ހިތްހެޔޮ ކަމާއެކު ޙައްވަ ބުނެލިއެވެ.
"ބައެއްފަހަރު މިހެން އުފާވެރިކޮށް އުޅޭ އާއިލާތައް ފެނުނީމަ ދެރަވަނީ. ހިތަށް އަރަނީ މިފަދަ އުފާވެރިކަމެއް އަޅުގަނޑަށް ނުލިބުނީ ކީއްވެބާއޭ؟ ހިތަށް އަރަނީ އަޅުގަނޑު މަރުވާނީވެސް މިގޮތަށް ނިކަމެތިކަމުގައި އުޅެނިކޮށްބައޭ.... ދެން ނޭނގެ އެކަހަލަ ބައިވަރު އެއްޗެހި....." އަޒްކާ ވާހަކަދެއްކިއެވެ.
"ﷲ ގެ ހަޟްރަތުގައި އެއްވެސް އިންސާނަކީ ނިކަމެއްޗެއްނޫން. ފަހުން ވާނެ ގޮތެއް އިނގޭނީ ކާކަށް؟ މިހާރު ތިގޮތަށް ހިތަށް އެރިޔަސް އެކަލާނގެ ޙަޟްރަތުގައި އެކޮއިއަށްޓަކައި ފޮރުވިފައިވާ ރަޙްމަތްތައް އެނގިއްޖެނަމަ އުފަލުން ރޯނެކަން ޔަޤީން. އެކަންތައްތައް ސިއްރުވެފައި އޮތުން އެއީވެސް ހިކްމަތެއް. އެހެންވީމަ ތިކަހަލަ އެއްޗެއް ހިތަށް އެރިޔަސް އަވަހަށް ހިތުން ފޮހެލާ. އުންމީދު ކަނޑާނުލާ ހެއްދެވި ފަރާތަށް އަޅުކަން ކުރުމުގައި ދެމިހުރޭ. ދެއްވާފައިވާ މިންވަރަށް ޝުކުރުކުރޭ..." އަޒްކާގެ ފަހަތުން ހުއްޓި އިސްތަށިގަނޑުގައި ފިރުމާލަމުން ޙައްވަ ވާހަކަދެއްކިއެވެ. އަޒްކާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. އޭނާއަށް ޙައްވަ ވިސްނާދިނީ މޯހަންދާސްއާއި އިނާޝާ ފަދައިންނެވެ. އިހްތިޔާރަކާއިނުލާ އޭނާއަށް ޙައްވަގެ ބަނޑާއި ހަމައިގައި ބައްދައިގަނެވުނެވެ.
"އަލްހަމްދުލިއﷲ. ދެން އެވަރަށް ނުވިސްނާ. މާބަނޑު އިރުގައި ކަންތައްތަކާއި ވިސްނާ ފިކުރު ހިންގުމަކީ ރަނގަޅުކަމެއް ނޫން. އެކޮއި މިހާރު ތިއީ އެކެއްނޫން. ދެމީހުން" ޙައްވަ ވާހަކަދެއްކިއެވެ.
"ކޯޗެއް ތައްޔާރުކޮށްދެންވީ؟ ސައިތަ...؟ ކޮފީތަ....؟" ދެލޯ ކައިރި ފޮހެލަމުން އިސްޖަހާލި އަޒްކާއަށް ނަޒަރެއްދެމުން ޙައްވަ އަހާލިއެވެ.
"އަޅުގަނޑު އަމިއްލައަށް ހަދާލަފާނަން" އަޒްކާ ބުނެލިއެވެ. ޙައްވަ ހީލިއެވެ. އަމިއްލައަށް ކިރުތައްޓެއް ހަދައިގެން އައިސް އަޒްކާ އިށީނީ މޭޒު ކައިރީގައެވެ. އިރުކޮޅަކާއި ޙައްވަ އަޒްކާއަށް ބަލައިލައެވެ.
"ޙައްވައްތަ ތަ މިގޭ ހުރިހާ މަސައްކަތެއް ކުރަނީ..." ކުޑަ އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަޒްކާ އަހާލިއެވެ.
"ހަމައެކަނި ބަދިގޭ މަސައްކަތް. ނަޝްވާއަކީ ވަރަށް ކިޔަމަންތެރި އަޚްލާޤް ރަނގަޅު ކުއްޖެއް. ކުޑަމީހާގެ ކަމެއްވެސް ޝަދީންގެ ކަމެއްވެސް ކުރަން ޙައްވައްތައަށް ނުޖައްސާ. ޙައްވައްތަ މިގޭ މަސައްކަތް ކުރަން އައީ އަމިއްލައަށް އެދިގެން" ޙައްވަ އޮޅުންފިލުވައިދިނެވެ.
"ޙައްވައްތަގެ ދަރިން ނުތިބޭތަ...؟ މިބުނީ ޙައްވައްތަ ތިބުނީނު އަމިއްލައަށް އެދިގެންނޭ. އެވެސް ތިއުމުރުގަ. މިހާރު ޙައްވައްތައަށް ބޭނުންވާނީ އަރާމެއްނު" އަޒްކާ ބުނެލިއެވެ.
"އެކޮއިގެ ވާހަކަތައް ތިހުންނަނީ ހަމަ އަހަރެންގެ ޅީދަރިފުޅު ގެ ވާހަކަތައް ހުންނަ ގޮތަށް.... ހެހެހެ.... ޙައްވައްތަގެ ހުންނަނީ އެންމެ ދަރިއެއް. އެއީ ހަމީދު" ޙައްވަ ވާހަކަދައްކަމުން ދިޔައެވެ.
"ދެން މިހާރު ކޮބާ އެދަރިފުޅު" އަޒްކާ އަހާލިއެވެ.
"ބާޒާރުމަތީގަ ރިހާކުރު ވިއްކަން އުޅެނީ. މަސައްކަތް ނިންމާފައި ބައެއް ރޭތަކު ނިދަން އަންނާނީ މިގެއަށް. އަނެއްކާ ހެނދުނު ހޭލައިގެން ދާނެ. ކައްކާކެވޭ ގޮތަށް އެއް ކޮޓަރި ކުށްޔަށް ހިފާފައި ހުންނާނެ. އެކޮއި ބުނަންތަ. ޙައްވައްތަގެ އުމުރުން ދޮށިވީމަ ސަރުކާރުން ފައިސާ ލިބޭ. އެހުރިހާ ފައިސާތަކުން އެއްބައި ޙައްވައްތަ ހަރަދުކުރަނީ ހާއްސަ އެހީއަށް ބޭނުންވެފައި ތިބޭ ކުދިންނަށް. މިގެއިން ނަޝްވާގެ ދެމަފިރިން ދޭ ލާރިކޮޅު ފަހަށް ރައްކާކުރަނީ. ނިދާނެތަނާއި ކެއުމާއި ބުއިން މިގެއިން ލިބޭ. ކޮންމެހެން ބޭނުންވާ އެހެނިހެން ހަރަދުކުރަނީ ހަމީދަށް ލިބޭ ލާރިން. ޙައްވައްތަގެ ދަރިފުޅު ޤަބޫލެއްވެސްނޫން މަސައްކަތްކުރަން. އެކަމަކު އުމުރުގެ ފަހުކޮޅަށް އެޅުނީމަ ހެލިފެލިވެ އުޅުނުވަރެއްދޯ ރަނގަޅުވާނީ. ކުރިން ޙައްވައްތަ މަސައްކަތްކުރީ ޝަދީންގެ މަންމަގެ ގޭގައި. މިގެއަށް ގެނައީ ޝަދީން" ޙައްވަ ވާހަކަދައްކަމުން ދިޔައިރު ރޮށި ފިހުމަށް ތައްޔާރު ކުރަމުން ދިޔައެވެ.
"ކޮބާ ޙައްވައްތަގެ ފިރިމީހާ...؟" އަޒްކާ އަހާލިއެވެ.
"ހަމީދުގެ އުމުރުން ހަތް އަހަރުގަ ޙައްވައްތަގެ ފިރިމީހާ ނިޔާވެއްޖެ. އޭގެފަހުންވެސް އިތުރު މީހަކާއި އިނިން. އޭނަވެސް ނިޔާވީ. އޭގެފަހުން ނީންނަން" ޙައްވަ އޮޅުންފިލުވައިދިނެވެ.
"ގެނޭ އަޅުގަނޑުއަތަށް ފިހަން" ވާހަކައިގެ ތެރޭގައި ހުރެފައި ރޮށި ދަމަން ފެށުމުން އަޒްކާ ތެދުވެގެން ގޮސް ޙައްވަ ކައިރީގައި ހުއްޓިފައި ބުނެލިއެވެ.
"ނޫނޭ... އެކޮއި އަރާމުކޮށްލަންދޭ" ޙައްވަ ދެކޮޅު ހެދިއެވެ.
"ނޫނޭ ޙައްވައްތާ. އަޅުގަނޑު މިއައީ މުޅި ރޭ އެއްކޮށް އަރާމުކޮށްފައި. މަސައްކަތެއް ނުކޮށް ހުންނަން އަޅުގަނޑަށް ވަރަށް އުނދަގުވޭ. މީގެފަހުން ބަދިގެ ބަލަހައްޓާނީ ޙައްވައްތައާއި އަޅުގަނޑާއި ދެމީހުން" ހީލަމުން އަޒްކާ ބުނެލިއެވެ. ރޮށި ދަމަމުން އަޒްކާ ދިޔައިރު ކައިރީގައި ޙައްވަ ހުރީ އަޒްކާގެ މޫނަށް ބަލަހައްޓައިގެންނެވެ. އަޒްކާގެ މޫނުމަތިން އޭނާއަށް ދަންނަ މީހަކު ސިފަވަނީ ކީއްވެކަމެއް ބުނާކަށް ނޭނގެއެވެ. އެ މޫނު ފެނުނު ފަހުން އޭނާގެ ހިތުގައި ވަނީ އަޖައިބެއް ކަހަލަ ކުލުނެއް އުފެދިފައެވެ. އަޒްކާގެ ފަރާތުން އޭނާ ހޯދަން ބޭނުންވާ ކިތަންމެ މައުލޫމާތެއް އަދި އެބަހުއްޓެވެ. ނަމަވެސް ހުރިހާ މައުލޫމާތެއް އެއްފަހަރާ ހޯދުމަކީ ރަނގަޅު ކަމެއްހެން ހީނުވާތީ އޭނާ މަޑުކޮށްލިއެވެ.
**************************
ފާހާނައިން ނިކުމެ އަތުގައި އޮތް ތުވާލި ހިފައިގެން ގޮސް ސްޓޭންޑުގައި އަޅުވާލިތަނާ ކޮޓަރީ ތަޅުގައިހިފާ މީހަކު އަނބުރާލިއެވެ. ދޮރާއި ދިމާލަށް ނާހިދު ބަލައިލިތަނާ ޓަކި ޖަހާލިއެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް ދޮރު ހުޅުވާލިއެވެ. ނިދާ ހެދުމުގައި ކުރިމަތީގައި ހުރި އިނާޝާ ފެނުމާއެކު ނާހިދު ހިނިތުންވުމެއް ދިނެވެ.
"މަންމަތަ....؟ މިގަޑީގަ. ކަމަކުތަ މަންމާ....؟" އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލަމުން ނާހިދު ބުނެލިއެވެ. ގަޑިން ބާރަޖަހާ ބޮޑުވެއްޖެއެވެ.
"މަންމަ ވަންނަންތަ...؟" އިނާޝާ އަހާލިއެވެ. އެ މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނެތެވެ.
"އަވަހަށް އާދޭ" އިނާޝާގެ އަތުގައި ހިފައިގެން އައިސް އެނދުގައި ބޭންދިއެވެ. އޭނާ އިށީނީ އިނާޝާގެ އުނގުތެރޭގައި ދެއަތް ބާއްވާލަމުން ތިރީ ކާޕެޓްމަތީގައެވެ. އިނާޝާގެ މޫނަށް ބަލައިލުމަށްފަހު އުނގުގައި ބޯއަޅާލިއެވެ.
"މަންމަ ކުރިމަތީގައި ދަރިފުޅު ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް ދަރިފުޅު ތިކުރަމުންދާ ފިކުރުތައް ތި ދެލޮލުން މަންމައަށް އެބަފެނޭ. އޭގެ ހެކި ދަރިފުޅުގެ ތި ހިކި އަނަރޫފަ ވަމުންދާ ހަށިގަނޑުން ދޭހަވޭ...." އިނާޝާ ލަސްލަހުން ވާހަކަދައްކަމުން ދިޔައެވެ.
"މަންމަ ކޮންކަހަލަ ވާހަކައެއް ތިދައްކަނީ. ތިވާހަކަތައް ދެން ނުދައްކާ ހުއްޓާލަބަލަ. އަޅުގަނޑު މަސައްކަތް އެބަކުރަން ކުރީގެ ދިރިއުޅުމަށް އެނބުރި ދިޔުމަށް" ނާހިދު އެ އޮތްގޮތަށް އޮވެ ބުނެލިއެވެ.
"ދަރިފުޅާ....! ދަރިފުޅުގެ ކައިވެންޏަށް މީހަކު އެދިއްޖެ. ދަރިފުޅު ކައިވެނި ކުރަންވީނުން" ނާހިދުގެ ބޮލުގައި ފިރުމަމުން ހިޔާލަކަށް ގެއްލިފަ އިން ކަހަލަ ގޮތަކަށް އިނދެ އިނާޝާ ބުނެލިއެވެ. ނާހިދު ސިހިފައި އިނާޝާގެ މޫނަށް ބަލައިލިއެވެ. ދެމައިންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ދެލޮލުގައިވެސް އުފެދިފައި ހުރި ކަރުނަތައް އެކަކު އަނެކަކަށް ފެނުނެވެ.
(ނުނިމޭ)